އެއްވެސް އިމެއް، ބިރެއްނެތި މަޖާކުރުމަކީ ޝައިތާނާގެ ވަސްވާސް ކަމަށާއި ބިރެއް އިމެއްނެތި މަޖާކުރުމަކީ އެއްވެސް ދީނެއްގައި ދީފައިވާ ފުރުސަތެއް ނޫންކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެމްޑީޕީގެ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ސިޔާސަތަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން ރޭ ތ. ހިރިލަންދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ ބިރެއް ނެތި މަޖާކުރުމަކީ އެއްވެސް ދީނެއްގައި ފުރުސަތު ދީފައިވާ ކަމަކަށްނުވާއިރު ހުރިހާ ތަނަކުވެސް ލިމިޓްތަކެއް ނުވަތަ ހަމަތަކެއް އޮންނާނެ ކަމަށާއި އެގޮތުން ކޮންމެ ދީނެއްގައި ވެސް ކަނޑައެޅިފައިވާ އިންތަކަކާ މިންތަކެއް އޮންނާނެ ކަމަށެވެ.
"ރިހާ ތަނަކުވެސް އޮންނާނެ ލިމިޓްތަކެއް، އަދި ކަނޑައެޅިފައިވާ އިންތަކަކާ މިންތަކެއް ކޮންމެ ދީނެއްގައިވެސް އޮންނާނެ. އެއީ ޣައިރު ދީނުގައިވެސް އޮންނަ ގޮތް. އަދި ހުރިހާ ތަނަކުވެސް އޮންނަ ގޮތް. އެހެންވީމާ ކޮންމެ ޒަމާނެއްގައިވެސް އެކަން އޮތް ގޮތް އެއީ. އެހެންވީމާ މީގެއިން އެބައިނގޭ ނޫންތޯ މިއީ ސައިތޯނާގެ ވަސްވާސްކަން" ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ދުނިޔޭގައި 100 ޕަސަންޓު މުސްލިމް ގައުމުގެ ގޮތުގައި މިހާތަނަށް އޮތީ ރާއްޖެއާއި، ސައުދީ އަރަބިޔާ ކަމަށެވެ. މިކަމަށް ހިތްދަތިވާ ބަޔަކު ވެސް ދުނިޔޭގައި އެބައުޅޭ ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުން ބޭނުންވަނީ ރާއްޖޭގެ ހަރުމުދާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ރާއްޖެއަށް ޣައިރު ދީންތައް ތަޢާރަފުކޮށް، ދިވެހިންގެ މެދުގައި ހަނގުރާމައެއް ކުރުވަން ދަހިވެތިވެފައިވާ ބޭރުގެ ބަޔަކު ވެސް އުޅޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރާއްޖެ މުސްލިމް ގައުމެއްގެ ގޮތުގައި މިނިވަންކަންމަތީ ބާއްވަން ބޭނުންވާ ކަމަށްވާނަމަ ނަޝީދު ވެރިކަމަށް ނުހޮވާނެ ކަމަށާއި ރާއްޖޭގެ ވެރިކަމުގެ ހިޔަނިވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދަށް ދެން ފެނިވަޑައިނުގަންނަވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ ނަޝީދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލައްވައިގެން އުޅުއްވި ކަމުގައި ވިޔަސް އެމަނިކުފާނަށް އީސުލްޖުމްހޫރިއްޔާކަމުގެ މަގާމެއް ވެސް އަދި އެހެން މަގާމެއް ވެސް ދިނުމަށް ދިވެހި ރައްޔިތުން މިހާރު ބޭނުން ނުވާ ކަމަށާއި، ރައްޔިތުންނަށް އެމަނިކުފާނުގެ ހަގީގަތް އެނގިފައިވާ ކަމަށެވެ.
"އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ދުވަހަކުވެސް އޭނަ އަންނާނެ ކަމަކަށް. ދުވަހަކުވެސް ދެނެއް އޭނާ ނާންނާނެ އިރާދަކުރެއްވިއްޔާ މާތްﷲގެ ވާގިފުޅާއެކީގައި. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަކަށް ނޫން އެހެން ވަޒީފާއަކަށްވެސް ދެނެއް އޭނާ ނާންނާނެ." ގާސިމް ވިދާޅުވި އެވެ.
ބިރެއްނެތި މަޖާކުރުމަކީ ޝައިތާނާގެ ވަސްވާސް - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ