ސްޓެލްކޯއިން އަލަށް ބެހެއްޓި ދެ އިންޖީނުގެ ޓެސްޓްތަކެއް ކުރަން މިއަދު ފަށާއިރު، މުޅި މާލެއިން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސަރުކާރުގެ ކަރަންޓް ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އެއް އިންޖީނުގެ ޕާފޯމަންސް ޓެސްޓްކުރަން ފަށާނީ މެންދުރު ފަހު 00: 3 ން ހަވީރު 00: 5 އަށް ކަމަށެވެ.
"އެ އިންޖީނުގެ ޕާފޯމަންސް ބަލަން ޓެސްޓްކުރަމުންދާއިރު ފަހަރެއްގައި ކަރަންޓް ހިނގައިދާނެތީ ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި އެ ވާހަކަ މިހާރު ވާނީ އަންގާފައި. އަޅުގަނޑުމެން މިބަލަނީ އެ މަސައްކަތަށް ގާތްގަނޑަކަށް ދެ ގަޑިއެއްހާއިރު ހޭދަވާނެ ކަމަށް،" އެ އޮފިޝަލް ވިދާޅުވި އެވެ.
ސްޓެލްކޯގެ އޮފިޝަލް ވިދާޅުވީ ފޯތު ޕަވާ ޕްރޮޖެކްޓްގެ ދަށުން އަލަށް ބެހެއްޓި ދެ އިންޖީނުގެ ތެރެއިން އެއް އިންޖީނުގެ ލޯޑު ނަގަން ޓެސްޓްކުރަން މިއަދު ފަށާނެ ކަމަށެވެ.
"މި ޓެސްޓްތައް ހެދަން ޖެހޭ އިންޖީނު ފުލް ލޯޑުގައި ބޭނުންކުރަން ފެށުމުގެ ކުރިން. އަދި ދެވަނަ އިންޖީނު ވެސް ވަރަށް އަވަހަށް ޓެސްޓްކުރަން ފަށާނެ،" އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯގެ އޮފިޝަލް ވިދާޅުވީ މިހާރު ޝެޑިއުލް އޮތް ގޮތުން ދެ އިންޖީނު ބޭނުންކުރަން ފެށޭނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ.
ސްޓެލްކޯއިން ދާދިފަހުން ބުނީ އަލަށް ބެހެއްޓި 8.9 މެގަވޮޓްގެ ދެ ޖަނަރޭޓަރު ބޭނުންކުރަން ފެށުމުން، މާލެއިން ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުވާނެ ކަމަށެވެ.
އެ ކުންފުނިން ބުނީ 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް އޭޕްރިލް ،2 2009ގައި، ޖަރުމަނު އަދި ޑެންމާކުގެ ކުންފުންޏަކާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުންޏާ ހަވާލުކުރި މަސައްކަތް އެންމެ ފުރަތަމަ ނިންމަން އެއްބަސްވެފައި އޮތީ ނޮވެމްބަރު 2011ގެ ނިޔަލަށް ކަމަށެވެ. ނަމަވެސް އޭގެ ފަހުން މުއްދަތު އެކި ފަހަރުމަތިން އިތުރުކުރަމުން ގޮސް އެންމެ ފަހުން އެއްބަސްވީ ޖޫން 1ގެ ނިޔަލަށް ނިންމަން ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އާ އިންޖީނުގެ ޓެސްޓްތައް ކުރާތީ މާލެއިން މިއަދު ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ