ގާސިމް ބަންދުކުރަން ނެރުނު އަމުރު އިސްތިއުނާފަށް ހުށަހަޅައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކުރަން ގާސިމްގެ ފަރާތުން މިއަދު ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރިޝްވަތު ދޭން އުޅުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ގާސިމް ހަ ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ މިދިޔަ ހުކުރު ދުވަހު އެވެ.
ގާސިމް ބަންދުގައި ބެހެއްޓުމުގެ އިތުރުން ރަނގަޅަށް ވައި ދައުރުވާ ތަނެއްގައި އޭނާ ބެހެއްޓުމަށާއި އެ މައްސަލައިގެ ހެކިތައް ހަ ދުވަސް ތެރޭގައި ކޯޓަށް ހުށަހެޅުމަށް ކޯޓުގެ އަމުރުގައި ފުލުހުންނަށް ވަނީ އަންގައިފަ އެވެ.
ގާސިމަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވިޔަސް އިތުރު ކަންތައްތަކެއް ފުރިހަމަ ކުރަންޖެހޭ ކަމަށް ބުނެ ފުލުހުން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ. ގާސިމް ހައްޔަރުކުރި އިޖްރައާތުގެ ސައްހަކަމާ މެދު މަޖިލީހުގެ އިދިކޮޅު މެމްބަރުން ދަނީ ސުވާލު އުފައްދަމުންނެވެ.
ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި މެނުވީ މެމްބަރަކު ހައްޔަރު ކުރަން ކޯޓު އަމުރު ހޯދޭނީ ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ކަމަށް މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނުގައި ބުނެފައިވާއިރު އެކަން އެގޮތަށް ކޮށްފައިނުވާ ކަމަށް އިދިކޮޅު މެމްބަރުން ދަނީ ބުނެފަ އެވެ. އެކަމަކު ގާސިމް ހައްޔަރު ކުރަން އަމުރު ހޯދީ އެ އިޖްރައާތުގެ ތެރެއިން ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.
ގާސިމްގެ ވަކީލުން ބުނެފައިވަނީ ގާސިމާ ދެކޮޅަށް ފުލުހުންނަށް ހެއްކެއް ނުދެއްކޭ ކަމަށާއި ފުލުހުންގެ އަތުގައި އޮތީ ހަމައެކަނި އިންޓެލިޖެންސް ރިޕޯޓެއް ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި ގާސިމް ހައްޔަރުކުރީ ދެ ފަހަރެއްގެ މަތިން ފުލުހަށް ހާޒިރުކޮށް އަދި އޭނާ ފުރުން މަނާކޮށްފައި އޮތުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ