ހިޔާގެ ކަރަންޓުގެ މަސައްކަތް ނިންމައިފި

ހުޅުމާލޭ ހިޔާ ފްލެޓްތަކަށް ކަރަންޓް ދޭން ސްޓެލްކޯއިން ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ނިންމާލައިފި އެވެ.
ސްޓެލްކޯއިން ބުނީ ހިޔާ ފްލެޓްތަކަށް ކަރަންޓް ދޭން މީޑިއަމް ވޯލްޓޭޖް ނެޓްވޯކް އެނަޖައިޒްކޮށް ޓްރާންސްފޯމަރުތައް މިހާރު ލައިވްވެސް ކޮށްފައިވާ ކަމަށެވެ.
"ސްޓެލްކޯއިން ކުރަން ޖެހޭ މަސައްކަތް މިހާރު މިއޮތީ ނިންމައިފައި. ދެން ޓްރާންސްފޯމަރުތަކުން ފްލެޓްތަކަށް ކޭބަލްތައް ގުޅުން އޮންނާނީ. އެ މަސައްކަތް ކުރާނީ ޗައިނާގެ ކުންފުނިން،" ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ
ފްލެޓްތަކަށް ކޭބަލް ގުޅުމާއި ކަރަންޓް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ އިތުރު މަސައްކަތްތައް ކުރާނީ ޗައިނާގެ ސީއެމްއީސީ ކުންފުނިން ނެވެ.
ހިޔާ މަޝްރޫއުގައި 16 ޓަވަރު އިމާރާތް ކޮށްފައިވާ އިރު ކޮންމެ ޓަވަރަކަށް އެއް ޓްރަންސްފޯމަރާއެކު އިތުރު ޓްރާންސްފޯމަރެއް ވެސް ހިމެނޭ ގޮތަށް 17 ޓްރާންސްފޯމަރު ސީއެމްއީސީން ބަހައްޓައި ވަނީ ނިންމައިފަ އެވެ. ހިޔާ ފްލެޓްތަކުގައި ސީއެމްއީސީން ސްމާޓް މީޓަރުތަކެއް ވެސް ބަހައްޓާނެ އެވެ. އެ މީޓަރުތަކުން ކަރަންޓަށް ރިއަލް ޓައިމްގައި ކުރާ ހޭދަ އާއި އަދި ކަނޑައަޅާ ލިމިޓަށްވުރެ އިތުރަށް ހަރަދު ކުރާނަމަ އެކަން ވެސް އެނގޭނެ އެވެ.
ހިޔާ މަޝްރޫގެ ދަށުން އިމާރަތް ކޮށްފައިވަނީ 25 ބުރީގެ 16 ޓަވަރެވެ. ފްލެޓްތައް ލިބުނު މީހުނަށް މިމަހުގެ 14 ވަނަ ދުވަހުގައި ވަނީ ތަޅުދަނޑި ހަވާލުކުރަން ނިންމާފަ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ