ޝަރަފުގެ ހިނގާލުން ހަވީރު، އިންޖީނުލީ އުޅަނދު ދުއްވުން މަނާ

ދިވެހިރާއްޖޭގެ 54 ވަނަ ފަހުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމީ ދިފާއީ ބާރުން ބާއްވާ ޝަރަފުގެ ހިނގާލުން މާލެ ސިޓީގެ ބޮޑެތި މަގުތަކުގައި މިއަދު އޮންނާނެއެވެ.
މިއަދު ބާއްވާ ހިނގާލުމުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހަވީރު 4:30 އިން ފެށިގެން ސިފައިންގެ މައި މަރުކަޒު އަމީރު އަހުމަދު މަގުން ހުޅަނގަށް ގޮސް، ޗާންދަނީ މަގުން ދެކުނަށް މެދު ޒިޔާރަތް މަގުން އިރަށް ގޮސް، ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުން އުތުރަށް، ބޮޑުތަކުރުފާނު މަގުން އިރަށް، މަޖީދީ މަގުން ހުޅަނގަށް ގޮސް، ކަނބާއައިސާރަނި ހިނގުމުން ދެކުނަށް އައިސް އަމީނީ މަގުން އިރަށްގޮސް، އިއްޒުއްދީން މަގުން ދެކުނަށް ގޮސް ކަޅުތުއްކަލާ ކޮށްޓަށް ނިންމާ ގޮތަށެވެ.
މި ޝަރަފުގެ ހިނގާލުމުގައި ފަސް ސަރަޙައްދަކަށް ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ޝަރަފުގެ ހިނގާލުން ހުއްޓުމަށް ހަމަޖެހިފައިވަނީ މުލިއާގެ ކައިރި އާއި ރޯޝަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމައްޗާއި، މަޖީދީ މަގާއި ސޯސަންމަގު ގުޅޭ ހަތަރު އަނގޮޅި ކަންމައްޗާއި މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރު އަނގޮޅިކަންމަތީގެ މަޖީދީ މަގު މާފަންނު ސަހަރާ ކުރިމައްޗަށެވެ.
މި ޝަރަފުގެ ހިނގާލުމުގައި ހުއްޓުމަށް ހަމަޖެހިފައިވާ ފަސް ސަރަހައްދުގައި ސިފައިންގެ ބޭންޑުގައި އެކި ރާގުތައް ކުޅުމަށްވަނީ ހަމަޖެހިފައެވެ.
މިނިވަން ދުވަހާއި ގުޅިގެން ކުރިއަށްދާ ހަރަކާތްތަކާއި ގުޅިގެން މިއަދު ހަވީރު 16:00އިން އިރުއޮއްސި 18:00ގެ ނިޔަލަށް އިންޖީނުލީ އެެއްގަމު އުޅަނދު ދުއްވުމަކީ މަނާ ކަމެއް ކަމުގައި ވަނީ ހަމަޖައްސާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ