ޝަރުއީ ދާއިރާ ފެއިލްކޮށްލީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު: ވެލެޒިނީ

ރާއްޖޭގެ ޝަރުއީ ނިޒާމު މުޅިން ފުނޑުފުނޑުވެފައިވާ ކަމަށާއި ޝަރުއީ ނިޒާމު ފެއިލްކޮށްލީ ކުރީގެ އުއްތަމަ ފަނޑިޔާރު އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގައި ރައީސްގެ މެންބަރުގެ ގޮތުގައި ކުރިން ހުންނެވި އާއިޝަތު ވެލެޒިނީ މިއަދު ވިދާޅުވެއްޖެ އެވެ.
ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެމްޑީޕީ އޮފީހުގައި މިއަދު އޮތް ނިއުސް ކޮންފަރެންސްގައި ވެލެޒިނީ ވިދާޅުވީ ޝަރުއީ ދާއިރާ ގަޑުބަޑުކޮށްލުމުގައި އިންޓަރިމް ސުޕްރީމް ކޯޓުގެ ދައުރެއް އޮތް ކަމަށާއި ފަނޑިޔާރުން ލައްވާ ގަދަކަމުން މަޖުބޫރުކޮށްގެން ހުވާކުރުވުމުގެ މައިގަނޑު ބޭނުމަކީ ސުޕްރީމް ކޯޓަށް ބޭނުންހާ ގޮތަކަށް ކަންތައްތައް ކުރުމަށް މަގުފަހިކުރުން ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް ބޭނުންހާ ގޮތަކަށް ކަންތައްތައް ނިންމެން އޮތީ ފެންވަރު ނެތް ފަނޑިޔާރުންތަކެއް ތިބެގެން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. ފަނޑިޔާރު ހުވާކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވެލެޒިނީ ވިދާޅުވަމުން ދާ ވާހަކަ މިއަދު ވެސް ވަނީ ތަކުރާރުކުރައްވައިފަ އެވެ.
"އަޅުގަނޑު ދަންނަވާނީ އަޅުގަނޑުގެ މައްޗަށް ދައުވާ ކުރައްވަބައްލަވާށޭ. އިންޓެރިމް ސުޕްރީމް ކޯޓުގައި މިހާރު އެ ހުންނެވި އަބްދުﷲ ސައީދުއޭ މި ގައުމުގެ ޝަރުއީ ނިޒާމް ހަލާކުކޮށްލެއްވީ،" ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ނާއިބުކަން ވެސް ކުރައްވާފައިވާ ވެލެޒިނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަތައް ބަލަންޖެހޭ ފަރާތް ކަމަށްވާ ރައްޔިތުން މަޖިލީސް ވެސް އޮތީ ފަނޑިޔާރުގެތަކާ ބައިވެގެން ކަމަށާއި ތިން ބާރު މިހާރު އޮތީ އެކައްޗަކަށް ވެފައި ކަމަށެވެ. އަދި މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާއި ގާނޫނީ އިޖުރާތުގެ ނިޒާމަށް ހައްލެއް އަންނާނީ ގާނޫނު އަސާސީގައި އޮތް ގޮތަށް މާނަވީ ބަދަލުތަކެއް ފަނޑިޔާރު ގެއަށް ގެނެސްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާތަނަށް ރަމްޒީ ގޮތަކަށް ނަން ބަދަލުކޮށްލީ. އެހެން ނަން ބަދަލުކޮށްލުމަކުން މީހުންގެ ފެންވަރެއް ވެސް މައްޗަކަށް ނުދޭ. ތެދުވެރިކަމެއް ވެސް އިތުރުވެގެން ނުދޭ. މީހުންނަކަށް އިތުރު އަދުލުވެރިކަމެއް ވެސް ނާދޭ،" ވެލެޒިނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޝަރުއީ ދާއިރާގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން މިހާތަނަށް ވާހަކަ ނުދައްކަވައި ތިއްބެވި ބޭފުޅުން ވެސް މިހާރު އަމިއްލަ އަށް އެ ވާހަކަތައް ދައްކަވަމުން ގެންދަވާ ކަމަށާއި ފަނޑިޔާރުންގެ މައްސަލަތައް ބަލަން އޮތްތަނަކީ ޖުޑިޝަލް ސާވިސް ކޮމިޝަން ކަމަށްވީ ނަމަވެސް ފަނޑިޔާރުން ވެސް އެ ތަނަށް އިތުބާރުނުކުރައްވާކަން ފަހަކަށް އައިސް ހިނގައިދިޔަ ހާދިސާތަކުން ސާބިތުވެއްޖެ ކަމަށެވެ.
"ސުޕްރީމް ކޯޓަށް ކަންތައްތައް ކުރައްވަމުން ގެންދެވޭނީ ހުރިހާ ފަނޑިޔާރުންނަކީ މުސްތަގިއްލު ނޫން ބައެއްގެ ގޮތުގައި، އެ ބޭފުޅުންގެ ނުފޫޒުގެ ދަށުގައި ތިބި ބަޔަކަށް ހެދޭނީ އެއީ ފެންވަރު ނެތް ފަނޑިޔާރުންނަށް ވެގެން... ފަނޑިޔާރުގެތައް ހަލާކުކޮށްލީ ވަކި ބައެއްގެ ނުފޫޒު މުޅި ނިޒާމަށް ދެމެހެއްޓުމަށް. މިހާރުގެ ސުޕްރީމް ކޯޓުން އެކަންކަން ކުރައްވަމުން ގެންދަވަނީ އިންޓެރިމް ސުޕްރީމް ކޯޓުން އޮތީ މިކަން ރާވާ ބިންގާ އަޅާފަ،" ވެލެޒިނީ ވިދާޅުވި އެވެ.
ބޯޑާ ކޮންޓްރޯލްގެ މަސައްކަތްކުރަމުން އަންނަ ނެކްސްބިޒްގެ އޮފިޝަލުންނާއި ހައިކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް ބެންކޮކްގައި ބައްދަލުކުރެއްވި ކަމަށް ތުހުމަތުކޮށް ދެކެވޭ ވާހަކަތައް ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހެޅި މައްސަލައަށް އިޝާރަތްކުރައްވައި ވެލެޒިނީ ވިދާޅުވީ ކޯޓުތަކުގެ ފަނޑިޔާރުން ވެސް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އިތުބާރު ނުކުރައްވާ ކަމަށާއި ފަނޑިޔާރުންގެ މައްސަލަތައް ބަލަންޖެހޭ ފަރާތް ކަމަށްވާ ޖޭއެސްސީ އަށް މައްސަލަތައް ހުށަހެޅުމުގެ ބަދަލުގައި ފުލުހުންގެ އިދާރާ އަށް މައްސަލަތައް ހުށަހެޅުމަކީ އޭގެ ހެއްކެއް ކަމަށެވެ. އެފަދަ ހާލަތެއްގައި ޝަރުއީ ނިޒާމް އޮތް އިރު ރައްޔިތުން އެ ދާއިރާ އަށް އިތުބާރުކުރާނެތޯ ވެލެޒިނީ ސުވާލުކުރެއްވި އެވެ.
"ފަހަކަށް އައިސް އެ ބޭފުޅުން އަމިއްލަފުޅަށް ވެސް އެބަ ވިދާޅުވޭ ތިމަންނާމެންގެ ތަމްރީނެއް ނެތޭ. ފަނޑިޔާރު ގޭގައި މައްސަލަތައް އެބަހުއްޓޭ. މިހާރު މި ފެންނަނީ އަޅުގަނޑު ކުރިއްސުރެން މި ދައްކަމުންދާ ވާހަކަތަކުގެ ހަގީގަތް. އެ ބޭފުޅުން އަމިއްލަފުޅަށް ހައިކޯޓުގެ ފަނޑިޔާރުން ހައިކޯޓުގެ އިސް ފަޑިޔާރުގެ މައްޗަށް މައްސަލަ ހުށަހެޅުއްވުމާ މި ކަންތައްތައް ހިންގަމުން ދިއުމުން ކިހިނެއްތޯ ރައްޔިތުން ފަނޑިޔާރުގެތަކަށް އިތުބާރުކުރާނީ؟" ވެލެޒިނީ ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އިބްރާހީމް އިސްމާއިލް ވެސް ބައިވެރިވަޑައިގެންނެވި މި ނިއުސް ކޮންފަރެންސްގައި ވެލެޒިނީ ވިދާޅުވީ ހައި ކޯޓުގެ ފަނޑިޔާރަކު އެ ކޯޓުގެ އެހެން ފަނޑިޔާރަކާ މެދު މައްސަލައެއް އޮތް ނަމަ ހުށަހަޅަންޖެހޭނީ ޖޭއެސްސީ އަށް ކަމަށާއި ނަމަވެސް އެ މައްސަލަތައް ފުލުސް އޮފީހާ ހަމައަށް ގޮސްފައިވާ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑަށް މީގެން އެނގެނީ އެ ބޭފުޅުންގެ އިތުބާރެއް އެ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ވެސް ނެތްކަން،" ފަނޑިޔާރު ހުވާ ކުރެއްވި ޖަލްސާގައި އެކަން ނުކުރެއްވުމަށް ގޮވާލައްވައި އަޑުގަދަކުރެއްވުމުގެ އިތުރުން ޝަރުއީ ދާއިރާ އަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ ވެލެޒިނީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ