ރިޔާސީ އިންތިހާބުގެ މައްސަލައިގައި މަޝްވަރާކޮށްގެން ހައްލު ހޯދޭނެ: ޗައިނާ

ރާއްޖޭގެ ރިޔާސީ އިންތިހާބާ މެދު އުފެދިފައިވާ މައްސަލަތަކަށް ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށްގެން ހައްލު ހޯދުމަށް ޗައިނާއިން މިއަދު ރާއްޖެ އަށް ގޮވާލައިފި އެވެ.
ޗައިނާގެ ނިއުސް އެޖެންސީ "ޒިންހުއާ" ގައި އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ހުއާ ޗުންޔިންއާ ހަވާލާދީ ބުނެފައި ވަނީ އިންތިހާބުގެ މައްސަލައަކީ ރާއްޖޭގެ ދާހިލީ ކަމެއް ކަމަށާއި އެފަދަ ކަންތައްތަކުގައި އެ ގައުމުގެ ސިޔާސަތަކީ ގައުމެއްގެ ރައްޔިތުން ބޭނުންވާ ގޮތެއް މިނިވަންކަމާ އެކު އިހުތިޔާރު ކުރުމަށް ފުރުސަތު ދިނުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާ ގުޅުން ހުރި އެންމެހާ ފަރާތްތަކުގެ މެދުގައި މަޝްވަރާ ކޮށްގެން އެ މައްސަލަތަކަށް ރާއްޖޭން ހައްލެއް ހޯދާނެ ކަމަށް ޗައިނާ އުންމީދު ކުރެ އެވެ.
"ޗައިނާއިން ރާއްޖޭގެ ސަރުކާރާއި ދިވެހިންނަށް ފުރިހަމައަށް އިތުބާރުކުރޭ. ރާއްޖޭގެ މައްސަލަތައް ހައްލު ކުރެވޭނެ ގާބިލްކަމާއި ހިކުމަތްތެރިކަން ދިވެހިންގެ ކިބައިގައި އެބަހުރި،" ސްޕޯކްސްޕާސަން ވިދާޅުވި އެވެ.
މިއީ ރާއްޖޭގެ ސިޔާސީ މައްސަލައެއްގައި ޗައިނާއިން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.
އެ ގައުމުގެ ތަރުޖަމާން ވިދާޅުވީ އިންތިހާބު ލަސްވެގެން ދިޔަ ނަމަވެސް ރާއްޖޭގެ ސުލްހަ މަސަލަސްކަމާއި އިޖުތިމާއީ ހަމަޖެހުމަށް ހުރިހާ ފަރާތްތަކުން ވެސް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ ހާލަތު ޗައިނާއިން ކައިރިން ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ރިޔާސީ އިންތިހާބު ލަސްވާ މައްސަލައިގައި އދ. އާއި ކޮމަންވެލްތާއި ޔޫރަޕިއަން ޔޫނިއަން )އީޔޫ( އާއި އެމެރިކާ އާއި އިނގިރޭސިވިލާތާއި އިންޑިއާ އިން ގޮވާލާފައި ވަނީ އިންތިހާބު އިތުރަށް ލަސްނުކޮށް ވީހާވެސް އަވަހަކަށް ބޭއްވުމަށެވެ. މިދިޔަ ހޮނިހިރު ދުވަހު ބާއްވަން އުޅުނު އިންތިހާބު ނުބޭއްވި ލަސްވުމުން ބޭރުގެ ފަރާތްތަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ