"އޮޕަރޭޝަން އަލިމަގު" ގެ ދަށުން އަތުލައިގަތް ގއ. ވިލިނގިލިއަށް ނިސްބަތްވާ ޑްރަގް ނެޓްވޯކުގެ އިސް މީހުން ބަންދުން ދޫކޮށްލުމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން އަންގައިފިއެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ވިލިނގިލީގައި ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި، ޝެވޯނާ، ޝައްފާހު ލަތީފު (28އ)، ގއ. ވިލިނގިލި، މިޔުޒިކީއާގެ، އަހުމަދު މަދީހު (33އ)، ގއ. ވިލިނގިލި، އައިޒަން، އަހުމަދު އަނާމް އިބްރާހިމް (30އ) އަދި ގއ. ވިލިނގިލި، އަރާއިރުގެ، ނޫރުއްނިޒާމް (35އ) އެވެ. ކޯޓުންވަނީ އެ އެންމެން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.
އެ މައްސަލައިގެ ތަހުގީގު ނިންމައި، އެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މި މަހުގެ 9 ވަނަ ދުވަހު ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ. އެއީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށް އަދި މަނީލޯންޑަރިންގެ ކުށެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގަ ދައުވާކުރާ މުއްދަތު އިއްޔެއަށް ހަމަވެފައިވާ ކަމަށާއި މި މައްސަލައިގައި ލިބިފައިވާ ހެކިތައް ދިރާސާކުރިއިރު ޖިނާއީ ބޮޑު ކުށެއްގެ ދައުވާ ކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާ ކަމަށެވެ. އެއާއެކު ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ދޫކޮށްލަން ފުލުހުންނަށް އަންގާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
ޖިނާއީ ބޮޑު ކުށެއްގެ ދައުވާ ނުކުރިޔަސް މަދީހުއާ އަނާމް އަދި ޝައްފާހުގެ މައްޗަށް ކެނެބިސް ބޭނުން ކުރުމުގެ ދައުވާކޮށް ޑްރަގް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. އެކަމަކު، ނޫރުއްނިޒާމްގެ މައްޗަށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާތީ އޭނާގެ ބައި ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
ފުލުހުން ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވިލިނގިލިއަށް ނިސްބަތްވާ އެ ޑްރަގް ނެޓްވޯކުގެ އިސް މީހުންގެ އެކައުންޓުގައި 300 މިލިއަން ރުފިޔާ ދައުރުވި ކަމަށެވެ. އެ ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، މަނީ ލޯންޑަރިންގެ ނެޓްވޯކު ހިންގާ އިސް ހަތަރު މީހުންކަމަށް ތުހުމަތުވާ މީހުން ކަމަށެވެ. އެ ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
"އެގޮތުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި މި ނެޓްވޯކް މެންބަރުންގެ ބޭންކު އެކައުންޓުތަކުގައި 300 މިލިއަންއަށްވުރެ ގިނަ ދިވެހި ރުފިޔާއާއި ހަތަރު ލައްކައަށް ވުރެން ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާކަންވަނީ ފާހަގަކުރެވިފައެވެ." ފުލުހުން ބުނެފައިވެއެވެ.
އެ ނެޓްވޯކުގެ މެންބަރެއްކަމަށްވާ އަހުމަދު މަދީހުގެ ބޭންކު އެކައުންޓުތަކުގައި 17،174،461.12 ރުފިޔާ ދައުރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
"ނަމަވެސް މި މުއްދަތުގެ ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 430،638.99 ރުފިޔާ" ފުލުހުން ބުނެފައިވެއެވެ.
އަހުމަދު އަނާމް އިބްރާހިމްގެ ބޭންކު އެކައުންޓުތަކުގައި 38،812،690.60 ރުފިޔާ ދައުރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
"މި މުއްދަތުގެ ތެރޭގައި އަހުމަދު އަނާމް އިބްރާހިމް ބޭންކު އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 271،874.32 ރުފިޔާ" ފުލުހުން ބުނެފައިވެއެވެ.
އަދި ޝައްފާހު ލަތީފުގެ ބޭންކު އެކައުންޓުތަކުގައި 6،916،752.83 ރުފިޔާ ދައުރުވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
"މި މުއްދަތުގެ ތެރޭގައި ޝައްފާހު ލަތީފުގެ ބޭންކު އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 317،635.36 ރުފިޔާ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އެ ނެޓްވޯކް އިސްވެ ހިންގާ ފަރާތާއި، އޭނާގެ ދަށުން މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މަނީލޯންޑާ ކުރުމުގައި އެކި ގޮތްގޮތުން ހަރަކާތެރިވި 19 ފަރާތެއް، ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށެވެ. އެ ހުރިހާ ފަރާތްތަކުގެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.
ވިލިނގިލި ޑްރަގް ނެޓްވޯކުގެ މީހުން ދޫކޮށްލަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ