ރައީސްގެ ތަސައްވުރާއި ހިޔާލުފުޅުތަކަށް ބަޖެޓެއް ނުފެތޭ: މެމްބަރު ވަހީދު

އަންނަ 2021 ވަނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތަސައްވަރާއި ހިޔާލުފުޅުތަކަށް ފެތޭ ބަޖެޓެއްް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންޑީޕީ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިހާރު ކުރިއަށްދާ ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ، ފިނޭންސް މިނިސްޓްރީން މިހާރު ހުށަހަޅާފައި އޮތް ދައުލަތުގެ ބަޖެޓަކީ ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުތަކަށް ވެސް ފެތޭ ބަޖެޓެއް ނޫން ކަމަށެވެ. އަދި އެއީ ކެމްޕެއިން ބަޖެޓެއް ނޫން ކަމަށާއި އެހެންކަމުން ދައުލަތުގެ ބަޖެޓް އެކުލަވާލަން ޖެހޭނީ އެވަގުތަކު އޮންނަ ހާލަތަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ބަޖެޓުގައި ގިނަ މަޝްރޫއުތަކެއް ހިމަނާފައިވާތީ، މެމްބަރު ވަހީދު ވިދާޅުވީ ބަޖެޓުގައި ހިމަނަންވީ ތަންތަން ރާނައި ދަރަނިވެރި ވެގެން ފުޓްބޯޅަ ދަނޑު ހަދަން ނޫން ކަމަށެވެ. ނަމަވެސް ބަޖެޓް އެކުލަވާލާފައިވަނީ ރިހޭފައި މައްޗަށް 12 ފޮއި ވެއްޓޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އެއް ސިޔާސަތަކީ ލާމަރުކަޒު ކުރުން ކަމަށްވާއިރު ލާމަރުކަޒުވާތަން ބަޖެޓުން ނުފެންނަ ކަމަށެވެ.
މެމްބަރު ވަހީދު އިތުރަށް ވިދާޅުވީ، ބަޖެޓުގައި ދާއިރާތަަކަށް ކަންކަން ހިމަނާފައިވަނީ އިންސާފުވެރިކޮށް ނޫން ކަމަށެވެ. އަދި ރައްޔިތުން ވޯޓު ދެނީ ނަރުދަމާ އާއި ޓަވަރަށް ނޫން ކަމަށާއި ރައްޔިތުން ވޯޓު ދެނީ ލިބޭ ޖާގަ އާއި ހަމައިސްކޮޅަށް ތެދުވެވޭ މީހާއަށް ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ