ޕޮޒިޓިވް ނުވާ ކުއްޖެއް ކަރަންޓީނަށް ގެންދެވުމުން ސަރުކާރުން މައާފަށް އެދިއްޖެ

ހއ. ތަކަންދޫ އިން ޕޮޒިޓިވްނުވާ ކުއްޖަކު ކަރަންޓީނު ފެސިލީޓީއަކަށް ގެންދެވުމުން ސަރުކާރުން އެކަމަށް މައާފަށް އެދިއްޖެއެވެ. ތަކަންދޫން ޕޮޒިޓިވްވި މީހުންނަކީ މިދިޔަ މަހު 15 ވަނަ ދުވަހު ކާވިޔާ ބޯޓުން ދަތުރު ކުރި ބައެކެވެ. އެ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރީ އެ ބޯޓުން ދަތުރުކުރި ހއ. އުލިގަމު މީހަކު އެ ބައްޔަށް ޕޮޒިޓިވް ވުމުންނެވެ.ތަކަންދޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ހައިޑަވޭ އައިލެންޑް ރިސޯޓުގެ ކަރަންޓީނަށް ގެންދިޔައީ އުމުރުން 29 އަހަރުގެ އަންހެނަކާއި 37 އަހަރުގެ އަންހެނެއްގެ އިތުރުން ހަތް އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ. އެ ފިރިހެން ކުއްޖާއަކީ 29 އަހަރުގެ އަންހެންމީހާގެ ދަރި އެވެ.ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ޕޮޒިޓިވްވި ކުއްޖާގެ ބަދަލުގައި ގެންދެވުނީ އެކުއްޖާގެ އާއިލާގެ އެހެން ކުއްޖެއް ކަމަށެވެ."އެކުއްޖާ ވެސް މިހާރު ގެންދިއުމުގެ މަސައްކަތް މިހާރު އެބަ ކުރޭ. އެކަމަށް އިންތިހާއަށް މައާފަށް އެދެން. އެޗްޕީއޭގެ ފަރާތުން ވަނީ އެ އާއިލާއާ ވާހަކަވެސް ދައްކާފައި،" އޭނާ ވިދާޅުވިއެވެ.އެގޮތުން އެ ދެ ކުދިންނަކީ ވެސް އާއިލީ ގޮތުން ގުޅުން އޮންނަ އަދި ނަމުގައި ވެސް ތަފާތަކަށް އިންނަނީ އެއް އަކުރު ކަމަށް މަބްރޫކް ވިދާޅުވި އެވެ. ކަރަންޓީނަށް ގެންދިޔަ ކުޑަ ކުއްޖާ ނެގެޓިވް ނަމަވެސް އެއީ ކްލޯޒް ކޮންޓެކްޓެއް ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެހެންކަމުން އެ ކުއްޖާ އަދިވެސް ޓެސްޓް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ސަރުކާރުން މިހާރު ވަނީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް އިތުރުކުރަން ނިންމާފައެވެ. އަދި ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ދަންމާލަން ވެސް ވަނީ ނިންމާފައެވެ. މިހާތަނަށް ރާއްޖެއިން 519 މީހަކަށް ބަލި ޖެހިފައިވާއިރު، ބަލީގައި އެކަކު ވަނީ ނިޔާވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ