ފޮރިން މިނިސްޓަރު ކަމުން ޝާހިދު ވަކިކުރަން ސުޕްރީމް ކޯޓަށް ދާނަން: ޖާބިރު
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ މަގާމުން ވަކި ކުރަން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނޭ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޮރިން ސާވިސަސްގެ ބިލު ތަހުގީގުކުރުމަށްފަހު، ހާރިޖީ ކޮމިޓީން ހުށަހެޅުއްވި ރިޕޯޓަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ބޭރުގެ ގައުމުތަކާއި ރާއްޖެ ގުޅުވައިދޭ ބޭފުޅަކީ ފޮރިން މިނިސްޓަރު ނަމަވެސް މިއަދު ރާއްޖޭގެ ފޮރިން މިނިސްޓަރު ނެތް ކަމަށެވެ. ފޮރިން މިނިސްޓަރު ޝާހިދު މިހާރު ހުންނެވީ އދ. ގައި ކަން ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ "މިފަދަ ޖޯކު ގޮތަކަށް" ގައުމު ހިންގަން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. "މި މަޖިލީހުގައި ގާނޫނު އަސާސީއެއް މިއޮތީ، މިއީ ޖާހިލިއްޔަ ޒަމާނު ވެސް ކަންތައް ނުވާ ހިސާބުގަ މިއޮތީ، ގާނޫނު އަސާސީގެ ބާރު ކެނޑުނީތޯ މިއަދު،" ޖާބިރު ވިދާޅުވިއެވެ. މީގެ އިތުރުން ޖާބިރު ވަނީ ފޮރިން މިނިސްޓަރު އދ. ގައި ހުންނަވައިގެން މިނިސްޓްރީ ހިންގަވާނީ ކިހިނެއްތޯ ސުވާލުކުރައްވައިފައެވެ. އަދި މިކަންކަން މިހެން ނުހިންގޭނަމަ މިނިސްޓަރު މަގާމުން ދުރުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. "އޭނާ މަގާމުން ދުރުކުރަން ޖެހޭނޭ، އަޅުގަނޑު މި ދަނީ ސުޕްރީމް ކޯޓަށޭ، އެއީ މި މަޖިލީހުން އަޅުގަނޑުމެންނަކަށް އޭނާ މަގާމުން ވަތްކެއް ނުކުރެވޭނެތާ،" ޖާބިރު ވިދާޅުވިއެވެ. ޖާބިރު ދެއްކެވި ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ އދ. ގައި ރާއްޖެ ތަމްސީލު ކުރުމަކީ ދޭދޭ ގައުމުތަކާ އޮންނަ ގުޅުންތައް ވަރުގަދަ ކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. ހަމައެހެންމެ އދ. ގައި ހުންނަވައިގެން ވެސް ހާރިޖީ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް އަފީފް ވިދާޅުވިއެވެ. ފޮރިން ސާވިސަސް ބިލަށް ބަހުސް ކުރެއްވި އިދިކޮޅުގެ ގިނަ މެންބަރުން ވަނީ މިނިސްޓަރު ޝާހިދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވާހަކަ ދައްކަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ