ޖުމްހޫރީ ޕާޓީގެ ރައީސްކަމަށް އަލީ ވަހީދު، ނައިބް ލީޑަރުކަމުގެ މަޤާމަށް އަބްދުﷲ ކަމާލުއްދީން އިންތިހާބެއް ނުވި

ޖުމްހޫރީ ޕާޓީގެ ރައީސްގެ މަޤާމަށް އަލީ ވަހީދު އިންތިހާބުކޮށްފި އެވެ. 
އަލީ ވަހީދު އެ މަޤާމަށް އިންތިހާބުކޮށްފައިވަނީ 154 މެމްބަރުންގެ ވޯޓާއެކުގައެވެ. އޭނާ ރައީސްކަމަށް އިންތިހާބްކުރަން ނުފެންނަކަމަށް 102 މެމްބަރުން ވޯޓުދީފައިވެއެވެ. 
ޖުމްހޫރީ ޕާޓީގެ ނައިބް ރައީސްކަމަށް ކުރިމަތިލައްވާފައިވަނީ ޑރ. އަބްދުﷲ މައުސޫމް އެކަނި އެވެ. އޭނާ އެ އިންތިހާބް ކާމިޔާބުކުރެއްވީ 240 ވޯޓާއެކުގައެވެ. ދެކޮޅަށް ވޯޓުދެއްވާފައިވަނީ އެންމެ 8 މެމްބަރުންނެވެ. 
އެންމެ ވާދަވެރިކޮށް ފެނިގެންދިޔަ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރުކަމުގެ މަޤާމަށް ފަސް ބޭފުޅުން ކުރިމަތިލެއްވިއިރު، އިންތިހާބު ކާމިޔާބުކުރެއްވީ ޑރ. ހުސެއިން ރަޝީދާއި، އަމީން އިބްރާހިމާއި، އަބްދުﷲ އަމީންގެ އިތުރުން މުހައްމަދު ފަޔާޒް (އެފްއޭ) އެވެ. އެ އިންތިހާބުގައި ނާކާމިޔާބީއާއި ކުރިމަތިލައްވަންޖެހިވަޑައިގެންނެވި އަބްދުﷲ ކަމާލުއްދީން އަށް ލިބިވަޑައިގެންނެވީ 160 ވޯޓެވެ. 
އޭގެއިތުރުން ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސާގެ މަޤާމަށް ވަލީދާ ވަލީދު އިންތިހާބުކޮށްފައިވާއިރު، ޒުވާނުންގެ ލީގުގެ ރައީސްކަމުގެ މަޤާމަށް އިންތިހާބްކޮށްފައިވަނީ އައްސަދު ރިޒާ އެވެ.
މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ ވަނީ ކައުންސިލްގެ ގޮނޑިއެއް ކަށަވަރުކުރައްވާފަ އެވެ. އެގޮތުން ނަހުލާއަށް ލިބިވަޑައިގެންނެވީ 227 ވޯޓެވެ.
އޭގެއިތުރުން ކައުންސިލަށް އިންތިހާބްކޮށްފައިވަނީ ހުސެއިން ރަޝީދާއި، އަހުމަދު ސައުދާއި، ހުސެއިން ނިހާދާއި، ސޮފްވާން މަހުމޫދާއި، އަހުމަދު ރިޔާޒާއި، އައްސަދު އަލީގެ އިތުރުން އަހުމަދު މުހައްމަދު އެވެ. އަދި އަބްދުﷲ ރަޝީދު މުސާ އާއި، އަހުމަދު މޫސާއާއި، މުހައްމަދު ސައީދާއި، މުހައްމަދު ފިކުރީ އާއި، ހަސަން ސުޖާއު އާއި، ހުސެއިން އަހުމަދާއި، އަނީސާ ސައީދުވެސް ވަނީ ކައުންސިލަށް އިންތިހާބުކޮށްފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ