ކަރަންޓީން ފެސިލިޓީތަކުގެ މަސައްކަތުގައި ޗައިނާ ކުންފުނިތައް އެހީވުމުން ޝާހިދުގެ ޝުކުރު

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ގާއިމް ކުރާ ކަރަންޓީން ފެސިލިޓީތައް ގާއިމް ކޮށްދިނުމުގައި ޗައިނާގެ ކޮންސްޓްރަކްޝަން ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނާތީ އެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޝުކުރު އަދާކުރައްވައިފިއެވެ.
މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ޗައިނާގެ އެކްސްޕާޓުންގެ އެހީތެރިކަމާއި އެމީހުން މިފަދަ މަސައްކަތް ކުރުމުގައި ހުންނަ ސްޕީޑަކީ ރާއްޖެއަށް މިވަގުތު ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.
ޗައިނާގެ ކޮންސްޓްރަކްޝަން ދެ ކުންފުންޏަކުން ކުރު މުއްދަތެއްގެ ތެރޭގައި ކަރަންޓީން ފެސިލިޓީތަކެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ސަރުކާރުން އެދިފައިވާތީ، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިން ވަގުތީ ކަރަންޓީނު ފެސިލިޓީތަކެއް ގާއިމު ކުރުމަށް 100 އަށް ވުރެ ގިނަ މަސައްކަތްތެރީންނާއި، މަސައްކަތަށް ބޭނުންވާ ތަކެއްޗާއި ސާމާނު ފޮނުވަން ނިންމާފައިވާ ކަމަށެވެ. އެއީ 800 މީހުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީއެއް ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
ސަފީރު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ބެއިޖީން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)ގެ ފަރާތުން ހުޅުމާލޭގައި ހުރި އިމާރާތެއް އަލުން މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ބީޔޫސީޖީން 40 މަސައްކަތްތެރީންގެ ޓާސްކް ފޯހެއް އެކުލަވާލައިގެން މަސައްކަތް ކުރަމުން އަންނަނީ އެ އިމާރާތުގައި 327 އެނދުގެ ކަރަންޓީން ފެސިލިޓީއެއް ގާއިމު ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ކަރަންޓީން ފެސިލިޓީތަކަކީ ބެލެވޭ ގޮތުގައި މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން ބަދަލު ކުރުމަށް ތައްޔާރު ކުރާ ކަރަންޓީން ފެސިލިޓީތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ