ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ އަޅުގަނޑުގެ އަބުރު ނަގާލަން: މައުމޫން

ނިމިދިޔަ ސަރުކާރުގައި މިދިޔަ އަހަރު ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ އެމަނިކުފާނުގެ އަބުރާއި އިއްޒަތް ދިވެހި ރައްޔިތުންގެ ހިތްތަކުން ފިލުވާލުމަށް އަމާޒުކޮށްގެން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނުގެ ކޮއްކޮ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ހާދިސާއަށް މިއަދު އެއް އަހަރު ފުރުމާ ގުޅިގެން އެކަން ފާހަގަކުރައްވާ ނެރުއްވި ބަޔާނެއްގަ އެވެ.
ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވީ މިއަދަކީ ރާއްޖޭގައި އެންމެފަހުން ހިންގި ކުއްލި ނުރައްކަލުގެ ހާލަތު ހިންގަން ފެށިތާ އެއް އަހަރު ފުރުނު ދުވަސް ކަމަށެވެ. އެ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ގާނޫނު އަސާސީގެ އުސޫލުތަކާ ޚިލާފަށް އަދި ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ނަގާލައި އަދުލު އިންސާފުގެ ނިޒާމް ފުނޑުފުނޑު ކޮށްލާފައި ކަމަށްވެސް ވިދާޅުވި އެވެ.
"މިދެންނެވި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ އެންމެ ބޮޑު މަގުސަދަކަށް ވެފައިއޮތީ އަޅުގަނޑު ހައްޔަރުކުރުން ކަން ވަރަށް ސާފުކޮށް ހާމަވެގެން ދިޔަ އެވެ. އަދި އަޅުގަނޑުގެ އަބުރާއި އިއްޒަތް ދިވެހި ލޮބުވެތި ރައްޔިތުންގެ ހިތްތަކުން ފިލުވާލުން ކަންވެސް ފާޅުވެގެން ދިޔަ އެވެ." ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ކަމަށް ގަބޫލުކުރައްވާ ސަބަބުތައް ހާމަކުރައްވަމުން ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ރައީސް މައުމޫން މިބަޔާނުގައި ވަނީ އޭރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު އެންމެ ފުރަތަމަ ހައްޔަރުކޮށް ދޫނިދޫ ޖަލަށް ގެންދިޔައީ އެމަނިކުފާނު ކަންވެސް ފާހަގަކުރައްވާފަ އެވެ. އޭގެފަހުން ދަނބިދަރިފުޅު މުހައްމަދު ނަދީމު ހައްޔަރުކުރުމަށްފަހު އޭރުގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ކަން ވެސް މިބަޔާނުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިތާ މިއަދަށް އެއް އަހަރު ފުރޭއިރު، މުޅި ދިވެހި ގައުމަށް ހާމަވެގެން ގޮސްފައި މިވަނީ އެ ހާލަތުގެ ދަށުން އެންމެންގެ ބޮލުގައި އަޅުވަމުންދިޔަ އިލްޒާމްތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު އިލްޒާމް ތަކެއް ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި އެއީ ވަކިމީހެއްގެ ނުވަތަ ވަކިބައެއްގެ ފައިދާއަށްޓަކައި ގާނޫނުތަކާ ޚިލާފަށް ބާރުގެ ބޭނުންކޮށްގެން އެންމެންގެ އަގު ވައްޓާލަން ކުރެވުނު މަސައްކަތެއް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
"މިއަދު އަޅުގަނޑުގެ އިލްތިމާސަކީ މި އަނިޔާވެރި ޢަމަލުހިންގި މީހުންނާމެދު ކަމާބެހޭފަރާތްތަކުން އިންސާފުވެރި ފިޔަވަޅުތައް އަޅުއްވައި ދެއްވުމެވެ. އެހެންނޫނީ ކުރިޔަށް އޮތްތާނގައިވެސް ބާރުގައި ތިބޭ މީހުން މިބާވަތުގެ އަނިޔާވެރި ޣައިރު ޤާނޫނީ ކަންތައްތައް ކުރުމަކަށް ޖެހިލުމެއް ނުވާނެވެ،" ރައީސް މައުމޫން ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ