ދިވެހިން އެދޭފަދަ ގާނޫން އަސާސީއެއް ރައްޔިތުންނަށް ހޯދާދިނުމަށް އެންމެ ބޮޑު ދައުރެއް އަދާކުރެއްވީ ގައުމީ ބަތަލް ގާސިމް އިބްރާހިމްކަމަށާ އެ ގާނޫން އަސާސީގެ ފޮނިމީރުކަމުން މިއަދު ރައްޔިތުން މަހުރޫމްވަމުންދާއިރު، އެކަން ބަލަން ނުތިބެވޭނެކަމަށް ކެލާ ދާއިރާގެ ކުރީގެ މެންބަރު ޑރ އަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޑރ އަބުދުﷲ މައުސޫމް މިހެން ވިދާޅުވީ މިހާރު ޖުމްހޫރީ ޕާޓީގެ މައި މާލަން މާފަންނު ކުނޫޒްގައި ކުރިއަށްދާ ޙާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ އަބުދުﷲ މައުސޫމް ވިދާޅުވީ ދިވެހިން އެދޭފަދަ ގާނޫން އަސާސީއެއް ރައްޔިތުންނަށް ހޯދާދިނުމަށް އެންމެ ބޮޑު ދައުރެއް އަދާކުރެއްވީ ގާސިމް އިބްރާހިމްކަމަށެވެ. އެ ގާނޫން އަސާސީން މުއައްސަސާތައް މިނިވަންކޮށް، ތިން ބާރު ވަކިކޮށްފައިވާކަމަށާ ރައްޔިތުންނަށް އެތަށް ހައްގުތަކެއް ހޯދާދީފައިވާކަމަށެވެ.
ނަމަވެސް މިއަދު އެ ގާނޫން އަސާސީއަށް ބަލާލުމެއްނެތި ތިން ބާރު އެއްކޮށްފައިވާ މަންޒަރު ފެންނަމުންދާކަމަށާ ތިން ބާރު އެއްވުމުން ލިބޭނެ އެއްވެސް ފައިދާއެެއް ނެތްކަން މިއަދު ރައްޔިތުންނަށް ސާފުވެގެންގޮސްފައިވާކަމަށް ޑރ މައުސޫމް ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަމުންދަނީ ތިންބާރު ވަކިކޮށް ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށްކަމަށެވެ. އެކަން ކުރަން މަސައްކަތް ކުުރުމުން ބިރުދައްކާނެކަން އިނގޭކަމަށާ ނަމަވެސް އެއީ އައުކަމެއް ނޫންކަމަށް މައުސޫމް ވިދާޅުވިއެވެ.
"ހޫނުފެންވެސް އެޅިދާނެ. ގަނޑުފެންވެސް އެޅިދާނެ. އެއީ އަޅުގަނޑުމެންނަށް އައުކަމެއް ނޫން." ޑރ މައުސޫމް ވިދާޅުވިއެވެ.
ޑރ މައުސޫމް ވިދާޅުވީ ތިންބާރު ވަކިކުރުމުގެ ފެށުމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ އެޕާޓީގެ ކެނޑިޑޭޓުންނަށް ވޯޓް ދިނުންކަަމަށެވެ.
ކައުންސިލް އިންތިހާބު މިއަދު ވެފައިވަނީ އިބިލީހުގެ ކައިވެންޏަށްކަމަށާ ނަމަވެސް ކޮންމެ ދުވަހަކުން އިންތިހާބު ބޭއްވުނު ނަމަވެސް ރައްޔިތުން ނިކުމެ އެ ރައްޔިތުންގެ ބާރު ދައްކާލުމަށް ޑރ މައުސޫމް ވަނީ އެދިވަޑައިގެންފައެވެ.
ގާނޫން އަސާސީގެ ފޮނިމީރުކަމުން ރައްޔިތުން ދަނީ މަހުރޫމްވަމުން: ޑރ މައުސޫމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ