ސްކޫލް ތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ: މިނިސްޓްރީ

ރާއްޖޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދިޔަ އެޗްވަންއެންއަން ރޯގާއާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށްފަހު އަންނަ އާދިއްތަ ދުވަހު އަލުން ކިޔެވުން ފެށޭނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.
 
އެޗްޕީއޭއިން  އެކުލަވާލި ފަންނީ ޓީމުގެ ލަފާގެ މަތިން މިއަހަރުގެ ފުރަތަމަ ޓާމްގެ މެދު ޗުއްޓީގެ 3 ދުވަސް ކުރިން ދަރިވަރުންގެ ރައްކަތެރިކަމާއި ހިމާޔަތަށް ރާއްޖޭގެ އެންމެހާ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާފައި ވަނީ މިހިނގާ މާރޗް މަހުގެ 14 ވަނަ ދުވަހު އެވެ.
 
ވޭތިވެދިޔަ 10 ދުވަހުގެ ތެރޭގައި ރޯގާ ފެތުރެމުންދިޔަ މިންވަރާއި އިޖްތިމާއީ ހާލަތަށް ރިއާޔަތްކޮށް ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން މިމަހުގެ 26 ވާ އާދިއްތަ ދުވަހު ފެށޭނެ ކަމަށް ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.
 
ނަމަވެސް އަރިދަފުސް ރޯގާއާއި އިންފުލުއެންޒާ ރޯގާގެ އެއްވެސް އަލާމާތެއް ކުއްޖެއްގެ ކިބައިން ފެންނަނަމަ އެކުއްޖަކު ސްކޫލަށް ނުފޮނުވައި ވީހާވެސް އަވަހަކަށް ސިއްޚީ ފަރުވާ ހޯދުމަށް މި ފުރުސަރުގައި އިލްތިމާސް ކުރާކަމަށް ބަޔާނުގައި ވެއެވެ.
 
ވޭތިވެދިޔަ އަހަރުވެސް މިފަދަ ކަންކަމާއި ގުޅިގެން ސްކޫލްތަކުގެ ދަރިވަރުންނަށް ގެއްލޭ  ފިލާވަޅުތައް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް މިއަހަރުވެސް ސްކޫލްތަކުން ހަމަޖއްސާނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
 
މިހާރު ރާއްޖޭގައި ފެތުރެމުންދާ އިންފުލުއެންޒާ ރޯގާ ކޮންޓްރޯލްކޮށް މިބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން އިސްވެއޮވެ ކުރަމުންގެންދާ މަސައްކަތްތަކާއި ހާމަކުރަމުންގެންދާ ސިއްޚީ ލަފާތަކާއި ތަފާސް ހިސާބާއި، އާންމުން އަމަލުކުރުމަށް ނެރެމުންގެންދާ އިރުޝާދުތަކާއި އެއްގޮތަށް އެޑިކޭޝަނުން ފުރިހަމައަށް ބައިވެރިވެ އެއަށް އަމަލުކުރަމުންދާ ކަމަށް އެމިނިސްޓްރީން ބުނެއެވެ.
 
އަދި ރާއްޖެއަށް ދިމާވާ މިފަދަ ކަންތައްތަކުން އަރައިގަތުމުގައި ބެލެނިވެރިން ދެއްވަމުންގެންދަވާ އިޚްލާސްތެރި އެއްބާރުލުމަށް އެމިނިސްޓްރީން ވަނީ ޝުކުރު އާދާކޮށްފައެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ