އައިއޯއައިޖީ: ނިންމުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާނީ ދީމާ

މިއަދު ހަވީރު އޮންނަ، ދިހަވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ނިމުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާ އެތުލީޓަކަށް، މި ފަހަރުގެ ގޭމްސްގައި ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓު ކަމަށްވާ ފާތިމަތު ދީމާ އަލީ ހަމަޖައްސައިފި އެވެ.
ދިދަ އުފުލުމުގެ ޝަރަފް ދީމާއާ ހަވާލުކޮށްފައިވަނީ ރޭ ބޭއްވި ރާއްޖޭގެ މެޑަލް ޕާޓީގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް އެވެ. މިއާއެކު އުމުރުން އެންމެ 11 އަހަރުގެ ދީމާ ވެގެންދާނީ މިފަދަ ޝަރަފެއް ލިބޭ ރާއްޖޭގެ އެންމެ ހަގު ކުޅުންތެރިޔާ އަށެވެ.
މި ފަހަރުގެ ގޭމްސްގައި ހޯދި 3 ރަން މެޑަލްއާއެކު ދީމާ ވެފައިވަނީ ބައިނަލްއަގުވާމީ ކުޅިވަރު ގޭމްސްތަކުގައި ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަށެވެ. އަންހެން ސިންގަލްސްގެ ރަން މެޑަލް އިއްޔެ، ހޯދުމުގެ އިތުރުން ދީމާ ހިމެނިގެން އަންހެން ޑަބަލްސް ރަން މެޑެއްޔާއި އަންހެން ޓީމު އިވެންޓް ރަން މެޑަލް ރާއްޖޭން ވަނީ ހޯދާފަ އެވެ.
ގޭމްސް ނިމުމުގެ ރަސްމިއްޔާތުގައި ދީމާ ދިދަ އުފުލާއިރު، ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިދަ އުފުލީ ބާސްކެޓްބޯޅަ ކުޅުންތެރިޔާ އަހުމަދު ޒަބީރެވެ.
މިއަދު އޮންނަ ގޭމްސްގެ ނިންމުމުގެ ރަސްމިއްޔާތުގައި، 2023 ވަނަ އަހަރުގެ ގޭމްސް ބާއްވާ ގައުމުގެ ގޮތުން ރާއްޖެއާ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ފެޑެރޭޝަނުގެ ދިދަ ހަވާލުކުރާނެ އެވެ. ރާއްޖޭގެ ފަރާތުން ދިދައާ ހަވާލުވެވަޑައިގަންނަވާނީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ.
މިފަހަރުގެ ގޭމްސްގައި 15 މެޑަލް ހޯދުމަށް އަޒުމު ކަނޑައަޅައިގެން ގޭމްސްއާ ކުރިމަތިލި ކޮންޓިންޖެންޓުން އިއްޔެ ވަނީ އެ އަމާޒު ހާސިލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ