ރައީސް ސިރިސޭނާ ޕާލަމެންޓް އުވާލެއްވި މައްސަލަ ސްރީލަންކާގެ ބޮޑެތި ޕާޓީތަކުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ޕާލަމެންޓް އުވާލައްވައި، އަވަސް އިންތިޚާބެއް ބޭއްވުމަށް ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ގޮވާލެއްވި ގޮވާލެއްވުމާ ދެކޮޅަށް އެގައުމުގެ ބޮޑެތި ޕާޓީތަކުން މައްސަލަ ސުޕްރީމް ކޯޓަށް ވައްދައިފިއެވެ.
ޕާލަމެންޓް އުވާލައްވައި އަވަސް އިންތިޚާބަކަށް ސްރީލަންކާގެ ރައީސް ގޮވާލެއްވީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ.
ރައީސް ސިރިސޭނާ އެ ފިޔަވަޅު އެޅުއްވީ، ބޮޑުވަޒީރު ކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ މަގާމުން ދުރުކުރައްވައި، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވިތާ ދެހަފްތާ ފަހުންނެވެ.
ރައީސް ސިރިސޭނާ ޕާލަމެންޓް އުވާލެއްވި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، ބޮޑުވަޒީރުކަމުން ދުރުކުރެވުނު ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީއާއި، ޓެމިލް ނޭޝަނަލް އެލަޔަންސާއި، ތަމަޅަ އެހެން ޕާޓީއެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން ފްރަންޓްވެސް ހިމެނޭގޮތުން 10 ގްރޫޕަކުންނެވެ.
ޔޫއެންޕީއާއި، ޓެމިލް ނޭޝަނަލް އެލަޔަންސާއި، ޕީޕަލްސް ލިބަރޭޝަން ފްރަންޓް ޕާލަމެންޓްގައި ތަމްސީލުކުރާ މެމްބަރުންއެކަނި އެއްކޮއްލުމުންވެސް ޕާލަމެންޓްގެ ފުރިހަމަ އަޣުލަބިއްޔަތު އެ ތިން ޕާޓީއަށް ލިބެއެވެ.
މިގްރޫޕުން މިއަދު ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުގެ ކިބައިން އެދިފައިވަނީ، ޕާލަމެންޓް އުވާލައްވަން ރައީސް ސިރިސޭނާ ނިންމެވި ނިންމެވުމަކީ ޣައިރުގާނޫނީ ކަމެއް ކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.
"ސުޕްރީމް ކޯޓަށް މިއަދު ހެނދުނު ހުށަހެޅުނު މައްސަލަ ވަނީ ބަލައިގެންފައި. މިމައްސަލައިގެ އަޑުއެހުންތައް ފަށާނެއިރެއް ކަނޑައެޅުއްވުން އޮތީ އުއްތަމަ ފަނޑިޔާރުގެ އަތްޕުޅުމަތީގައި" ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.
ކޯޓު އޮފިޝަލް ވިދާޅުވީ، ޕާލަމެންޓް އުވާލައްވަން ރައީސް ނިންމެވި ނިންމެވުމާ ދެކޮޅަށް މަދަނީ އެކިއެކި ޖަމާއަތްތަކުންނާއި، އަމިއްލަ ފަރުދުންވެސް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އެ ހުރިހާ ހުށަހެޅުންތަކުގައިވެސް އެދިފައިވަނީ، ރައީސް ސިރިސޭނާގެ ނިންމެވުން ބާތިލްކޮށްދެއްވުމަށް ކަމަށް ސުޕްރީމް ކޯޓުގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވެފައި ވެއެވެ.
ރައީސް ސިރިސޭނާ ޕާލަމެންޓް އުވާލެއްވި މައްސަލަ ސުޕްރީމް ކޯޓަށް މިއަދު ހުށަހެޅިއިރު، ޕާލަމެންޓްގެ ރައީސް ކަރޫ ޖަޔަސޫރިޔާ އިއްޔެގައިވަނީ، ރައީސް ކުރައްވާ ޣައިރުގާނޫނީ އެއްވެސް އަމުރެއް ތަންފީޒު ނުކުރުމަށް ސްރީލަންކާ ސަރުކާރު މުވައްޒަފުންނާއި، ސިވިލް ސާވަންޓުންނަށްވެސް ގޮވާލައްވާފައެވެ.
އެކަމަކު، ޕާލަމެންޓް އުވާލެއްވި މައްސަލަ ރައީސް ސިރިސޭނާވަނީ ދިފާއު ކުރައްވާފައެވެ.
ސިރިސޭނާ ވިދާޅުވެފައިވަނީ، ބުދަދުވަހަށް ތާވަލްކުރި ޕާލަމެންޓް ޖަލްސާ ބާއްވައިފިނަމަ މެމްބަރުންގެ މެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާނެ ކަމަށާއި، އޭގެ ނަތީޖާއެއްގެގޮތުން މުޅި ގައުމު މަދަނީ ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓޭނެ ކަމަށެވެ.
"މިމަހުގެ 14 ވަނަ ދުވަހު ޕާލަމެންޓް ޖަލްސާ ބާއްވަން އަޅުގަނޑު ހުއްދަ ދީފިނަމަ، ޕާލަމެންޓްގައި މެމްބަރުންގެ މެދުގައި އަނިޔާވެރި ކުރިމަތިލުންތަކެއް ހިނގާނެ. އެ ކުރިމަތިލުންތައް އަޅުގަނޑުމެންގެ އަވަށްތަކާއި ރަށްތަކަށްވެސް ފެތުރިގެން ދިޔައީސް. އަޅުގަނޑު އެ ފިޔަވަޅުއެޅީ މަދަނީ ހަމަނުޖެހުމެއް ހިނގިޔަ ނުދިނުމަށް" ސްރީލަންކާގައި މިހާރު ފެށިފައިވާ ސިޔާސީ ހަމަޖެހުންތައް ފެށުނުފަހުން ފުރަތަމަ ފަހަރަށް ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ސިރިސޭނާ ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ