ރާއްޖެ އިންޑިޔާގެ މުށުތެރޭގައި އޮތް މިންވަރު އެނގިއްޖެ: އުމަރު

ރޭ އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބާއްވަން އުޅުނު ޖަލްސާގެ ހުއްދަ ކައުންސިލުން ބާތިލުކޮށް ޖަލްސާ ބޭއްވުނަ ނުދިނުމުން، މިސަރުކާރު އިންޑިޔާގެ މުށުތެރޭގައި އޮތް މިންވަރު ހާމަވެގެން ގޮސްފައިވާކަމަށް އުމަރު ވިދާޅުވެއްޖެއެވެ.
ރޭ އުމަރު ބާއްވަން އުޅުނު ޖަލްސާ ފެށުނު ފަހުން ފުލުހުން އައިސް ހުއްޓުވީ ޖަލްސާ ބޭއްވުމަށް ނެގި ހުއްދަ ކައުންސިލުން ބާތިލުކޮށްފައިވާކަން އެންގުމަށް ފަހުގައެވެ. ކައުންސިލުން ވަނީ އުމަރު ނަސީރަށް ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭން ދެކޮޅު ހަދާފައެވެ. އޭގެ ސަބަބުން އޭނާ ވަނީ އިދިކޮޅު ފަރާތްތަކަށް ސިޔާސީ ހަރަކާތް ބޭއްވުމަށް އާޓިފިޝަލް ބީޗުގައި ދީފައިވާ ހުއްދައިގެ ދަށުން ޖަލްސާ ބޭއްވުމަށް އިންތިޒާމުކޮށްފައެވެ.
އުމަރުގެ ޖަލްސާ ހުއްޓުވުމާ ގުޅިގެން މިއަދު ފޭސްބުކްގައި ނުރުހުން ފާޅުކޮށް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހުރަސް އަޅަމުންދަނީ ކަނޑައެޅިގެން ގާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ. އިންޑިޔާ ސިފައިން ތިބުމާ ދެކޮޅަށް ވާހަކަ ދެއްކުމަކީ ގާނޫނު އަސާސީ ހުއްދަ ކުރާ ކަމެއް ކަމަށާއި އެކަމަށް ހުރަސް އެޅުމުން އެނގިގެންދަނީ މިސަރުކާރު އިންޑިޔާގެ މުށު ތެރެއަށް ވެއްޓިފައިވާ މިންވަރު ކަމަށް އޭނާ ބުނެފައިވެއެވެ.
އުމަރު ނަސީރަކީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް މިފަދަ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. އޭނާ ވަނީ އިންޑިޔާގެ ޖީއެމްއާރު އެއާޕޯޓު ރާއްޖެއިން ބޭލުމަށް ސިލްސިލާ މުޒާހަރާތަކެއްގައި އިސްކޮށް ހަރަކާތްތެރިވެފައެވެ.
އަދި ސިފައިންގެ މައި މަރުކަޒު ތެރެއަށް ހަރުގަނޑު ޖަހައިގެން ވަނުމަށް ހިތްވަރުދޭ ގޮތަށް އުމަރު ނަސީރު ވަނީ މުޒާހަރާތަކުގެ ތެރޭގައި ވާހަކަ ދައްކައި އަޑުގަދަ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ