އަބްދުﷲ ރަޝީދުގެ މަރުގެ ތަހުގީގު ރިޕޯޓު މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނާއި ހިއްސާކޮށްފި

ދެހާސް ފަނަރަ ވަނަ އަހަރު ބޭއްވި މޭޑޭ ބޮޑު މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމަށް ބުނެ ޖަލަށްލީ އަބްދުﷲ ރަޝީދު ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގު ކުރުމަށް ފަހު އެ މައްސަލައިގެ ރިޕޯޓު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ކޮމިޝަނަށް ހިއްސާކޮށްފި އެވެ.
އެޗްއާރްސީއެމް އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ މައްސަލައިގެ ތަހުގީގު ރިޕޯޓު ރިޔާސީ ކޮމިޝަނާއި ހިއްސާ ކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
ރިޔާސީ ކޮމިޝަނަށް މި ރިޕޯޓު ހިއްސާ ކުރިއިރު އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި އެޗްއާރްސީއެމް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ މަރުގެ މައްސަލާގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިހުމާލުވެފައިވީ ނަމަވެސް، އެކަން ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ބުނެ ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ ނުކޮށްދިން ކަމަށެވެ.
އެޗްއާރުސީއެމުން ބުނީ އަބްދުﷲ ރަޝީދަށް ފަރުވާ ދިނުމުގައި އެވަގުތު ޖަލުގެ މެޑިކަލް ސެންޓަރުގައި ތިބި ދެ ޑޮކްޓަރުން ވެސް ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވެފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކަކީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށްފައިވާ ޑޮކްޓަރެއް ވެސް ނޫން ކަމަށް ބުނެފައިވެ އެވެ.
އެޗްއާރްސީއެމް އިން ބުނީ އަބްދުﷲ ރަޝީދު މަރުވި މައްސަލައިގައި ލިބިފައިވާ ލިޔެކިޔުންތައް ދިރާސާކޮށް އެއްކުރެވުނު މައުލޫމާތުތަކުން ކަރެކްޝަންސް އިން އިހުމާލުވެފައިވާކަން އެނގިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ