މެރިން ފުލުހުންގެ އެންމެ އިސްވެރިޔާގެ މަޤާމުގައި ހުންނެވި ޢަދުނާން އަނީސް ފުލުހުންގެ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ފުލުހުންގެ ޗީފް ސުޕްރިންޑެންޓެންޓުގެ މަޤާމުގައި ހުންނަވަނިކޮށް ޢަދުނާނު އެ މަޤާމުން ވަކިކުރީ 2012 ވަނަ އަހަރުގެ އޯގަސްޓުގައެވެ. އޭނާ އެ މަޤާމުން ވަކިކުރީ އެއިރުގެ އިދިކޮޅު ފަރާތްތަކުން ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތުގެ ގޮތުގައި ނެރުނު ރިޕޯޓެއް ލިޔުމުގައި ބައިވެރިވެވަޑައިގެންނެވި ކަމުގެ ތުހުމަތުގައެވެ. ވަޒީފާއިން ވަކިކުރި މައްސަލަ ކޯޓަށް ހުށަހެޅުއްވުމުން ދަށު ކޯޓުން މައްސަލަ ބަލައި ނިންމާފައިވަނީ އޭނާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ނޫން ކަމަށެވެ.
ނަމަވެސް ދައުލަތުގެ ފަރާތުން ދަށު ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން 2018 ވަނަ އަހަރުގައި ހައިކޯޓުން ނިިންމާފައިވަނީ އޭނާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށެވެ. އަދި ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުން ބާޠިލުކުރިއވެ.
ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވަނީ ފުލުހަކު ވަޒީފާއިން ވަކިކުރެވޭނީ ކުރެވޭ ތުހުމަތުގެ މައްސަލަ ފުލުހުން ތަހުގީގުކޮށް އެ މައްސަލައަކީ އެ މީހަކު ވަޒީފާއިން ވަކިކުރަންޖެހޭ ވަރުގެ މައްސަލައެއް ކަމުގައި ނިންމުމުން ކަމަށެވެ. ނަމަވެސް ޢަދުނާނުގެ މައްސަލާގައި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުނު ހެއްކަކީ ކޮބައިކަން އަދި އޭނާ ވަޒީފާއިން ވަކިކުރަން ބޯޑަށް ބުރަވެވުނު ގޮތެއް ދައުލަތަށް ބުނެނުދެވުނު ކަމުގައި ސުޕްރީމް ކޯޓުގެ ޙުކުމުގައި ބުނެފައިވެއެވެ.
އަދި އަދުނާނު ތަހުގީގުގައި ހަނުހުރުމުގެ މައްޗަށް ބިނާކޮށް ހައިކޯޓުން އޭނާ ވަކިކުރީ ރަނގަޅަށް ކަމުގައި ނިންމާފައިވާ ކަމަށާއި، ބޯޑުން އޭނާ ވަކިކުރަން ނިންމި ނިންމުމުގައި ރިއާޔަތްކުރި ކަންކަމާއި ރިޢާޔަތްނުކުރާ ކަންކަމަށް ބަލާފައިނުވާ ކަމުގައިވެސް އެ ހުކުމުގައި ބުނެފައިވެއެވެ.
ދަށު ކޯޓުގައި ބަދަލު ހޯދުމަށް ނުވަތަ އަލުން ވަޒީފާ ހޯދުމަށް ޢަދުނާނު އެދިވަޑައިގެންފައި ނެތުމުން، ދަށު ކޯޓުގައި އެދިފައި ނެތްކަމަކަށް އިސްތިއުނާފު މަރުހަލާގައި ފަރުވާއެއް ހޯދައިނުދެވޭނެ ކަމުގައި ސުޕްރީމް ކޯޓުން ބުނެފައިވެއެވެ. އެހެންކަމުން އޭނާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ނޫން ކަމަށް ނިންމި ނަމަވެސް އަނބުރާ ވަޒީފާ ދިނުމަށް ނުވަތަ ގެއްލުމުގެ ބަދަލު ދިނުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިނުވެއެވެ.
މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު ޢާއިޝަތު ޝުޖޫނާއި ފަނޑިޔާރު މަހާޒު ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިއްތިފާޤުން ހައިކޯޓުގެ ހުކުމް ބާތިލުކޮށް ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާފައިވެއެވެ.
ޢަދުނާނު ފުލުހުންގެ ވަޒީފާއިން ވަކިކުރީ ރަނގަޅަކަށް ނޫން: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ