ސީޕްލޭން ޓާމިނަލްގެ ވާހަކަ ދައްކަނީ އިގްތިސާދު ގެއްލުމުން ސަލާމަތްކުރަން: ނަޝީދު

ސީޕްލޭން ޓާމިނަލް މައްސަލައާ ގުޅޭ ގޮތުން ބަސް ބުނީ، އެއީ އިގްތިސާދަށް ގެލުން ވެދާނެ ކަމެއް ކަމަށް ދެކޭތީ ކަމަށާއި އެކަމުގައި ހިމެނޭ އެއްވެސް ޕާޓީއަކާ ގުޅުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު މިދިޔަ ބުދަ ދުވަހު ވަނީ، ސީޕްލޭން ޓާމިނަލް މައްސަލައަށް އަވަސް ކުރުމަށް ހަލެއް ހޯދުމަށް ގޮަވާލައްވައިފަ އެވެ. އަދި އެކަމަށް އަވަސް ހައްލެއް ނުހޯދިއްޖެ ނަމަ، އާ ރަންވޭ ހުޅުވާލުން ލަސްވުމާ، އަދި ޓީއެމްއޭއަށް ބަދަލުދޭން ޖެހުން ގާތް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެއާއެކު ބައެއް ފަރާތްތަކުން ވަނީ، އެމަނިކުފާނާ އެގޮތަށް ވާހަަކަ ދައްކަވަނީ، ޓްރާންސް މޯލްޑިވްސް އެއާލައިންސް (ޓީއެމްއޭ) އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މަސްލަހަތުގައި ކަމަށް ތުހުމަތުކޮށް ފާޑު ކިޔައިފަ އެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ޝޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ނޯޓުކޮޅެއްގައި ވިދާޅުވީ، އެވާހަކަ އެ މޭރުމުން އެގޮތަށް ދެއްކެވީ އެމަނިކުފާނުގެ ނަޒަރުގައި އެ މައްސަލައަށް އަވަސް ހައްލެއް ނުހޯދިއްޖެ ނަމަ ރާއްޖޭގެ އިގްތިސާދަށް ގެލުންވެދާނެ ކަމަށް ދެކޭތީ ކަމަށެވެ. "ޓީއެމްއަކާވެސް އަދި އެމްއޭސީއެލްއަކާވެސް އަޅުގަނޑާ ގުޅުމެއް ނެތެވެ. ގުޅުން އޮތީ ދިވެހިންނާ އެވެ. ދިވެހި ރާއްޖެއާއެވެ." ރައީސް ނަޝީދު އަމިއްލަ އަތުން ލިޔުއްވައި މިއަދުގެ ތާރީހު ޖައްސަވާ ސޮއިކުރައްވާފައިވާ އެ ނޯޓުކޮޅުގައި ލިޔުއްވާފައިވެ އެވެ. https://twitter.com/MohamedNasheed/status/1227792123166019585 ޓީއެމްއޭއިން މިހާރު ހިންގަމުންދާ ޓާމިނަލާ އެއްވަރުގެ ޖާގައެއް، މިހާރު ކުލި ނަގާ ރޭޓުން އަލަށް ހަދާ ސީޕްލޭން ޓާމިނަލުން އެކުންފުންޏަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް ޓާމިނަލްގެ ބޮޑު ބައެއް އެގޮތަށް ދިނުމަކީ އެމްއޭސީއެލްއަށް އެ ޓާމިނަލުން ލިބެން ޖެހޭ ފައިދާއިން ބޮޑު އަދަދެއް އުނިވާނެ ކަމެއްގެ ގޮތުގައި ބައެއް އާންމުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ދަނީ ފާހަގަ ކުރައްވަމުންނެވެ. އެއާއެކު އިއްޔެ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ސީޕްލޭން ޓާމިނަލް ހަވާލުކުރަން ނިންމާފައި ވަނީ ވަކި ސީޕްލޭން އޮޕަރޭޓަރަކަށް، ނާޖާއިޒް ފައިދާ ލިބޭ ގޮތަކަށް ކަމަށް ތުހުމަތުވާތީ، އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް ބުނެފަ އެވެ. މައްސަލައިގައި އަވަސް ހަލެއް ނުލިބިއްޖެ ނަމަ އިގްތިސާދަށް ގެލުންވެދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، އިއްޔެ އެމްއޭސީއެލް އިން ވެސް ވަނީ މައްސަލައިގައި އަވަހަށް ގޮތެއް ކަނޑަނޭޅިއްޖެ ނަމަ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވިއައިއޭ)ގެ އާ ރަންވޭ ބޭނުން ނުކުރެވި ދިގުލައިގެން ގޮސް ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވުމުގެ ބިރުބޮޑުވެފައިވާކަމަށް ބުނެފަ އެވެ. https://sun.mv/131504 އޭސީސީއިން ބުނަނީ، މިހާރު ސީޕްލޭން ޓާމިނަލް ދޭން ނިންމާފައިވާ ގޮތުން ދައުލަތަށް، އަހަރަކު 29.79-55.06 މިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިވާނެ ކަމަށެވެ. މީގެ އިތުރުން، އޭސީސީއިން ފާހަގަކުރާ ގޮތުގައި އެމްއޭސީއެލްގެ ބޯޑުގެ ބައެއް މެންބަރުންނަކީ އާ ޓާމިނަލްގެ ބޮޑު ބައެއް ދިނުމަށް ނިންމާފައިވާ ޓީއެމްއޭގެ މަސްލަހަތު އޮންނަ ފަރާތްތަކެކެވެ. އެހެން ނަމަވެސް، އެކަމާ ގުޅޭ ނިންމުންތައް ބޯޑުން ނިންމުމުގައި އެ މެންބަރުން ބައިވެރިވެފައިވާ ކަމަށް ވެސް އޭސީސީއިން ފާހަގަ ކުރެ އެވެ. އާ ސީޕްލޭން ޓާމިނަލް ހެދުމުގެ މަޝްރޫއަކީ ސަރުކާރުން ގެރެންޓީ ދޭ ގޮތަށް ނަގާފައިވާ 40 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން، ޗައިނާގެ ބީޔޫސީޖީއާ ހަވާލުކޮށްގެން އެމްއޭސީއެލްއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ