ސިޔާސީ ޕާޓީގެ ބިލްގެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާނަން: ގައުމީ އިއްތިހާދު

ސިޔާސީ ޕާޓީތަކުގެ ބިލްގެ މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަނާޅައިފި ނަމަ އެ މައްސަލަ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީން މިއަދު ބުނެފި އެވެ.
ސިޔާސީ ޕާޓީގެ ބިލް މަޖިލީހުގެ ބޮޑު އަޣުލިަބިއްޔަތަކުން މިދިޔަ އަހަރުގެ ތެރޭގައި ފާސްކުރުމުން ރައީސް އެ ބިލް ތަސްދީގު ނުކުރައްވާ ފޮނުވާލެއްވި ނަމަވެސް މަޖިލީހުން އަނެއްކާވެސް ވަނީ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށް ތަސްދީގު ކުރަން މަޖުބޫރު ކުރުވައިފަ އެވެ.
ރައީސްގެ ޕާޓީގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިއަދު "ހަވީރަށް" ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބިލުގައި ވަރަށް ބޮޑަތި މައްސަލަތަކެއް އެބަހުރި ކަމަށާއި އެ ބިލަކީ ގާނޫނު އަސާސީގެ 30 ވަނަ މާއްދާގައި ބުނާ އަސާސީ ހައްގުތަކާ ފުށުއަރާ ބިލެއް ކަމަށެވެ. އަދި އެފަދަ އަސާސީ ހައްގުތަކެއް ގެއްލިގެން ދާއިރު އެ ބިލް ތަސްދީގު ނުކުރުމަށް އެ މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ ކަމަށް ޕާޓީން ދެކޭ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
"ގާނޫނު އަސާސީގެ 30 ވަނަ މާއްދާ އެއްކޮށް ނެތިދާ ގޮތަށް ބިލް މިއޮތީ. އަޅުގަނޑުމެން ވެސް ވަކާލާތު ކުރަން ޕާޓީ ރެގިއުލޭޓް ކުރަން ބިލެއް އޮންނަން. ސަރުކާރުން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭނެ ބިލް ތަސްދީގު ނުކުރުމަށް. އެ މައްސަލަ ހުށަހަޅައިފި ނަމަ ގިނަ ޕާޓީތަކުންވެސް ތިބީ މައްސަލައިގެ ތެރެއަށް ތަދައްހުލް ވާން. އަޅުގަނޑުމެން ޕާޓީން ވަކިން ނަމަވެސް މައްސަލަ ހުށަހަޅާނަން،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޔާސީ ހަރަކާތްތަކަށް ހުރަސް އެޅޭ ގޮތަށް ބިލެއް ފަރުމާކޮށް ފާސް ކުރުމަކީ ސިޔާސީ ގޮތުން ވަކި ބަޔަކަށް ފިއްތުންތަކެއް ކުރިމަތި ކުރަން ކުރާ ކަމެއް ކަމަށެވެ. އަދި އެކަންތައްތައް އެގޮތަށް ވުމަށް އެ ޕާޓީން ދޫނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ސިޔާސީ ހަރަކާތްތަކަކީ ވަކި ޖަމާއަތެއް ނުހަދާވެސް ހިންގެން ޖެހޭނެ ހަރަކާތްތަކެއް ކަމަށް ގައުމީ އިއްތިހާދުން ދެކޭ ކަމަށް އައްބާސް ވިދާޅުވި އެވެ.
"ކޮންމެހެން ސިޔާސީ ހަރަކާތަކީ ވަކި އަދަދެއް އޮވެގެން ނޫނީ ހަމަވެގެން ކުރެވެން ޖެހޭ ކަމެއް ނޫން. އެކަމަކީ ވީހާވެސް ބޮޑަށް ހުޅުވާލެވިފައި އޮންނަން ޖެހޭނެ ކަމެއް. މި ބިލްގެ ސަބަބުން ހައްގުތަކެއް ވަރަށް ބޮޑަށް ފިތިގެން އެބަދޭ،" އައްބާސް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީގެ ބިލްގައި ބުނާ ގޮތުން 10،000 މެންބަރުން ހަމަނުވާ ކޮންމެ ޕާޓީއެއް ބިލް ގެޒެޓް ކުރުމާ އެކު އުވިގެން ދާނެ އެވެ. ގައުމީ އިއްތިހާދު ޕާޓީގައި ވެސް އެ އަދަދަށް މެންބަރުން ހަމައެއް ނުވެ އެވެ. ނަމަވެސް އެ ޕާޓީގެ ހަރުގޭގައި ރައީސް ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ގައުމީ އިއްތިހާދު ޕާޓީ އުވިގެން ނުދާނޭ ކަމަށެވެ. އަދި މަޖިލީހުން ބިލް ދެ ވަނަ ފަހަރަށް ފާސް ކުރުމުން ރައީސް އެކަން ސިފަކުރެއްވީ މަޖިލީހުގެ "ގޮތްދޫނުކުރުމުގެ" އަމަލެއްގެ ގޮތުގަ އެވެ.
އުވޭނެ ޕާޓީތަކުގެ ތެރޭގައި ހިމެނެނީ ގައުމީ އިއްތިހާދުގެ އިތުރުން އައިޑީޕީ އާއި އެމްއެސްޑީޕީ އާއި އެސްއެލްޕީ އާއި ޕީޕަލްސް ޕާޓީ އާއި މޯލްޑިވްސް ނެޝަނަލް ކޮންގްރެސް އާއި ޕީއޭ އާއި އެމްއެލްޕީ އާއި ރައީސްގެ އެޑްވައިޒަރު ޑރ. ހަސަން ސައީދު އިސްކޮށް ހުންނެވި ގައުމީ ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓެވެ. އުވިގެން ނުދާނީ އެމްޑީޕީ އާއި ޑީއާރުޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ، ޕީޕީއެމް އެވެ. އަދި ދާދިފަހުން ރަޖިސްޓްރީ ކުރި ސަންޓްރެވަލް ސިޔާމްގެ، އެމްޑީއޭއަށް ވެސް މެންބަރުން ހަމަކުރެވުމުގެ ފުރުސަތު ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ