ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގެ ސްކެޗެއް ކުރެހި ވަކީލަކު 5،000ރ. އިން ޖޫރިމަނާކޮށްފި
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަަލައާ ގުޅިގެން މިއަދު މެންދުރު ފަހު ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލިސް އަޑުއަހަން ވަޑައިގެންނެވި ވަކީލަކު އޭނާގެ ނޯޓް ފޮތުގައި ޝަރީއަތުގެ މަޖިލީހުގެ ސްކެޗެއް ކުރެއްސެވުމުން 5،000ރ. އިން ޖޫރިމަނާކޮށްފި އެވެ.ސުޕްރީމް ކޯޓުން މި އަދަބު ލިބުނު ވަކީލް މުހައްމަދު ޝަފާޒް ވިދާޅުވީ އޭނާ ޖޫރިމަނާ ކުރުމަށް ހުކުމް ކުރީ ޝަރީއަތުގެ މަޖިލިހުގައި ފަނޑިޔާރުންނާއި ވަކީލުން އަދި އެ މަޖިލިސް ތެރޭގައި ހުރި ބައެއް ތަކެތީގެ ސްކެޗެއް ކުރެހުމުން، އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ނިންމަވާފައި ކަމަށެވެ.ކޯޓުތަކުގެ ގާނޫނުގައި ބުނަނީ ޝަރީއަތުގެ މަޖިލިސް ހިނގަމުން ދަނިކޮށް ކޯޓުގެ އިޒުނަ ނެތި ޝަރީއަތުގެ މަޖިލީހުން ނިކުމެ ނުވަތަ މަޖިލީހުގެ ނިޒާމާ ހިލާފު އަމަލެއް މީހަކު ހިންގައިފި ނަމަ ނުވަތަ ޝަރީއަތުގެ މަޖިލީހުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވެއްޖެ ނަމަ އެކަމުގެ ކުޑަބޮޑު މިނަށް ބަލައި ވަގުތުން އަދަބު ކަނޑައެޅޭނެ ކަމަށެވެ. މިގޮތުން ދެވޭ އަދަބުތަކުގެ ތެރޭގައި ގިނަވެގެން 10،000ރ. އިން ޖޫރިމަނާ ކުރުމާއި 15 ދުވަަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމާއި އެއް މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން ހިމެނެ އެވެ.ޝަފާޒް ވިދާޅުވީ އޭނާ ސްކެޗް ކުރެހީ ޝަރީއަތުގެ މަޖިލީހަށް ވަންނަ މީހުން ބޭނުންކުރުމަށް ބަހައްޓާފައި ހުންނަ ނޯޓް ފޮތަކާއި ފަންސުރެއް ބޭނުންކޮށްގެން ކަމަށާއި ސްކެޗް ކުރުން މަނާ ކަމަށް އަންގައިދޭ ލިޔުމެއް ފަދަ އެއްޗެއް އެތަނުގައި ނެތް ކަމަށެވެ. އަދި ކުރެހި ސްކެޗްގައި ބޭއަދަބީ އެއްޗެއް ނުހުންނާނެ ކަމަށާއި ކުރެހީ ޝަރީއަތުގެ މަޖިލިސް ކަމަށް ވިދާޅުވި އެވެ. ޝަރީއަތް އަޑުއެހުމަށް މީހުން ތިބޭ ހިސާބުގެ އެންމެ ކުރީ ބަރީގައި ހުރި ގޮނޑިއެއްގައި އިންނަވައިގެން ޝަފާޒް ސްކެޗް ކުރައްސަވާފައި ވަނިކޮށް 4:00 އެހާއިރު ޝަރީއަތް މެދުކަނޑާލި ވަގުތު ޝަފާޒް ވަކިން ތަނަކަށް ގެންގޮސް، ޝަރީއަތަށް ނުވައްދާ ވަނީ ބައިންދައިފަ އެވެ. ޝަފާޒް ވިދާޅުވީ ވަކިން އެތައް އިރަކު ބެއިންދުމަށް ފަހު މައްސަލަ ނިންމައި، އަދަބު ކަނޑައެޅުމަށް ފަހު ދޫކޮށްލީ އިރު އޮއްސެން އުޅެނިކޮށް ކަމަށެވެ.މި ފިޔަވަޅާ ބެހޭ ގޮތުން ބާ އެސޯސިއޭޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުުވީ ޝަފާޒު ކުރި ކަމަކީ ކޯޓުގެ ހުުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ހަމައެއް ނެތް ކަމަށާއި އެ ފިޔަވަޅާ މެދު ހިތާމަކުރައްވާ ކަމަށެވެ. އަދި ޝަރީއަތުގެ މަޖިލިސްތަކުގެ ސްކެޗް ކުރެހުމަކީ އެހެން ގައުމުތަކުގައި ވެސް ކުރާ ކަމެއް ކަމަށާއި މީގެ ކުރިން ރާއްޖޭގައި ވެސް ޝަރީއަތުގެ މަޖިލީހުގެ ސްކެޗްތައް ހަދާފައި އެބަހުރިކަން، ކުރީގެ ބަންޑާރަ ނައިބު ސުއޫދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ