ޖޭޕީ ކުރިއަށްދާނީ ދީނާއި ޚިލާފު ނޫން ޔޫއެން އަދި އީޔޫގެ ނިންމުންތަކާއިއެކު: ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީ އަބަދުވެސް އޮންނާނީ ރައްޔިތުންނާއި ގައުމުގެ ސަލާމަތްކަން އޮތް ގޮތަކަށް އަނިޔާވެރިކަމުން ސަލާމަތްކުރުމުގައި ދީނާއި ޚިލާފު ނޫން ޔޫއެން އަދި އީޔޫގެ ނިންމުންތަކާއިއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ މިރޭ އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ގާސިމްގެ ޓްވީޓްގައި ވިދާޅުވީ ކޯލިޝަންގެ ސިންގަލް ކެންޑިޑޭޓަކީ "ރައްޔިތުން އެދޭ ބަދަލު"ކަމަށާ ޖުމްހޫރީ ޕާޓީ މި މަގުން ކުރިއަށްދިއުމަކީ ރައްޔިތުންގެ އެދުންކަމަށެވެ.
އަދި ވިދާޅުވީ މާތްﷲގެ އިރާދަފުޅުން ޖުމްހޫރީ ޕާޓީ އަބަދުވެސް އޮންނާނީ ރައްޔިތުންނާއި ގައުމުގެ ސަލާމަތްކަން އޮތް ގޮތަކަށް އަނިޔާވެރިކަމުން ސަލާމަތްކުރުމުގައި ދީނާއި ޚިލާފު ނޫން ޔޫއެން އަދި އީޔޫގެ ނިންމުންތަކާއިއެކުކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީގެ އިތުރަށް އަދާލަތު ޕާޓީއާއި ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތްތަކުން ގުޅިގެން ވާދަކުރުމަށް ނިންމާ، އެމްޑީޕީގެ ކެންޑިޑޭޓަކާއި، ޖުމްހޫރީ ޕާޓީގެ ރަނިން މޭޓަކު ނެރުމަށް ނިންމާފައިވާއިރު، އެއް ކެންޑިޑޭޓަކު ނެރުމުގެ މުހިންމުކަން ގާސިމް އަބަދުވެސް ގެންދެވީ ހިއްސާ ކުރައްވަމުންނެވެ. އަދި އެކަމަށް މަގުފަހިކުރުމުގެ ގޮތުން އެމަނިކުފާނު ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އަދި މިވޭތިވެދިޔަ ދުވަސްތަކުގައި ގާސިމް އިބްރާހިމް ވަނީ އެއް ކެންޑިޑޭޓަކު ނެރުމަށް ދޫދޭންޖެހޭ ކޮންމެ ހާލަތެއްގައި ގައުމާއި، ރައްޔިތުންގެ ހައްގުގައި ދޫދިނުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވަމުންނެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޑިމޮކްރަޓިކް ނިޒާމް ވެއްޔާ މޮޑެލާ، އިންސާނީ ކަރާމާތާއި އިންސާނީ ހައްގުތައް ނިގުޅައިގަނެ ހިންގަމުންދާ ކަންކަން ހުއްޓުވުމަށް ބައިނަލްއަގްވާމީ ދުނިޔެއިން ގޮވާލަމުންދާ ގޮވާލުންތަކަށްވެސް އިޖާބަދިނުމަށް ގާސިމް އިބްރާހިމް ވަނީ ތަކުރާރުކޮށް ގޮވާލައްވާފައެވެ. އަދި އެމަނިކުފާނާއި ޖުމްހޫރީ ޕާޓީ ބައިވެރިވާ ސަރުކާރެއްގައި ބައިނަލްއަގްވާމީ ދުނިޔޭގެ ގޮވާލުންތަކަށް އިސްލާމް ދީނާއި ޚިލާފު ނުވާގޮތަށް އިޖާބަދެއްވާނެކަމަށާ ބޭރު ދުނިޔެއާއި އޮންނަ ގުޅުން ހަރުދަނާ ކުރައްވާނެކަމަށްވެސް އެމަނިކުފާނު ގެންދަވަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ