ފީމްގެ ރައީސަކަށް ކްލިކް ކޮލެޖުގެ ނައިބު ރައީސް ހަސަން އަބްދުﷲ ސައީދު ހަމަޖައްސައިފި

ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ފީމް)ގެ ހިންގާ ކޮމިޓީގެ ރައީސްގެ މަގާމަށް ކްލިކް ކޮލެޖުގެ ނައިބު ރައީސް ހަސަން އަބްދުﷲ ސައީދު ހަމަޖައްސައިފި އެވެ. ރާއްޖޭގެ ހަ ކޮލެޖާއި ހަތަރު އިންސްޓިޓިއުޓް ހިމެނޭ މި ޖަމިއްޔާ އަކީ މަތީ ތައުލީމުގެ ދާއިރާ ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި އެކަންކަން ހައްލު ކުރެވޭނެ ގޮތް ދިރާސާކޮށް، މަޝްވަރާ ކުރުމަށް 2009 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ. އަދި ރާއްޖޭގައި އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ފޯރުކޮށްދޭ މަތީ ތައުލީމުގެ ހިދުމަތް ތަރައްގީކޮށް، ހަރުދަނާ ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ވެސް މި ޖަމިއްޔާ އިން މަސައްކަތް ކުރެ އެވެ. ރޭގެ ޖަލްސާގައި ޖަމިއްޔާގެ ރައީސްގެ މަގާމަށް ހަސަން އަބްދުﷲ ސައީދު ހަމަޖައްސާފައިވާ އިރު ނައިބު ރައީސަކަށް ހަމަޖައްސާފައި ވަނީ މެޕްސް ކޮލެޖުގެ ޑެޕިއުޓީ ރެކްޓާ އަބްދުލް އަޒީޒް އިބްރާހިމެވެ. އަދި ޖަމިއްޔާގެ ހަޒާންދާރުގެ މަގާމަށް އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝީދް، ސެކްރެޓަރީގެ މަގާމަށް ސައިރިކްސް ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަހުމަދު ޝާހިދު އަދި އިންތިޒާމް ސެކްރެޓަރީގެ މަގާމަށް ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ވަނީ ހަމަޖައްސާފަ އެވެ. ކްލިކް ކޮލެޖުގައި ރޭ ބޭއްވި ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ފީމް)ގެ އަހަރީ އާންމު ޖަލްސާ: އެ ޖަމިއްޔާގެ ރައީސް އަކަށް ކްލިކް ކޮލެޖުގެ ނައިބު ރައީސް ހަސަން އަބްދުﷲ ވަނީ ހަމަޖައްސާފައި. -- ފޮޓޯ: ކްލިކް ކޮލެޖް އަދި އޭގެ އިތުރުން އާންމު މެންބަރުންގެ ގޮތުގައި މައި ކޮލެޖުގެ ރެކްޓާ ޑރ. އާމާލް އަލީ އާއި ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވެސް ވަނީ ހަމަޖައްސާފަ އެވެ. މި ޖަލްސާގައި ފީމްގެ އާ ރައީސް ހަސަން އަބްދުﷲ ސައީދު ވިދާޅުވި ގޮތުގައި މަތީ ތައުލީމުގެ ދާއިރާ ތަރައްގީކޮށް، ފުޅާ ކުރުމަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް އެ ޖަމިއްޔާއިން މި އަހަރު މަސައްކަތް ކުރާނެ އެވެ. އަދި ޓީޗާސް ކޮންފަރެންސެއް ބާއްވަން ރާވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ޖަލްސާގައި ޑރ. އަމާލް އަލީ ވިދަޅުވީ ދިރިއުޅުމުގެ ހުނަރާއި އުނގެނުމުގެ ހުނަރުތައް އަދި އަހްލާގީ މިންގަނޑުތައް ފުރިހަމަ ކުރުމާއި، ގައުމީވަންތަ ސިފަތަކެއް އަށަގަތުމަކީ ކޮންމެ ދަރިވަރަކު ވެސް ކިޔެވުމުގެ ތެރެއިން ހާސިލް ކުރަން ޖެހޭ މުހިންމު ބައިތަކެއް ކަމަށެވެ. އަދި މިކަން ކުރުމަށް ފީމްގެ ހިންގާ ކޮމިޓީން މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ،ރޭގެ ޖަލްސާގައި ވަނީ ފީމްގެ 2014 އަދި 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ