ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމް އަލުން މުރާޖައާކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން މިއަދު ސުޕްރީމް ކޯޓަށް ޖަވާބުދާރީވެއްޖެ އެވެ.
ރައީސް ނަޝީދުގެ ގާނޫނީ ޓީމުގައި އިސްކޮށް އުޅުއްވާ ހިސާން ހުސައިން ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމް އަލުން މުރާޖައާކޮށްދިނުމަށް ޕީޖީ އޮފީހުން ހުށަހަޅާފަައިވާ މައްސަލާގައި ނަޝީދުގެ ފަރާތްޕުޅުން މިއަދު ލިޔުމުން ކޯޓަށް ޖަވާބުދާރީވެފައިވާ ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމުގެ ދައުވާ ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ. ހައިކޯޓާއި ސުޕްރީމް ކޯޓުން މީގެކުރިން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.
ސުޕްރީމް ކޯޓުން މިމައްސަލަ ނިންމާފައިވަނިކޮށް އެ ނިންމުން އަލުން މުރާޖައާ ކޮށްދިނުމަށް ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
ޕީޖީ އޮފީހުގެ މައްސަލަ ބަލައިގަނެ ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުން ރިވިއުކޮށް އެ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކުރުމުގެ ގޮތުން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގާ ސުޕްރީމް ކޯޓުން އަމުރެއް ނެރުނީ މިދިޔަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު އެވެ.
މުރާޖައާ ކޮށްދިނުމަށް އެދިފައިވާ މައްސަލާގައި އަދި މިހާތަނަށް އެއްވެސް އަޑުއެހުމެއް ބާއްވާފައެއް ނުވެ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ދައުވާ ސާބިތުވެ 10 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނުގެ މައްސަލަ ވެސް ސުޕްރީމް ކޯޓުން މުރާޖައާ ކުރަމުންދާތީ މިއަދު ވަނީ މިނިވަންކޮށްފަ އެވެ.
ނަޝީދުގެ ހުކުމް މުރާޖައާ ކުރާ މައްސަލައަށް ލިޔުމުން ސުޕްރީމް ކޯޓަށް ޖަވާބު ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ