ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް ނަޝީދާއި ޔުމްނާ ބައްދަލުކުރެއްވީ، ގުޅިފައިވާ ޕާޓީ ތަކުގެ އިސް ބޭފުޅުން މިއަދު، އެމަނިކުފާނާއެކީ ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ. ލަންކާގައި ބޭއްވި މި ބައްދަލުވުމުގައި، ޔުމްނާ ބައިވެރިވެ ވަޑައިގަތީ، ކުރީގެ ރައީސް މައުމޫންގެ ފަރާތްޕުޅުންނެވެ.
މި ބައްދަލުވުމުގައި ދެން ބައިވެރިވެ ވަޑައިގެންނެވީ، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމްއާއި، ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާސިމް މުހައްމަދުގެ އިތުރުން، ކުރީގެ ހާރިޖީ ވަޒީރު އަހްމަދު ނަސީމްއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުންނާއި، ޖަލަށްލާފައިވާ ސިޔާސީ ލީޑަރުން މިނިވަންކުރުމާއި ގުޅޭގޮތުން، މަޝްވަރާ ކުރެވިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ، ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންނެވީ، މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. މިއީ އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކުރެއްވިފަހުން، ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންނެވި ހަތަރުވަނަ ފަހަރެވެ.
އެންމެފަހުން ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންނެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާއި ދިމާކޮށެވެ.
ޔުމްނާ މައުމޫން ނަޝީދާއި ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ