ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު އަދި އެޕާޓީގެ ލީޑަރު ގާސިމްގެ އިބްރާހިމްގެ ކެންޑިޑެސީ ބާތިލްކުރަން އަމިއްލަ މީހަކު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅަން ނިންމައިފި އެވެ.
ސުޕްރީމް ކޯޓަށް އެމައްސަލަ ހުށަހަޅުއްވަނީ ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ކުރިން އެންސްޕާގެ ޗެއާމަން އިބްރާހިމް ވަހީދު އެވެ. އޭނާއަކީ އެމްޑީޕީގެ މެންބަރެކެވެ.
އިބްރާހިމް ވަހީދުގެ ވަކީލް ވިދާޅުވީ ގާސިމްގެ ކެންޑިޑެސީ ބާތިލްކުރަން ހުށަހަޅަން ނިންމާފައިވަނީ އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާތީ އާއި ބާރަ މަސް ދުވަހަށްވުރެ ދިގު ހުކުމެއް އޮވެ، އެ ހުކުމް ތަންފީޒުކޮށް ނިމިފައިނުވާތީ ކަމަށެވެ.
އަދި ގައުމެއްގެ ވެރިއެއްގެ ކިބައިގައި ހުރުމަށް އިސްލާމްދީން ބާރު އަޅާ ސިފަތައް ގާސިމްގެ ކިބައިގައި ނެތުމުގެ ސަބަބުން އެމައްސަލަ ވަރަށް އަވަހަށް ކޯޓަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ކޯޓަށް އެމައްސަލަ ހުށަހަޅާނެ ތާރީހެއް އޭނާ ވިދާޅެއް ނުވެ އެވެ.
ދެހާސް އަށްވަނަ އަހަރު ބޭއްވި ނޫސް ކޮންފަރެންސެއް ގައި ގާސިމް ވަނީ އޭނާގެ މައްޗަށް ހުކުމެއް ކުރިކަމަށް އެއްބަސްވެވަޑައިގެންފައިއެވެ. އޭރު ގާސިމް ވިދާޅުވެފައިވަނީ އޭނާ ޒިނޭ ނުކުރައްވާ ކަމަށާއި ނަމަވެސް އޭނާ ތަހްގީގަށް ގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން ސާދަ މަސް ދުވަހަށް ގޭގައި ބަންދުކުރެއްވި ކަމަށެވެ.
އަދި އޭނާ ގޭގައި ބަންދުކުރެއްވީ ސަރުކާރުގެ ޤާނޫނީ ގޮތުން ބާރުލިބިފައިވާ ފަރާތެއްގައި ދޮގު ދަންނަވައިގެންނާއި ބަދުއަހުލާގީ އަމަލު ހިންގައިގެން ކަމަށް ތުހުމަތުކޮށްކަމަށް ދެހާސްއަށްވަނަ އަހަރު ގާސިމް ވިދާޅުވެފައިވެ އެވެ.
މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ލިޔުމެއްގައި ވަނީ ގާސިމް އަންހެނަކާއި ބަދު އަހުލާގީ އަމަލު ހިންގި ކަމަށް އަމިއްލައަށް އިއުތިރާފްވެފައިވާތީ އެއް އަހަރާއި ހަމަސް ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ހުކުމް ކުރި ކަމަށާއި އަދި 23 މާޗް 1976 ވަނަ އަހަރު ގާސިމް ގޭގައި ބަންދުކުރި ކަމަށެވެ.
ނަމަވެސް ގާސިމް އިބްރާހިމް ފަހުން ވިދާޅުވީ އޭނާ ޒިނޭކުރި ކަމަށް ދެކެވޭ ވާހަކައަކީ ދޮގު ވާހަކަތަކެއް ކަމަށާއި 2008 ވަނަ އަހަރުވެސް ބަޔަކު އެވާހަކަ ދެއްކި ކަމަށާއި ނަމަވެސް އެފަހަރުގެ އިންތިހާބުގައި ވެސް ވާދަކުރެއްވުނު ކަމަށެވެ.
ގާސިމްގެ ކެންޑިޑެސީގެ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ