ދަސްކޮށްލަމާ!: ހެޔޮ ޢަމަލުކުރުމުގަ އިޚްލާޞްތެރިވެވޭނީ އިޚްލާޞްތެރިވުމަކީ ކޮބައިކަން އެނގިގެން-

ހެޔޮޢަމަލުކުރުމުގައި އިޚުލާސްތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެނީ ކޮންމެ ހެޔޮޢަމަލެއްވެސް ޤަބޫލުކުރެއްވުން ހިމެނެނީ އިޚުލާސްތެރިކަން ހިމެނޭނަމައެވެ. އިޚްލާޞްތެރި ވެވުނު މިންވަރަކުންނެވެ. އެހެންކަމުން އިޚުލާސްތެރިކަމަކީ ކޮބައިކަން އެނގުމަކީ ވަރަށް މުހިންމުކަމެކެވެ.  
ﷲ ސުބުޙަނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. 
(مَن كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ، أُولَـٰئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُ، وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَّا كَانُوا يَعْمَلُونَ)
މާނައީ: "ދުނިޔޭގެ ދިރިއުޅުމާއި ދުނިޔޭގެ ޒީނަތްތެރިކަމަށް އެދޭމީހާއަށް، އެބައިމީހުންގެ ޢަމަލުތައް ތިމަންއިލާހު އެއުރެންނަށް އެތާނގައި ހަމަޔަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތާނގައި އުނި ނުކުރައްވާހުއްޓެވެ. އެބައިމީހުންނީ އާޚިރަތުގައި ނަރަކަ ނޫން އެހެންތަނެއް އެއުރެންނަށް ނުވާ މީހުންނެވެ. އަދި އެބައިމީހުން ކުރި ކަންތައް އެތާނގައި، ބޭކާރުވެގެންވެއެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް ބާޠިލުވެގެންވެއެވެ." 
ނިޔަތް އިޚުލާސްތެރިކޮށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކުރެއްވި ގޮތުގެ މައްޗަށް ނުކުރާނަމަ ޢަމަލުތައް ޤަބޫލުވެވިގެން ނުވެއެވެ. 
އަދިވެސް ރިވާވެގެންވެއެވެ. 
(عن عُمَرَ بْنَ الْخَطَّابِ رَضِيَ اللَّهُ عَنْهُ: قَالَ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ إِنَّمَا الْأَعْمَالُ بِالنِّيَّاتِ وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى،  فَمَنْ كَانَتْ هِجْرَتُهُ إِلَى اللَّهِ وَرَسُولِهِ فَهِجْرَتُهُ إِلَى اللَّهِ وَرَسُولِهِ،  ومَنْ كَانَتْ هِجْرَتُهُ إِلَى دُنْيَا يُصِيبُهَا أَوْ إِلَى امْرَأَةٍ يَنْكِحُهَا فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ) 
ޢުމަރު ބިން ޚައްތާބު ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާތީ އަޑުއެއްސެވީމެވެ. "ހަމަކަށަވަރުން ޢަމަލުތައް ނިޔަތުގެ މައްޗަށްމެނުވީ ނުވެއެވެ. އަދި ކޮންމެ މީހަކަށްވެސް އެމީހަކު ނިޔަތްގަތް ގޮތެއްގެ މައްޗަށްމެނުވީ އެކަމެއްނުވެއެވެ. ފަހެ ﷲއާއި ރަސޫލާއަށްޓަކައި ހިޖުރަކޮށްފި މީހާގެ ހިޖުރަވަނީ ﷲއާއި ރަސޫލާއަށްޓަކައެވެ. އަދި ދުނިޔޭގެ ކަމެއް ލިބިގަތުމަށް ނުވަތަ އަންހެނަކާ އިނުމަށް ހިޖުރަކޮށްފިމީހާ ފަހެ އެމީހަކަށް އެކަންވަނީ އެހިޖުރަ ކުރިކުރުމުގެ މައްޗަށެވެ." 
(ޙަދީޘްގައި ނިޔަތުގެ ވާހަކަ ބަޔާންވުމަށްފަހު އެވަނީ ދީނީ ކަމަކާއި ދުނިޔަވީ ކަމެއްގެ މިސާލެއް ގެނެސްފައެވެ. އެކަމުން ކޮންމެ ކަމަކަށްވެސް ނިޔަތުގެ މަތީން އަޖުރު ތަފާތުވެގެންވެއެވެ.) 
އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. 
(إِنَّ أَوَّلَ النَّاسِ يُقْضَى يَوْمَ الْقِيَامَةِ عَلَيْهِ رَجُلٌ اسْتُشْهِدَ فَأُتِيَ بِهِ فَعَرَّفَهُ نِعَمَهُ فَعَرَفَهَا قَالَ فَمَا عَمِلْتَ فِيهَا قَالَ قَاتَلْتُ فِيكَ حَتَّى اسْتُشْهِدْتُ قَالَ كَذَبْتَ وَلَكِنَّكَ قَاتَلْتَ لِأَنْ يُقَالَ جَرِيءٌ فَقَدْ قِيلَ ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ وَرَجُلٌ تَعَلَّمَ الْعِلْمَ وَعَلَّمَهُ وَقَرَأَ الْقُرْآنَ فَأُتِيَ بِهِ فَعَرَّفَهُ نِعَمَهُ فَعَرَفَهَا قَالَ فَمَا عَمِلْتَ فِيهَا قَالَ تَعَلَّمْتُ الْعِلْمَ وَعَلَّمْتُهُ وَقَرَأْتُ فِيكَ الْقُرْآنَ قَالَ كَذَبْتَ وَلَكِنَّكَ تَعَلَّمْتَ الْعِلْمَ لِيُقَالَ عَالِمٌ وَقَرَأْتَ الْقُرْآنَ لِيُقَالَ هُوَ قَارِئٌ فَقَدْ قِيلَ ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ وَرَجُلٌ وَسَّعَ اللَّهُ عَلَيْهِ وَأَعْطَاهُ مِنْ أَصْنَافِ الْمَالِ كُلِّهِ فَأُتِيَ بِهِ فَعَرَّفَهُ نِعَمَهُ فَعَرَفَهَا قَالَ فَمَا عَمِلْتَ فِيهَا قَالَ مَا تَرَكْتُ مِنْ سَبِيلٍ تُحِبُّ أَنْ يُنْفَقَ فِيهَا إِلَّا أَنْفَقْتُ فِيهَا لَكَ قَالَ كَذَبْتَ وَلَكِنَّكَ فَعَلْتَ لِيُقَالَ هُوَ جَوَادٌ فَقَدْ قِيلَ ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ ثُمَّ أُلْقِيَ فِي النَّارِ)
މާނައީ: "ހަމަކަށަވަރުން ޤިޔާމަތްދުވަހު އެބައެއްގެ މައްޗަށް އެންމެ ފުރަތަމަ ޤަޟާކުރެވޭ މީސްތަކުންގެ ތެރޭގައި ޝަހީދުވީ މީހާވެއެވެ. ފަހެ އެމީހާ ގެނެވި އޭނާއަށް ލިބެންހުރި ނިޢުމަތްތައް ބަޔާންކޮށްދެވި އެކަން އޭނާއަށް އެނގިގެން ދެއެވެ. ދެންނެވޭނެއެވެ. ތިބާ އެކަމުގައި ޢަމަލުކުރީ ކޮންކަމަކަށް ހެއްޔެވެ؟ ބުނާނެއެވެ. ތިމަންނާ ޖިހާދުކުރީ ﷲއަށްޓަކައެވެ. އެގޮތުގައި ޝަހީދުވެއްޖައުމަށް ދާންދެނެވެ. ﷲ ވަޙީކުރައްވާނެއެވެ. ތިބާ ދޮގުހަދައިފިއެވެ. ތިބާ ޖިހާދުކުރީ މީހުން ތިބާއަކީ ހިތްވަރުގަދަ މީހެއްކަމުގައި ބުނުވުމަށްޓަކައެވެ. އެހެން ހަމަކަށަވަރުން ބުނެވުނެވެ. ދެން އޭނާއާއިގެން މަލާއިކަތުންނަށް އަމުރުކުރެއްވުމުން ނަރަކައަށް އެއްލެވިއްޖައުމަށް ދާންދެން  މޫނުވަތަށްވާ ގޮތަށް ދަމާފައި ގެންދެވިއްޖެއެވެ.
ދެން ޢިލްމު އުގެނި އަދި މީސްތަކުންނަށް އުގަންނައި ދީ، އަދި ޤުރުއާން ކިޔަވައި އުޅުނު ޢިލްމުވެރިޔާ ގެނެވޭ ހުއްޓެވެ. ވަޙީކުރައްވާނެއެވެ. އެކަންކުރީ ކޮންކަމަކަށް ހެއްޔެވެ؟ ޢިލްމު އުނގެނި އަދި މީސްތަކުންނަށް އުގަންނައިދީ އަދި ޤުރުއާން ކިޔަވައިހެދީ އިބަ ﷲއަށްޓަކައެވެ. ވަޙީކުރައްވާނެއެވެ. ތިބާ ދޮގުހަދައިފިއެވެ. ނަމަވެސް ތިބާ ޢިލްމު އުގެނުނީ ޢިލްމުވެރިޔެކޭ ބުނުވުމަށްޓަކައެވެ. އަދި ޤުރުއާން ކިޔެވީ ޤާރީއެކޭ މީސްތަކުން ބުނުވުމަށްޓަކައެވެ. (އެބަހީ ނަންހޯދުމަށާއި ދެއްކުންތެރިކަމަށެވެ.) ދެން (މަލާއިކަތް ބޭކަލުންނަށް) އެމީހަކު ގެންދިޔުމަށް އަމުރުކުރެއްވުމުން ނަރަކައަށް އެއްލެވެންދެން މޫނުވަތަށް ދަމާފައި ގެންދެވިއްޖެއެވެ.
ދެން ގެނެވޭހުށީ ﷲ އެމީހަކަށް މުދާ ދެއްވި ހުރިހާ ވައްތަރެއްގެ މުދަލުން ތަނަވަސްކަން ދެއްވި މީހާއެވެ. އެމީހަކު ގެނެސް އެމީހަކަށް (އަޞްލު ރަނގަޅުގޮތުގައި ކުރިނަމަ) ލިބެންހުރި ނިޢުމަތްތައް އަންގަވައި ދެއްވައި އެމީހަކަށް އެނިޢުމަތްތައް އެނގޭހުއްޓެވެ. ވަޙީކުރައްވާނެއެވެ. ތިބާ ތިކަންކުޅައީ ކޮންކަމަކަށް ހެއްޔެވެ؟ ބުނާނެއެވެ. އިބަ ﷲ ހޭދަކުރުމަށް ރުއްސަވާކަމެއް ނަމަ އެކަމަކަށް އިބަ ﷲއަށްޓަކައި ހޭދަކޮށްފައިވާނެއެވެ. ވަޙީކުރައްވާނެއެވެ. ދޮގުހަދައިފިއެވެ. ނަމަވެސް ތިބާ އެކަން ކުރީ މީސްތަކުން ތިބާއަކީ ދީލަތީ މީހެއްކަމަށް ބުނުވުމަށްޓަކައެވެ. ހަމަކަށަވަރުން އެހެން ބުނެވުނެވެ. ދެން އޭނާއާއިގެން އަމުރުކުރެއްވުމުން މޫނު ވަތަށް ދަމާފައި ގެންދެވި އެޔަށްފަހު ނަރަކައަށް އެއްލެވިއްޖެއެވެ."
(މިތިން މީހުންނަކީވެސް އިޚުލާސްތެރިނުވެ ދެއްކުމަށާއި ނަން ހޯދުމަށް ކަންކުރި މީސްތަކުންނެވެ. އެހެންކަމުން އެބައިމީހުންނަށް އެނުބައި ނަރަކައިގެ ޖަޒާލިބުނީއެވެ.) 
ނިޔަތަކީ ޢަމަލުގެ ބިންގަލެވެ. އެމީހެއްގެ ޢަމަލު ޤަބޫލުވުމާއި ރައްދުވުން ހިމެނެނީ ޢަމަލުކުރާ މީހާގެ ނިޔަތުގެ މަތީންނެވެ. ޢަމަލެއްކުރާ މީހާ ﷲއަށް އިޚުލާސްތެރިވެ އަދި އާޚިރަތުގެ ސަވާބު އެދިގެން އަދި އެޢަމަލު ސުންނަތާއި އެއްގޮތަށް ކޮށްފިނަމަ އެމީހެއްގެ ޢަމަލު ޤަބޫލުވެވިގެންވެއެވެ. އަދި ﷲ ނޫން ފަރާތަކަށް ޤަޞްދުކުރިމީހާ ނުވަތަ ޢަމަލުގައި އިޚުލާޞްތެރިނުވިނަމަ އެހެން ފަރާތަކާއި ޝަރީކުނުކުރިކަމުގައިވިޔަސް، އެމީހެއްގެ ޢަމަލުވަނީ ރައްދުވެގެންނެވެ. އަދިއެކަން ވަނީ އެކަންކުރިމީހާގެ މައްޗަށްވާ ނުރައްކަލަކަށެވެ. 
ފައިދާތައް.
ހ. ޢަމަލު ޤަބޫލުވުމުގެ ޝަރުތުތަކުގެ ތެރޭން އިޚުލާޞްތެރިވުން ހިމެނެއެވެ. އިޚުލާޞްތެރިވުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޖުހުފުޅު ޤަޞްދުކޮށްގެން ކުރުމެވެ.
ށ. އިޚުލާޞްތެރިކަމުގެ މުހިންމުކަން. އެޔާއިނުލާ ޢަމަލުކޮށްފިނަމަ އެއީ ކުރިމީހާގެ މައްޗަށްވާ ނުރައްކަލެކެވެ.
ނ. ޢަމަލުކުރިގޮތް ހަމައެކަނި އެކަން ރަނގަޅުވުމަކަށް ނުފުދެއެވެ.
ރ. ހުރިހާ ޢަމަލެއްގައި ނިޔަތް ރަނގަޅުކުރުމުގެ ވާޖިބުކަމާއި އެކަމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން. މިކަންކަން އެނގިގެންދެއެވެ.
 
--އައްޝައިޚް ޢަބްދުއްރަޙީމް ބިން މުޙައްމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ