ނަޝީދާއި ގާސިމް ފުލުސް އޮފީހަށް ހާޒިރުކުރުމަށް ޗިޓު ފޮނުވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އިއްވާފައިވާ ޖަލު ހުކުމަށް ފިއްލަވައިގެން އުޅުއްވާތީ، އެ ދެ ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުކުރުމަށް ޗިޓު ފޮނުވައިފި އެވެ.
ތޭރަ އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ނަޝީދައީ ތިން އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ގާސިމް އިބްރާހީމް ފިއްލަވައިގެން އުޅުއްވާ މައްސަލާގައި އެ ދެބޭފުޅުން ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވާފައި ވަނީ ޓުވިޓާ މެދުވެރިކޮށެވެ. ނަޝީދާއި ގާސިމް އަށް ފޮނުވި ޗިޓު ފުލުހުން ވަނީ އެ ދެ ބޭފުޅުންނަށް ޓެގްވެސް ކޮށްފައެވެ.
ނަޝީދަށް ޖަލު ހުކުމް އައިސްފައި ވަނީ، އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގަ އެވެ. ގާސިމް ޖަލަށް ލާން ހުކުމް ކުރީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅި މައްސަލަ ސާބިތުވުމުންނެެވެ.
ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް އެ ގައުމުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ނަޝީދު، ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށެވެ. ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގެންނެވި ގޮތަށް، ފަހުން ޖަރުމަނަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވާ ގާސިމް ފުލުސް އޮފީހަށް ހާޒިރުވާން ޖެހެނީ ހޯމަ ދުވަހުގެ މެންދުރު 2:00 އަށެވެ.
ދެ ބޭފުޅުން ވެސް ހާޒިރުކުރާ ސަބަބެއް ކަމަށް ޗިޓުގައި ބުނެފައި ވަނީ ރާއްޖެ އިން ބޭރަށް ބޭސްފަރުވާ އަށް ފޮނުވައި، އެކަމަށް ދިން މުއްދަތު ހަމަވުމުން، އެނބުރި ރާއްޖެ ވަޑައިނުގެން ހުކުމަށް ފިއްލަވައިގެން އުޅުއްވުން ކަމަށެވެ. އަދި، ނަޝީދާއި ގާސިމް ހާޒިރު ކުރަނީ އެ މައްސަލަ ތަހުގީގުކޮށް ބަޔާން ނެގުމަށް ކަމަށް ވެސް ޗިޓުގައި ވެ އެވެ.
އެ ދެ ބޭފުޅުން ހުކުމަށް ފިއްލަވައިގެން އުޅުއްވާތީ ފުލުސް އޮފީހަށް ހާޒިރުވާން އެންގިއިރު، ރާއްޖެ އިން ބޭރުގައި ތިއްބަވައިގެން ގެންދަވަނީ ސިޔާސީ އިދިކޮޅު ހަރަކާތް ހިންގަވަމުންނެވެ. އެގޮތުން، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނުކުންނާނެ ކެންޑިޑޭޓަކީ ނަޝީދު ކަމަށް، މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ޕްރައިމަރީން ވަނީ ކަނޑައަޅައިފަ އެވެ. އެ ޕްރައިމަރީގައި ކެމްޕެއިން ކުރައްވައި ނަޝީދު ޕްރައިމަރީ ކާމިޔާބު ކުރެއްވީ ވެސް ސްރީ ލަންކާގައި އުޅުއްވަމުންނެވެ. ގާސިމް ވެސް ގެންދަވަނީ، ޖަރުމަނުގައި ހުންނަައިގެން ޖުމްހޫރީ ޕާޓީގެ ބައެއް ބައްދަލުވުންތައް އެ ގައުމުގައި ބާއްވައި އަދި އެ ޕާޓީގެ ސަޕޯޓަރުންނާ ސްކައިޕް މެދުވެރިކޮށް، ވާހަކަ ދައްކަވަމުންނެެވެ.
ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގަތީ ޖެނުއަރީ 2016 ގަ އެވެ. އޭގެ ފަހުން، އެ ގައުމުން ހިމާޔަތް ހޯއްދެވި ގޮތަށް އެމަނިކުފާނު ރާއްޖެ ވަޑައެއް ނުގަންނަވަ އެވެ. އަދި ފަހަކަށް އައިސް އާންމުކޮށް އުޅުއްވަނީ ސްރީ ލަންކާގަ އެވެ. ގާސިމް ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގަތީ ސެޕްޓެމްބަރު 6، 2017 ގަ އެވެ. ސިންގަޕޫރުން ބޭސްފަރުވާ ކުރެއްވުމަށް ފަހު، އޭނާ ވަކި ހިސާބަކުން ޖަރުމަނަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދެވި ގޮތަށް އުޅުއްވަނީ ޖަރުމަނުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ