ސުޕްރީމް ކޯޓުން ޖުޑީޝަލް ކައުންސިލެއް އުފައްދައިފި

13 ފަނޑިޔާރުން ހިމެނޭ ގޮތަށް ޖުޑީޝަލް ކައުންސިލެއް ސުޕްރީމް ކޯޓުން އުފައްދައިފިއެވެ.ސުޕްރީމް ކޯޓުން އެކުލަވާލި ޖުޑިޝަލް ކައުންސިލްގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ހިމެނިވަޑައިގަންނަވައެވެ. އަދި ހައިކޯޓުގެ އިސް ފަނޑިޔާރާއި ކޮންމެ ކޯޓަކުން ފަނޑިޔާރެއްގެ އިތުރުން، މެޖިސްޓްރޭޓް ކޯޓުތަކުން ހޮވާ ދެ ފަނޑިޔާރު ވެސް އެ ކައުންސިލުގައި ހިމެނިވަޑައިގަންނަވައެވެ. މިކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި، ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަދުލު އިންސާފު ގާއިމުކުރާ ބާރުގެ ހިންގުން އޭގެ އެންމެ ފުރިހަމަ ގޮތުގައި އިންތިޒާމުކޮށް، ހަރުދަނާ ކުރުމަށްޓަކައި އެކަށައަޅަންޖެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި ފަނޑިޔާރުންގެ މެދުގައި މަޝްވަރާ ކުރެވޭނެ ހަރުދަނާ ފޯރަމެއް އޮތުމަކީ އެ ކޯޓަށް ބޭނުންތެރި ކަމެއް ކަމަށެވެ. އެހެން ކަމުން، ދިވެހިރާއްޖޭގެ ގާނޫނީ ބާރު ލިބިދޭ އެންމެ އިސްފަރާތެއްގެ ހައިސިއްޔަތުން، ޖުޑީޝަލް ކައުންސިލެއް އުފެއްދީ އެ ހުރިހާ ކަމަކަށް ބެލުމަށްފަހު ކަމަށް އެ ކޯޓުން ބުނެއެވެ. ސުޕްރިމް ކޯޓުން ޖުޑިޝަލް ކައުންސިލެއް އުފެއްދި އިރު، އެ ކައުސިލް ހިންގާނެ ގަވާއިދެއް ވެސް ސްޕްރީމް ކޯޓުން ވަނީ އާންމުކޮށްފައެވެ. ޖުޑީޝަލް ކައުންސިލްގެ ރިޔާސަތު ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ އުއްތަމަ ފަނޑިޔާރެވެ. އަދި ޖުޑީޝަލް ކައުންސިލުން ނިންމާ ނިންމުންތަކަށް ތަންފީޒީ ބާރު ލިބިގެންދާނީ، އެ ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށައެޅި އެ ނިންމުން ތަންފީޒު ކުރުމަށް އެ މަޖިލީހުން ފާސްކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ