އިންޑިޔާގެ ރައްޔިތަކަށް 150،000 ޑޮލަރު ދެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ވަރަށް އަވަހަށް އިސްތިއުނާފް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ސިވިލް ކޯޓުން ހުކުމުގައި ބުނެފައިވާ ގޮތުން މެމްބަރު ނަޝީދު ފައިސާ ދައްކަވަން ޖެހިވަޑައިގެންފައިވަނީ އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ޑރ. އަލަކާ ސިންހް އަށެވެ. ޑރ.އަލަކާ ސިންހް މި ދައުވާ މެމްބަރު ނަޝީދުގެ މައްޗަށް ކޮށްފައިވަނީ އޭނާ އިންވެސްޓްކޮށްފައިވާ "ބަރުތީލަ" ނަމަކަށް ކިޔާ ކަނޑު އުޅަނދެއް އަލަކާ ބޭނުންވި އަގަށް ވުރެ ކުޑަ އަގެއްގައި މެމްބަރު ނަޝީދު ބޭނުންވި ފަރާތަކަށް ވިއްކާލާފައިވާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
މި ހުކުމާ ގުޅޭގޮތުން މެމްބަރު ނަޝީދު މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ދައުވާއަކީ ޑރ.އަލަކާ އާއި ދެމެދު އަހަރުތަކެއް ވަންދެން އޮތް ރަހުމަތްތެރިކަމެއްގައި އެ ފަރާތުން އެހެން ފަރާތަކާއި ހިންގަން ބޭނުންވި ވިޔަފާރި މުއާމަލާތެއްގައި އޭނާ އެދުނު މިންވަރަށް އެ ވިޔަފާރި މުއާމަލާތުން ފައިސާ ނުލިބޭތީ އޭގެ ބޭރުން މަދުވާ ފައިސާ ފަހަރުގައި ހަމަޖައްސާނެ ގޮތެއް ހޯދާ ދޭންވީ އޭނާ (މެމްބަރު ނަޝީދު) ކަމަށް ބުނެ އެ ފަރާތަށް އެހީތެރިވެދިނުމުގެ ގޮތުން ހެޔޮނިޔަތުގައި މުގާބިލެއް ނެތި އަމިއްލަ އިސްނެގުމުގައި އޭނާ ލިޔުނު އީމެއިލެއްގެ މައްޗަށް ހަމައެކަނި ބިނާކޮށް ކުރި ދައުވާއެއް ކަމަށެވެ.
މެމްބަރު ނަޝީދު ވިދާޅުވީ އެ އީމެއިލްގައި ފާޅުކުރި ހިޔާލަކީ ގާނޫނީ ގޮތުން ތަންފީޒު ކުރެވިދާނެ ހުށަހެޅުމެއް ނޫން ކަމަށާއި އެއީ ޒިންމާއެއް އިލްތިމާޒެއް އުފައްދާ ހުށަހެޅުމެއް ވެސް ނޫން ކަމަށާއި އެ ހުށަހެޅުމަކީ އޯގާތެރިކަމުގައި ހުށަހެޅި އިހުސާންތެރި ހުށަހެޅުމެއް ކަމަށް ބަލައިގަންނަ ކަމަށާއި އެކަމަށް ޝުކުރުވެރިވާ ކަމަށް ޑރ.އަލަކާ އީމެއިލުން ޖަވާބުދެއްވާފައިވާ ކަމަށް މެމްބަރު ނަޝީދު ވިދާޅުވިއެވެ.
"އެއީ، އަޅުގަނޑު އީމެއިލްގައި ފާޅުކުރި ހިޔާލު ފާޅުކުރިފަހުން ހިނގާދިޔަ އެހެން ކަންކަމުގެ ސަބަބުން އަޅުގަނޑު ފާޅުކުރި އެ ހިޔާލު ބާތިލުވެދިޔަ ފަހުން، އޭނާ ކޮށްފައިވާ ގާނޫނީ ހަމައެއް ނެތް ދައުވާއެކެވެ" މެމްބަރު ނަޝީދު ވިދާޅުވިއެވެ.
ސިވިލް ކޯޓުން މިއަދު ހުކުމް ކުރައްވާފައިވަނީ މުގާބިލެއް ނެތި ހުށަހެޅޭ ހުށަހެޅުންތައް ތަންފީޒު ނުކުރެވޭ ކަމަށް ބުނެ ޝަރުއީ ހުކުމްތަކާއި އެ ނޫންވެސް ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ހިލާފަށް ކަމަށް ވެސް މެމްބަރު ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން އެ ހުކުމް އިސްތިއުނާފް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދޮޅު ލައްކަ ޑޮލަރު ދައްކަން ކުރި ހުކުމް މެމްބަރު ނަޝީދު އިސްތިއުނާފް ކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ