ރާއްޖޭގައި ދީނީ މިނިވަންކަން އޮންނަން ވާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވިކަމަށް ބުނެ ބައެއް ޓީވީ ޗެނަލްތަކުން މީގެ އެތައް މަހެއް ކުރިން އާންމުކޮށްފައިވާ ވީޑިއޯގެ އެޑިޓްނުކުރާ ވީޑިއޯ އެމްވީޔޫތައް ލިބިއްޖެއެވެ.
ކުރިން އެޑިޓުކޮށްގެން ގެންގުޅުނު ވީޑިއޯގައި ރައީސް މައުމޫން ރާއްޖޭގައި ދީނީ މިނިވަންކަން އޮންނާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
ނަމަވެސް އެމްވީޔޫތަށް ލިބިފައިވާ އެޑިޓްނުކުރާ އޯޑިއޯގައި ރައީސް މައުމޫން ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައިވަނީ ދިވެހިން 100 ޕަސަންޓު މުސްލިމުން ގޮތުގައި ދެމިތިބެން ބޭނުންވާ ކަމަށެވެ.
އެހެންކަމުން ދިވެހި ރައްޔިތުން އިހްތިޔާރުކުރާ ދީނީ މިނިވަން ކަމެއްގައި ދިވެހި ރައްޔިތުންނަށް ތިބެވެން ޖެހޭނެ ކަމަށާއި ދިވެހި ރައްޔިތުން ބޭނުންވަނީ 100 ޕަސަންޓު އިސްލާމީ ގައުމެއްގެ ގޮތުގައި ތިބުން ކަމަށްވާއިރު އެކަންތަކާއި އެއްވެސް ބަޔަކު ނުބެހެވޭނެ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެ އެވެ.
ރައީސް މައުމޫންގެ އެވާހަކަފުޅަކީ 7 ނޮވެމްބަރު 2004 ވަނަ އަހަރު ރަމަޞާން މަހުގެ ރޭތަށް އިހްޔާކުރަން ބޭއްވި ޖަލްސާއެއްގައި ދައްކަވާފައިވާ ވާހަކަފުޅެކެވެ.
"މިސާލަކަށް އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް، އަޅުގަނޑުމެން ބޭނުންވަނީ ސައްތައިން ސައްތަ ގައުމެއްގެ ގޮތުގައި ދެމިތިބުމަށް، އެއީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތް، ދިވެހި ރައްޔިތުން ޒަމާނުއްސުރެ ތިބި ގޮތް، އެކަމަކު އެގޮތް ބަދަލުކޮށްލެވޭތޯ ބޭރުގެ ބައެއް ފަރާތްތަކުން މަސައްކަތްކުރަމުން ގެންދޭ، މުސްލިމް އެބައި މީހުންގެ ދީނުން އެހެން ގޮތަކަށް އަނބުރާލެވޭތޯ, މިއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ހުއްދަކޮށްގެންވާނެ ކަމެއް ނޫން، އެއީ މިހާރު ދުނިޔޭގައި އެބުނާހެން ކޮންމެ ބަޔަކަށް ވެސް މިނިވަންކަން އޮންނަން ޖެހޭ ކަމަށްވަންޏާއި ދިވެހި ރައްޔިތުންނަށް ވެސް ދިވެހި ރައްޔިތުންގެ އިހްތިޔާރުކުރާ ދީނެއްގައި ތިބުމުގެ މިނިވަންކަން ދިވެހި ރައްޔިތުންނަށް އޮންނަން ވާނެ، އެމިނިވަންކަމާއި އެއްވެސް ބަޔަކަށް ނުބެހެވޭނެ،" މައުމޫން ވިދާޅުވި އެވެ.
އަޅުގަނޑުމެން ދިވެހި ރައްޔިތުން ބޭނުންވަނީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ދެމިތިބެން ކަމަށްވަންޏާއި އެއްވެސް ފަރާތަކުން ރާއްޖެއަށްއައިސް ރާއްޖޭގެ ރައްޔިތުން އިސްލާމް ދީނުން އެހެން ދީނަކަށް އަނބުރާލެވޭތޯ މަސައްކަތް ކުރާކަށް އަޅުގަނޑުމެން ހުއްދަކޮށްގެން ނުވާނެ، އެއީ އެމީހުންނަށް ކުރެވޭނެ ކަމެއް ވެސް ނޫން، އަޅުގަނޑުމެންގެ މިނިވަން ކަމަކީ އަޅުގަނޑުމެންގެ ހައްގެއް، އެހެންވީމަ ބޭނުންވަނީ މާތްވެގެންވާ އިސްލާމް ދީނުގެ ތުހުމަތުގައި ފައިތިލަ ސާބިތުކޮށްގެން ތިބެން، އެހެން ކަމަށްވަންޏާއި އެގޮތުގައި ތިބުމަކީ އަޅުގަނޑުމެންނަށް އޭގެ ފުރިހަމަ މިނިވަންކަމާއި ހައްގު ލިބިގެންވާ ކަމެއް، ބޭރުގެ އެއްވެސް ފަރާތަކަށް އެ ހައްގާއި ދޭތެރޭ އެހެން ގޮތަކަށް އަމަލުކުރުމަށް ފުރުސަތެއް އޮވެގެން ނުވާނެ." ރައީސް މައުމޫން އިތުރަށް ވިދާޅުވެފައިވެ އެވެ.
"އެއީ އަޅުގަނޑުމެންގެ ދީން ހުއްދަކުރާ ކަމެއް ވެސް ނޫން، އަދި ބައިނަލްއަގުވާމީ އުސޫލުތައް ހުއްދަކުރާ ކަމެއް ވެސް ނޫން، އަދި ބައިނަލްއަގުވާމީ އުސޫލުތައް ހުއްދަ ކުރާ ކަމެއް ވެސް ނޫން، ކޮންމެ ބަޔަކު ވެސް އެބައެއްގެ އަމިއްލަވަންތަކަމާއި އެބައެއްގެ މިނިވަންކަން އދ. މަޖިލީހަށް، އެނޫން ތަން ތަނުން ވެސް، އެހެންވީމަ އަޅުގަނޑުމެން އިހްތިޔާރުކުރާ ދީނަކަށް އުޅުމަށް، އެއްވެސް ފަރާތަކުން ހުރަސް އެޅުމަކީ އަޅުގަނޑުމެންގެ ދީން ވެސް ގަބޫލުކުރާ އުސޫލެއް ނޫން، އަދި އެއީކީ ބައިނަލްއަގުވާމީ އެއްވެސް އުސޫލެއް ވެސް ހުއްދަ ކުރާ އުސޫލެއް ވެސް ނޫން." އެމަނިކުފާނު ވިދާޅުވި އެވެ.
އަދި ރައީސް މައުމޫންގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ ރާއްޖެ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ބާއްވަން ކުރާ މަސައްކަތް މާތް ﷲ ގެ ވާގިފުޅާއިއެކު އަބަދުވެސް ކުރަމުން ގެންދަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ދީނީ މިނިވަންކަމާއި ގުޅޭ ގޮތުން މައުމޫން ދެއްކި ވާހަކައިގެ އެޑިޓްނުކުރާ ވީޑިއޯ އާންމުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ