ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގައި ރައްޔިތުން ދައްކާ އިސްލާމީ އުޞޫލު އުފަލާއިއެކު ފާހަގަ ކުރަން: ރައީސް ނަޝީދު

ރައީސް ނަޝީދު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ، ދިއިސްލާމް ފޮޓޯ: އަޝްވާޤްރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ވުމުގައި ރައްޔިތުން ދައްކަމުންދާ އިސްލާމީ ރިވެތި އުސޫލު އުފަލާއި އެކު ފާހަގަ ކުރައްވާކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.ނަޝީދު މިހެން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި އެކު ގިނަ އަދަދެއްގެ ބަޔަކަށް ގެއްލުންވުމާއި ގުޅިގެން، މިއަދުގެ ވަގުތެއްގައި އެމަނިކުފާން ނެރުއްވާފައިވާ ނޫސްބަޔާނެއްގައެވެ.“މިދަނޑިވަޅުގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގައި ރައްޔިތުން ދައްކާ ރިވެތި މިސާލާއި އިސްލާމީ އުޞޫލު އުފަލާއިއެކު ފާހަގަ ކުރަމެވެ. އަދި ރައްޔިތުންނަށް ލިބިގެންދާ މިހިތާމައިގާ ރާއްޖޭގެ ރައްޔިތުންނާއި އެކު އަޅުގަނޑު ވަމެވެ” އެބަޔާނުގައި ވެއެވެ.ނަޝީދުގެ ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ވިއްސާރައިގެ ސަބަބުން ދަތުރުފަތުރާއި މުޢާސަލާތާއި އިޖްތިމާޢީ އަދި އިޤްތިޞާދީ ހިންގުންތަކަށްވަނީ ބުރޫއަރާފައި ކަމަށާއި، މިއެންމެހާ ގެއްލުންތަކަށްވުރެ ބޮޑު ގެއްލުމަކީ ރައްޔިތުންގެ ނަފްސާ ގެދޮރާއި މުދަލަށް މީގެ އަސަރު ނިހާޔަތަށް ފޯރާފައިވުން ކަމށެވެ.އަދި ވަކިން ހއ. ހޯރަފުއްޓާއި ބާރަށާއި ހަނިމާދޫ އާއި އައްޑޫ ސިޓީގެ ހުޅުދޫ އާއި ފޭދޫ އަދި ޏ. ފުވައްމުލަކަށް ލިބުނު ގެއްލުން އެތައްގުނައަކުން ބޮޑުކަން ފާހަގަވެގެންދާ ކަމަށް ނަޝީދުގެ ބަޔާނުގައި ބުނެފައިވެއެވެ.ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން ބައެއް ރަށްރަށަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ވެފައެވެ.މެޓް އޮފީހުން ބުނެފައިވަނީ މިވިއްސާރަ އަދިވެސް އިތުރަށް ކުރާނެކަމަށް ބެލެވޭ ކަމަށާއި، ޚާއްސަކޮށް ދަތުރުވެރިން މިކަމަށް ސަމާލުކަން ދިނުމަށް އެދޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ