ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ އިންތިޚާބާއި ކުރެންދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރަން ވެސް ހައި ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
އެ ދެ ދާއިރާގެ މައްސަލަ އެ ކޯޓަށް ހުށަހެޅިއިރު މީގެކުރިން ށ. ފުނަދޫ ދާއިރާ އާއި ހިތަދޫ މެދު ދާއިރާގެ އިންތިޚާބުގެ މައްސަލަ ވެސް ވަނީ އެ ކޯޓަށް ހުށަހަޅައިފަ އެވެ. އަދި އޭގެ ތެރެއިން ހިތަދޫ މެދު ދާއިރާގެ މައްސަލަ ހައި ކޯޓުން ވަނީ ބަލައިގެންފަ އެވެ.
"ހަވީރަ"ށް އެނގިފައިވާ ގޮތުގައި ތިމަރަފުށީ ދާއިރާގެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ޕީޕީއެމްގެ ފަރާތުން އެ ދާއިރާއަށް ވާދަކުރި، އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަހުމަދު ޝަރީފެވެ. އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ވާދަކޮށް އޭނާ ބަލިވީ އެންމެ ނުވަ ވޯޓުގެ ތަފާތުންނެވެ.
އެ އިންތިޚާބު ބާތިލްކުރަން ޕީޕީއެމްގެ ކެންޑިޑޭޓް ޝަރީފް ހުށަހެޅުއްވި އިރު މުސްތަފާ ވަނީ ދާދިފަހުން ޕީޕީއެމަށް ސޮއިކުރައްވައިފަ އެވެ.
ކުރެންދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރަން ހުށަހެޅީ ޖުމްހޫރީ ޕާޓީން ކަމަށް ވަނީ އެނގިފަ އެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލްބާރީ އަބްދުﷲ އެވެ. ބާރީއާ ވާދަކޮށް، އެ ދާއިރާގެ މިހާރު މެމްބަރު އަހުމަދު މޫސާ ބަލިވީ އެންމެ ހަތް ވޯޓުގެ ތަފާތުންނެވެ.
އެ ދެ ދާއިރާގެ މައްސަލަ މިއަދު ހުށަހެޅި ނަމަވެސް އެ މައްސަލަތައް ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށްވެ އެވެ.
ފުނަދޫ ދާއިރާގެ އިންތިޚާބު ބާތިލް ކުރުމަށް ހުށަހެޅި މައްސަލައިގެ ދައުވާ ފޯމް އިސްލާހު ކުރުމަށް އަނބުރާ ފޮނުވުމުން އެކަން އިސްލާހުކޮށް މިއަދު ވަނީ އަލުން ހައި ކޯޓަށް ހުށަހަޅައިފަ އެވެ.
އިންތިޚާބާ ބެހޭ ގާނޫނު ބުނާގޮތުން އިންތިޚާބީ ޝަކުވާގެ މައްސަލަތައް ޝަރުއީ މަރުހަލާގެ ތެރެއިން ފުރަތަމަ ބަލާނީ ހައި ކޯޓުންނެވެ.
ތިމަރަފުށްޓާއި ކުރެންދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރަން ވެސް ހައި ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ