އެއާޕޯޓް މުއްދަތު އިތުރުކުރުމުގައި ގޯހެއް ނުހަދަން: ގާސިމް

މާމިގިލީ އެއާޕޯޓްގެ މުއްދަތު 99 އަހަރަށް އިތުރުކުރުމުގައި ވިލާ ޝިޕިން އެންޑް ޓްރޭޑިން އިން އެއްވެސް ގޯހެއް ހަދާފައި ނޯންނާނެ ކަމަށާއި އެ އެއާޕޯޓްގެ މުއްދަތު އިތުރުކޮށްފައިވަނީ ސަރުކާރުގެ އުސޫލްތަކާ އެއްގޮތަށް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިލާގެ ޗެއާމަން ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މާމިގިލީ އެއާޕޯޓްގެ މުއްދަތު އިތުރުކުރި މައްސަލަ ހޫނުވެފައިވާއިރު، އެކަމާ ގުޅިގޭ ގޮތުން ބޭއްވި ނިއުސް ކޮންފަރެންސްގައި ގާސިމް ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސަރުކާރުން އެކަން ނިންމައި ވިލާ އަށް އެންގުމުން ކަމަށާއި އެކަމުގައި "ނެގޯޝިއޭޓް ކުރަން (މަޝްވަރާކުރަން) އޮންނާނީ ކޮން ކަމެއް ކަމެއް ނޭނގޭ" ކަމަށެވެ.
"[އެކަމުގައި] ވިލާ ޝިޕިން އިން ގޯސްކޮށް ކުރި ކަމެއް ނޯންނާނެ،" ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ އަމިއްލަ ޓީވީ ސްޓޭޝަން ވީޓީވީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ އެގްރިމެންޓާ މެދު އިތުރު ގޮތަކަށް ވިސްނަވާނަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ގާސިމް ވިދާޅުވީ އެކަމުގައި ދެން އޮންނާނީ ޝަރީއަތަށް ދިއުން ކަމަށާއި އެކަން ކުރަން ބޭނުންވާ ނަމަ ދައުލަތުން އެކަން ކުރާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ އެއާޕޯޓްގެ މުއްދަތު އިތުރުކަން ހުށަހެޅީ ކުރީގެ ސަރުކާރުން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން އެއާޕޯޓް ހެދުމަށާއި ތަރައްގީގެ މަޝްރޫއުތަކަށް ފަޅުތަކާއި ބިންތައް ދޫކުރަމުން ދިއުމުން ކަމަށެވެ.
ނަޝީދުގެ ސަރުކާރު ވެއްޓުމުގެ ފެށުމަކަށް ވި 23 ޑިސެމްބަރުގެ މުޒާހަރާ ބޯމަތީގައި އޮތްވައި، މާމިގިލީ އެއާޕޯޓްގެ މުއްދަތު އިތުރުކުރަން ނަޝީދުގެ ސަރުކާރުގެ ޕްލޭނިން ކައުންސިލުން ނިންމީ ޑިސެމްބަރު މަހު ކަމަށް ގާސިމް ވިދާޅުވި އެވެ. ނަމަވެސް އެކަން އޮތީ ތަންފީޒުނުކޮށެވެ.
އެ އެއާޕޯޓްގެ މުއްދަތު އިތުރުކުރުމުގެ އެއްބަސްވުމުގައި މި މަހު 7 ގައި ސޮއިކުރެއްވީ ޕްލޭނިން ކައުންސިލްގެ ނިންމުމާ އެއްގޮތަށް އެކަން ތަންފީޒުކުރަން މިހާރުގެ ސަރުކާރުގެ އިގްތިސާދީ ކޮމިޓީން ނިންމުމުން ކަމަށް ގާސިމް ވިދާޅުވި އެވެ. އިގްތިސާދީ ކޮމިޓީން އެގޮތަށް ނިންމާފައިވަނީ އެ ކޮމިޓީގެ އިއްތިފާގުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންވެ، އެ ނިންމުން ރައީސް މުހައްމަދު ވަހީދަށް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވިޔަސް އެކަން ގަބޫލުކުރައްވަން ދަތިކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އެ މައްސަލަ އާއި ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހްމަދު ޝަމްހީދު ވަކިކުރެއްވި މައްސަލާގައި ރައީސާ ވަހީދާ މަޝްވަރާ ނުކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2001 ވަނަ އަހަރު މަސައްކަތް ފަށައި، މިދިޔަ އަހަރުގެ އޯގަސްޓް މަހު ހުޅުވި މާމިގިލީ އެއާޕޯޓްގެ މުއްދަތު އިތުރުކުރަން ހުށަހެޅުއްވީ އަދި މުއްދަތު އިތުރުކޮށްދޭން ޕްލޭނިން ކައުންސިލުންނާއި މިހާރުގެ ސަރުކާރުގެ މިނިސްޓަރުންގެ އިގްތިސާދީ ކޮމިޓީން ނިންމީ ވެސް އެއީ މާލީ ގޮތުން ބޮޑު ޕްރޮޖެކްޓަކަށް ވުމާއި އެ ޕްރޮޖެކްޓާ އެކު މާމިގިލީ ތަރައްގީ އަށް ބޮޑެތި ކަންތައްތަކެއް ވެސް ކޮށްދީފައި އޮތުމުން ކަމަށެވެ.
ތިރީސް އަހަރަށް ކުއްޔަށް ދީފައިވާ މާމިގިލީ އެއާޕޯޓްގެ މުއްދަތު 99 އަހަރަށް އިތުރުކުރިއިރު، ކުއްޔަކަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ގާސިމް ވިދާޅިވީ މާމިގިލީ އެއާޕޯޓްގެ ކުއްޔަކީ އަހަރަކަށް 24،000 ޑޮލަރު ކަމަށާއި އިތުރުކުރި މުއްދަތުގެ ކުއްޔަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ މާމިގިލީ އެއާޕޯޓް ތަރައްގީކުރުމަށް 1.4 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެ މަޝްރޫއާ އެކު މާމިގިލީގެ ތަރައްގީގެ އެކި ކަންކަމަށް 530 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެރަށުގެ ބަނދުރު ތަރައްގީކުރީ ބޮޑެތި އާގު ބޯޓުފަހަރު ބަނދަރުކުރެވޭ ވަރަށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި އެރަށުގައި 3،000 ގޯތި ދޫކުރެވޭ މިންވަރަށް ބިން ވެސް ބޮޑުކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މަޝްރޫއުގެ ސަބަބުން އަރިއަތޮޅުގެ އިތުރުން އެ ސަރަހައްދުގެ އެހެން އަތޮޅުތަކަށް ވެސް ބޮޑެތި ފައިދާތަކެއް ލިބޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާމިގިލީ އެއާޕޯޓްގެ މުއްދަތު އިތުރުކުރުމާއި ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގެ 30 ޕަސެންޓް ހިއްސާ ވިއްކާލުމާ ގުޅުވައިގެން ބައެއް ފަރާތްތަކުން ވާހަކަ ދައްކަނީ "ޕްރޮޕަގެންޑާ ފަތުރަން" ކަމަށެވެ.
މާމިގިލީ މުއްދަތު އިތުރުކުރުމަށް ނިންމި ނިންމުމާ ގުޅުވައިގެން ޓްރާންސްޕޯޓް މިނިސްޓަރުކަމުން ޑރ. ޝަމްހީދު ވަކިކުރައްވަން ނިންމުމުން ކަންބޮޑުވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ