ގާސިމް ޝަރީއަތް ފެށިފަހުން ހެކި ހޯދާތީ ގާނޫނީ ޓީމް ކަންބޮޑުވެއްޖެ

މައްސަލައެއްގައި ދައުވާ އުފުލަން ޖެހޭނީ އެ މައްސަލައެއްގެ ތަހުގީގު ފުރިހަމަކޮށް، ހޯދައި ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް ކަމަށް ބުނެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލާގެ ތުހުމަތުގައި އަދިވެސް ހެކި ހޯދަމުންދާތީ، ގާނޫނީ ބޭފުޅުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ގާސިމްގެ ގެކޮޅާއި ބައެއް އޮފީސްތައް މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވަނީ ބަލާފާސްކޮށްފަ އެވެ. އެ ތަންތަން ބަލާ ފާސްކުރުމަށް ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ ގާސިމް އިބްރާހިމްގެ އިމާރާތްތައް ބަލާ ފާސްކުރަނީ ބޭނުންވާ ވަކި ގޮތަކަށް ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުތައް އަނބުރާލުމަށްޓަކައި މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދީ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އިތުރު ތުހުމަތުތަކެއް ވެސް އަމުރުގައިވެ އެވެ. ފުލުހުން ވަނީ އެ ތުހުމަތުތަކުގައި ގާސިމްގެ ފޯނު ވެސް ހިފަހައްޓާފަ އެވެ.
ނަމަވެސް މަޖިލީހުގައި ނަގާ ވޯޓުތައް އަނބުރާލުމަށްޓަކައި މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދީ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރެއްވި ކަމަށް ބުނެ ގާސިމްގެ މައްޗަށް ދައުވާކޮށް، އެ މައްސަލާގެ ޝަރީއަތް މިހާރު ވަނީ ފަށާފަ އެވެ. އުފުލާފައިވަނީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ގޮޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.
އެހެންކަމުން މައްސަލައިގެ ތަހުގީގު ފުރިހަމަ ނުވަނީސް ނުވަތަ ޝަރީއަތް ފެށިފައިވަނިކޮށް މައްސަލައާ ގުޅޭ ހެކި ފުލުހުން ހޯދަމުންދާ ކަމަށް ބުނެ ގާނޫނީ ބޭފުޅުންގެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެގޮތުން މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު ވަނީ މިކަމާ ގުޅޭ ގޮތުން ސުވާލު އުފައްދަވާފަ އެވެ.
"ގާސިމް އިބްރާހިމަށް ދައުވާކޮށްފައިވަނީ ހެކި ނެތިތޯ ނުވަތަ ތަހުގީގު ފުރިހަމަ ނުވަނީސްތޯ؟ ކޮންމެ ގޮތެއް ވިޔަސް އިންސާފު ގާއިމެއް ނުވޭ،" މައުމޫން ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ގާސިމް އިބްރާހިމްގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވީ، މައްސަލައެއް ޝަރީއަތަށް ފޮނުވަން ޖެހޭނީ ފުލުހުން ހިންގާ ތަހުގީގު ނިމުމަށްފަހު އެ މައްސަލައެއް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވުމުން އެ މައްސަލާގައި ހިމެނޭ ހެކިތަކަށް ބެލުމަށްފަހު އެއީ ދައުވާ ކުރެވޭފަދަ މައްސަލައަކަށްވާނަމަ ކަމަށެވެ.
ދައުވާކުރުމަށްފަހު ނުވަތަ ޝަރީއަތް ހިނގަމުން ދަނިކޮށް ހެކި ހޯދުމަކީ އާންމު އުސޫލެއް ނޫން ކަމަށާއި މީގެކުރިން މައްސަލައެއް ހިނގަމުން ދަނިކޮށް އެ މައްސަލާގެ ތަހުގީގު ވެސް ކުރިއަށް ގެންގޮސްފައިނުވާ ކަމަށް ހިސާން ވިދާޅުވި އެވެ. އަދި، ދައުވާ ފޯމާއެކު ހެކި ވެސް ކޯޓަށް ހުށަހެޅުމަކީ މިހާރު އަމަލުކުރަމުން އަންނަ އުސޫލު ކަމަށް ވިދާޅުވި އެވެ.
ގާސިމް ހައްޔަރުކޮށް ބަންދު ޖެހުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާއާ ދެކޮޅަށް ހެކި ނެތް ކަމަށް ފުލުހުން ވެސް ބުނެފައިވެ އެވެ. ނަމަވެސް ފުލުހުން ވަނީ ގާސިމް ހެއްކަށް ނުފޫޒު ފޯރުވަދާނެ ކަމަށް ތުހުމަތުކުރެވޭ ކަމަށް ބުނެފަ އެވެ. ހަ ދުވަސް ތެރޭގައި ކޯޓަށް ހެކި ހުށަހެޅުމަށް ވެސް ކުރިމިނަލް ކޯޓުން ފުލުހުންނަށް އެންގި އެވެ. އެ މައްސަލާގައި ދައުވާކޮށް، މައްސަލަ ޝަރީއަތަށް ފޮނުވީ އެ ހަ ދުވަސް ތެރޭގަ އެވެ.
މިހާރު ޝަރީއަތް ކުރިއަށްދާ މައްސަލާގަ ތުހުމަތުކުރެވޭ ތުހުމަތާ ގުޅިގެން ގާސިމްގެ ގެކޮޅާއި ބައެއް އޮފީސްތައް އާދިއްތަ ދުވަހު ފާސްކުރިއިރު ފާސްކުރުމުގެ އަމުރުގައި ދެން ތުހުމަތުކޮށްފައިވަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭފަދަ އަމަލުތަކެއް ކުރަމުންދާ ތުހުމަތުކުރެވޭ ކަމަށާއި ދައުލަތުގެ ސަލާމަތީ ބާރުތަކުގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދައި ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަން އަމާންކަން ގެއްލުވާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. މި މައްސަލަތަކުގައި ވެސް ގާސިމަށް ދައުވާ ކުރާނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ