ލަންކާގައި މަރުވާ މީހުން ރާއްޖެ ގެނައުމަށް ތާއީދު ނުކުރަން: މައުމޫން

ކޮވިޑު ބަލީގައި ސްރީލަންކާގައި މަރުވާ މުސްލިމުން ރާއްޖެ ގެނައުމަށް ތާއީދު ނުކުރައްވާކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވަކި ޤައުމެއް ވަކި ދީނެއް ތަފާތުކުރުމެއް ނެތި، ރާއްޖެއިން ބޭރު މީހުން އުފާވެރިކަންމަތީ ރާއްޖޭގައި އުޅުމަށް މަރުހަބާ ކިޔާ ކަމަށާއި، ނަމަވެސް ކޮވިޑުގައި މަރުވާ ބިދޭސީން ރާއްޖެ ގެނެސް ވަޅުލުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. ނަމަވެސް، އެކަމަށް ތާއީދު ނުކުރައްވަނީ ކީއްވެކަމެއް ރައީސް މައުމޫން ވިދާޅުވެފައެއް ނުވެ އެވެ.
މައުމޫން މިހެން ވިދާޅުވެފައި މިވަނީ، ސްރީލަންކާގައި ކޮވިޑު ޖެހިގެން މަރުވާ މުސްލިމުން އިސްލާމީ އުސޫލުތަކާ އެއްގޮތަށް ލަންކާގައި ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވާތީ އެފަދަ މުސްލިމުން ރާއްޖެ ގެނެސް އެމީހުންގެ ޖަނާޒާގެ ކަންކަން ހަމަޖައްސައިދިނުމަށް ލަންކާގެ ރައީސް އެދިވަޑައިގެންފައި ވަނިކޮށެވެ.
ލަންކާގެ ރައީސް މިގޮތަށް އެދިވަޑައިގެން ސިޓީއެއް ފޮނުވާފައިވާކަމަށް ފޮރިންގ މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި، އެކަމާ ގުޅިގެން ލަންކާއިން އެދިފައިވާ ގޮތަށް އެކަން ހަމަޖައްސައިދިނުމާ ގުޅޭގޮތުން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރަމުންދާކަމަށް ވެސް ފޮރިންގ މިނިސްޓްރީން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ