ސްޓޫޑަންޓު ލޯނުތަކާއި ސްކޮލަޝިޕުގައި ކިޔަވާ ކުދިންނަށް ލިބެން ޖެހޭ ފައިސާ ޖަމާ ނުވެ ލަސްވާ މައިގަނޑު ސަބަބަކީ އެ ފައިސާ ޖަމާކުރަން ޖެހޭ ބޭންކު އެކައުންޓުގެ މައުލޫމާތު ފުރިހަމަ ނުވާތީ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިހެން ބުނީ ސްޓޫޑަންޓު ލޯނު ފައިސާ ލަސްވާ ސަބަބު ސާފުކުރަން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ލިޔުމުން ޖަވާބު ހޯދަން ފޮނުވި ސުވާލެއްގެ ޖަވާބުގަ އެވެ.
ފައިސާ ޖަމާނުކޮށް ލަސްވާ މައްސަލައިގެ ޖަވާބު މިނިސްޓްރީން ފެށީ އެކަން އެގޮތަށް ބައެއް ފަހަރު ދިމާވާ ކަމަށް އެއްބަސްވަމުންނެވެ. ނަމަވެސް އެއީ މިނިސްޓްރީގެ ސަބަބުން ދިމާވާ ކަމެއް ނޫން ކަމަށާއި މައްސަލައަކީ ދަރިވަރުންނާއި ޔުނިވާސިޓީތައް ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
އެ ގޮތުން މިނިސްޓްރީން އިއުލާން ކުރާ ސްކޮލާޝިޕް ފުރުސަތުތަކުގެ ދަށުން ރާއްޖޭން ބޭރުގައި ކިޔަވާ ކުދިން، ފައިސާ ހަމަޖެއްސޭހާ ވަގުތު އޮއްވާ ފުރާ ދުވަސް މިނިސްޓްރީއަށް އަންގައިފި ނަމަ އެ ދަރިވަރަކަށް ދެ މަސް ދުވަހުގެ ސްޓައިޕެންޑާއި ބައެއް އެހެން ކަންކަމަށް ދޭ ފައިސާ ޑޮލަރުން ދޭ ކަމަށް ބުންޏެވެ.
ސްކޮލަޝިޕްގައި ކިޔަވާ ދަރިވަރުންނަށް ދެން ހުރި ފައިސާ ޖަމާކޮށްދެނީ އެ ކިޔަވާ ގައުމަކަށް ގޮސް އެ ގައުމުގައި ހުޅުވާ ބޭންކު އެކައުންޓުގެ ތަފުސީލުތައް ފިނޭންސް މިނިސްޓްރީއާ ހިއްސާކުރުމުން އެ އެކައުންޓަށެވެ. މި ގޮތުން އަހަރަކު ދެ ފަހަރު ސްޓައިޕެންޑް ފައިސާ ޖަމާކޮށްދޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސްޓޫޑަންޓު ލޯނުގައި ކިޔަވާ ކުދިންގެ ފައިސާގެ ތެރެއިން ކޯސް ފީ ޖަމާކޮށްދެނީ އެ ދަރިވަރަކު ކިޔަވާ ޔުނިވާސިޓީއަކަށެވެ. މިނިސްޓްރީން ބުނީ މި ފައިސާ ޖަމާކޮށްދެނީ ޔުނިވާސިޓީގެ އިންވޮއިސް ލިބުމުން ފޮރިން ޕޭމަންޓްސްގެ ގޮތުގައި ސީދާ އެ ޔުނިވާސިޓީއަށް ކަމަށެވެ. ނަމަވެސް އިންވޮއިސް ފޮނުވުން ލަސްވުމާއި ބޭންކު އެކައުންޓުގެ މައުލޫމާތު ފުރިހަމަ ނުވާތީ ފައިސާ ޖަމާކުރުން ލަސްވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި މައުލޫމާތު ފުރިހަމަ ނުވާ ހާލަތްތަކުގައި މައުލޫމާތު ފުރިހަަމަ ކުރަން ޔުނިވާސިޓީއަށާއި ދަރިވަރަށް މިނިސްޓްރީން އަންގަ އެވެ. ނަމަވެސް އެ މައުލޫމާތު ފުރިހަމަ ކުރުމަށް ފަހު އަލުން މިނިސްޓްރީއަށް ހުށަހެޅުމުގައި ވެސް ވަގުތުތަކެއް ހޭދަވާ ކަމަށާއި، މިއީ ފައިސާ ޖަމާކުރުން ލަސްވާ މައިގަނޑު ސަބަބު ކަމަށް މިނިސްޓްރީން ބުންޏެވެ.
މިކަން ހައްލުކުރަން ބޭންކު މައުލޫމާތު ފުރިހަމަ ކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތު ހިމެނޭ މައުލޫމާތު ކަރުދާހެއް ދަރިވަރުންނާ ހިއްސާކޮށްފައި ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މިއީ މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން ފައިސާ ޖަމާކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރަން އަޅާފައިވާ ފިޔަވަޅެއް ކަމަށް މިނިސްޓްރީން މައުލޫމާތު ދިނެވެ.
އޭގެ އިތުރުން ޔުނިވާސިޓީތަކަށް ޖަމާކޮށްދޭ ޓިއުޝަން ފީގެ އިންވޮއިސްތައް ލަސްވާތީ، ޓިއުޝަން ފީ ދައްކާނެ ގޮތުގެ ޝެޑިއުލްއެއް ހިއްސާކުރުމަށް ވެސް ދަރިވަރުންނަށް އަންގާފައި ވާނެ ކަމަށް މިނިސްޓްރިން ބުންޏެވެ.
ސްޓޫޑަންޓު ލޯނުގައި ކިޔަވާ ކުދިންގެ އެހެން ހަރަދުތަކުގެ ފައިސާ ޖަމާކޮށްދެނީ ލޯނު އެއްބަސްވުމުގައި އޮންނަ ދިވެހި ރުފިޔާ އެކައުންޓަށެވެ. މި ފައިސާ ޖަމާކޮށްދެނީ ފުރަތަމަ ޕޭމަންޓަށް ފަހު ހަ މަސް ދުވަސް ފަހުންނެވެ. އަދި ފައިސާ ޖަމާކޮށްދެނީ އެ ކުއްޖަކު އެ ކިޔަވާ ޔުނިވާސިޓީއެއްގައި ކިޔަވާ ކަމުގެ ލިޔުމެއް ހުށަހެޅުމުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ޔުނިވާސިޓީގައި ކިޔަވަމުންދާ ކަމުގެ ލިޔުމެއް ހުށަހަޅަން އަންގަނީ ކިޔެވުން މެދުކަނޑާލައިފި ހާލަތެއްގައި އެ ފައިސާ ހަރަދު ކުރުން ހުއްޓުވުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް މިނިސްޓްރީން ބުންޏެވެ. އެކަމަކު ބައެއް ދަރިވަރުން އެ ލިޔުމުގެ ގޮތުގައި ޔުނިވާސިޓީގެ އަދާހަމަ ލިޔުމެއްގެ ބަދަލުގައި އެންމެ ފުރަތަމަ ދޫކުރި ޕްލޭސްމަންޓު ލެޓާ ހުށަހަޅާތީ ފައިސާ ދޫކުރުމުގައި ލަސްތައް ދިމާވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކިޔަވާ ކުދިންނަށް ފައިސާ ލިބުމުގައި ލަސްތައް ދިމާވާ މައްސަލައިގައި މިނިސްޓްރީއަށް ފާޑުކިޔުން އަމާޒުވީ ބޭރުގައި ކިޔަވާ ދަރިވަރުން މި ޝަކުވާތައް ކުރަން ފެށުމުންނެވެ. އަދި މިނިސްޓްރީން ފައިސާ ދޫކުރުން ލަސްވުމާ ގުޅިގެން ކިޔެވުމަށާއި ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަން ދަތިވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ޝަކުވާތައް އޮއްސާލާފައިވެ އެވެ.
ކިޔަވާ ކުދިންގެ ފައިސާ ލަސްވަނީ ހުށަހަޅާ މައުލޫމާތު ފުރިހަމަ ނުވާތީ: ހަޔާ އެޑިޔުކޭޝަން ކިޔަވާ ކުދިންގެ ފައިސާ ލަސްވަނީ ހުށަހަޅާ މައުލޫމާތު ފުރިހަމަ ނުވާތީ: ހަޔާ އެޑިޔުކޭޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ