ބިގަށް ފައިސާ ދޭން ލަފާދެއްވީ ކުރީގެ ޑެޕިޔުޓީ ޕީޖީ އުޝާމް: ރިފްޢަތު

ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް ދައުލަތުން ފައިސާ ދެއްކުމަށް އެއްވެސް ފަރާތަކަށް މި ސަރުކާރުން ލަފާ ދީފައި ނުވާނެ ކަމަށާއި ފައިސާ ދޫކޮށްފައި ވަނީ 2016 ވަނަ އަހަރު އޭރު ޑެޕިއުޓީ އެޓާނީ ޖެނަރަލްގެ މަގާމްގައި ހުންނެވި އަދި މިހާރު ވިލިމާލެ ދާއިރާގެ މެމްބަރ އަހުމަދު އުޝާމް ސޮއި ކުރައްވާފައިވާ ލަފާގެ މަތިން ކަމަށް ބަނޑާރަނައިބު އަލްއުސްތާޒު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެ އެވެ.
ރިއްފަތު މިހެން ވިދާޅުވީ ބިގަށް ބަދަލު ދިނުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ދައުލަތުން އިސްތިއުނާފް ކޮށްފައިވޭތޯ އާއި އެ ކުންފުންޏަށް ފައިސާ ދިނުމަށް އެއްވެސް ފަރާތަކަށް ލަފާ ދެއްވާފައިވޭތޯ ސާފުކޮށްދިނުމަށް ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ރިއްފަތު ވިދާޅުވީ ބިގް އިން ނޭޝަނަލް ބްރޯޑްކާސްޓިން ކޮމިޝަންގެ މައްޗަށް ސިވިލް ކޯޓުގައި އުފުލި ދައުވާއާ ބެހޭ ގޮތުން ކުރި ހުކުމަކީ ދައުލަތަށް ދައުވާ ލިބުނު މައްސަލައެއް ނޫން ކަމަށެވެ. އެހެންކަމުން އެމައްސަލައަކީ އިސްތިއުނާފް ކުރަން ޖެހޭ މައްސަލައެއް ނޫންކަމަށް ރިފްޢަތު ވިދާޅުވިއެވެ. މިހެން މިކަން އޮތުމުން މި މައްސަލައިގައި ކޯޓްތަކުގައި ވަކާލާތުކޮށް ޖަވާބުދާރީވާން ޖެހޭނީ، އެކަން ރައްދުވާ ކުންފުނިން ކަމަށް ރިފްޢަތު ވިދާޅުވިއެވެ. އަދި އެ އުސޫލުގެ ދަށުން އެޓާނީ ޖެނެރަލްކަމާ ހަވާލުވި ފަހުން، ބިގްއަށް އެއްވެސް ފައިސާއެއް ދޫކުރަން ބަންޑާރަ ނައިބުގެ އޮފީހުން ދީފައިވާ އެއްވެސް ލަފައެއް ނޯންނާނެ ކަމަށް ރިފްއަތު ވިދާޅުވި އެވެ.
ނަމަވެސް މިމައްސަލާގައި ޕްރައިވެޓައިޒޭޝަން ބޯޑުން އެދިގެން އޭރުގެ ޑެޕިޔުޓީ ޕީޖީ ލަފާދެއްވާފައިވާ ކަމަށް ރިފްޢަތު ވިދާޅުވި އެވެ.
"އެ ލަފާގައި ބުނަނީ އެމްއެންބީސީގެ ހުރިހާ ހައްގުތަކާއި އިންތިޒާމްތައް އެމްބީސީއަށް ބަދަލުވެ އޭގެ ފަހުން އެމްބީސީގެ ހައްގުތަކާއި ޒިންމާތައް ޕީއެސްއެމްއަށް ބަދަލުވެފައިވާތީ އެމްއެންބީސީއިން ކުންފުންޏަށް ދައްކަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ފައިސާއަކީ ޕީއެސްއެމްއިން ދައްކަން ޖެހޭ ފައިސާ ކަމަށް. އެ ލަފާ އަރުވާފައި ވަނީ 22 ސެޕްޓެމްބަރު 2016 ގައި. އެ ބޯޑަށް ފޮނުވި ސިޓީގައި ސޮއި ކުރައްވާއި ވަނީ ޑެޕިއުޓީ އޭޖީ އަހުމަދު އުޝާމް. އެހެންވެ އެ ކުންފުންޏަށް ފައިސާ ދޫކޮށްފައި ވަނީ އަހުމަދު އުޝާމްގެ ލަފާގެ މަތިން،" ރިއްފަތު ވިދާޅުވި އެވެ.
ވަޒީރުންނާއި ސުވާލުކުރުމުގެ އިތުރު ފުރުސަތުގެ ބޭނުން ހިތްޕަވާ އޭރުގެ ޑެޕިޔުޓީ ޕީޖީ އަދި މިހާރު ވިލިމާލެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އަހުމަދު އުޝާމް ވަނީ މިކަމާއި ގުޅޭގޮތުން ޖަވާބު ދެއްވުމަށް މަސައްކަތް ކުރެއްވި އެވެ. އެގޮތުން އުޝާމް ވިދާޅުވީ އޭނާ 10 އަހަރު އެޓާނީ ޖެނަރަލް އޮފީހުގައި މަސައްކަތް ކުރި އިރު އެތަށް ސަތޭކަ އޮޕީނިއަންއެއްގައި ސޮއި ކުރައްވާފައިވާނެ ކަމަށެވެ. ނަމަވެސް އެފަދަ އެތަށް އޮޕީނިއަންއެއް މިހާރުގެ އެޓަރނީ ޖެނެރަލް ރިވިއު ކުރައްވާ ބަދަލުކޮށްފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ. އުޝާމް މިމޭރުމުން ވާހަކަދައްކަވަން ފެއްޓެވުމުން އިތުރަށް ވާހަކަ ކުރިޔަށް ގެންދިޔުމަށް ފުރުސަތު ނުދެއްވާ މަޖިލީހުގެ ރައީސް، ރައީސް ހައްމަދު ނަޝީދު ވަނީ އެކަމަށް ޖަވާބު ދާރީވުމުގެ ފުުރުސަތު ނުދެވޭނެކަމަށް ވިދާޅުވެ އެކަން ހުއްޓުވާފަ އެވެ.
"އަޅުގަނޑު އޭޖީ އޮފީހުގައި 10 އަހަރުވީއިރު 100 އެތައް ލަފައެއްގައި ސޮއިކުރިން. އެކަމަކު އޭގެ އެތައް ލަފައެއް ހުރީ މަނިކުފާނު އޭޖީ ކަމަށް ވަޑައިގެން ބަދަލުކޮށްފައި. ޖީއެމްއާރުގެ ޓެކްސް ދެއްކުމާއި ޓީޖީޓީގެ ލަފާވެސް މަނިކުފާނު ރިވިއު ކުރައްވާފައިވޭ. ކީއްވެތޯ މި ލަފާ ނުކުރެއްވީ؟،" އުޝާމް ސުވާލު ކުރެއްވި އެވެ.
އުޝާމްގެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވާ ރިފްޢަތު ވިދާޅުވީ މިއަދުގެ ސުވާލާ އުޝާމް ކުރެއްވި ސުވާލާ ގުޅުމެއް ނެތްކަމުގައެވެ. އަދި ބިގަށް ފައިސާ ދިނުމުގެ މައްސަލައަކީ ދައުލަތަށް ދައުވާ ލިބޭ މައްސަލައަކަށް ނުވާތީ، އޭޖީ އޮފީހުން ދީފައި އޮތް ލަފައެއް ރިވިއުކުރަން ވިސްނަން ޖެހޭ ހުއްޖަތެއް ނޯންނާނެ ކަމަށް ރިފްޢަތު ވިދާޅުވި އެވެ.
ސިވިލް ކޯޓުން 2016 ވަނަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު ކޮށްފައިވާ ހުކުމް ގައި ވަނީ އެމްއެންބީސީއާ އެކު ބިގުން ހަދާފައި އޮތް އެއްބަސްވުން އުސޫލުތަކާ ހިލާފަށް ބާތިލްކޮށްފައި ވާތީ 78 މިލިއަން ރުފިޔާ އެމްއެންބީސީއިން އެ ކުންފުންޏަށް ދެއްކުމަށެވެ. ބިގުން ދައުވާ ކޮށްފައިވަނީ އެ ކުންފުންޏަށް ލިބެން ޖެހޭ ފަސް މިލިއަން ރުފިޔާ ހޯދުމަށެވެ. ނަމަވެސް އެ އަދަދު ހުކުމުގައި ބޮޑުވެފައިވަނީ ޖޫރިމަނާ ފައިސާ ހިމެނުމުން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ