ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ތަސްމީން ވުމަށް އަޅުގަނޑުގެ ތާއީދެއް ނެތް: މައުމޫން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑީއާރްޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކަށް އަހްމަދު ތަސްމީން އަލީ ވުމަށް ތާއީދުނުކުރައްވާ ކަމަށް އެޕާޓީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޑީއާރްޕީގެ ޒައީމްގެ ފަރާތްޕުޅުން މިއަދު ނެރުއްވި ބަޔާނުގައިވަނީ، ތަސްމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވީ "ޕާޓީގެ މަސްލަހަތަށްވުރެ، މުޅި ގައުމުގެ މަސްލަހަތު އިސްކުރުމުގެ ގޮތުން" ކަމަށާއި އަދި އެމަނިކުފާނުގެ ތާއީދު މިހާރު ބޭނުންވެވަޑައިނުގަންނަވާ ކަމަށް ތަސްމީން ވިދާޅުވެފައިވާތީ ކަމަށެވެ.
"ތަސްމީން އަލީ 2011 މާޗް 10 ގައި ފޮނުއްވި ސިޓީގައި އަޅުގަނޑުގެ ތާއީދަށް އަދިވެސް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައިމެ، އޭގެ ފަހުން "ކޮފީ ވިތު ޑީއާރްޕީ" ޕްރޮގްރާމެއްގައި އަޅުގަނޑުގެ ތާއީދު މިހާރު ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެފައިވާތީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑީއާރުޕީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓަކީ އަލްފާޟިލް އަހުމަދު ތަސްމީން އަލީ ކަމަށް ވުމަށް އަޅުގަނޑު މިހާރު ތާއީދު ނުކުރާ ވާހަކަ، ޑީއާރުޕީގެ ލޮބުވެތި މެންބަރުންނާއި އާންމު ރައްޔިތުންގެ މައުލޫމާތަށް ޓަކައި ނުހަނު ހިތާމަ އާ އެކު ދެންނަވަމެވެ." ޒައީމް މައުމޫންގެ 10 ސޮފުހާގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި ވަރުގަދަ ސިޔާސީ ޕާޓީއަކަށް ޑީއާރްޕީ ހެދުމަށް ތަސްމީން ހުރަސް އަޅުއްވަމުންގެންދަވާ ކަމަށާއި އަދި އޭނާ ކަންތައްކުރައްވަމުންގެންދަވަނީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް، ވަރަށް ޚުދުމުޚްތާރު ގޮތެއްގައި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން ވަނީ ތަސްމީން އެޕާޓީގެ ލީޑަރުގެ މަގާމަށް ގެންނެވުމަށް އެމަނިކުފާނު މަގުފަހިކޮށްދެއްވައިފައިވާތީ، އެކަމަށް މައާފަށް އެދިވަޑައިގެންފަ އެވެ.
"ޑީއާރްޕީގެ ލީޑަރުގެ މަގާމަށް ހޮވިވަޑައިގެންފައި އެވަނީ ސީދާ އަޅުގަނޑު އެކަމަށް މަގުފަހިކޮށްދީގެން ކަމަށްވާތީ، އެކަމަށްޓަކައި ޑީއާރްޕީގެ ލޮބުވެތި މެމްބަރުންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެމެވެ،"
މައުމޫން ނެރުއްވި މި ބަޔާނުގައި ވެސް ވަނީ، ތަސްމީނު އެންމެ ފަހުން ފޮނުއްވި ސިޓީގައި ފާހަގަކޮށްފައިވާ ގިނަ ކަންކަމަށް ރައްދުދެއްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެޕާޓީގެ މެމްބަރުން އެންމެ ކަންބޮޑުވާ ކަންތައްތަކަށް ތަސްމީން ސިޓީގައި ޖަވާބުދެއްވައިފައެއް ނުވެ އެވެ.
އެގޮތުން ޕާޓީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ވަކިކުރެއްވި މައްސަލަ އާއި ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ބިލު މަޖިލީހަށް ތަސްމީން ހުށަނޭޅުއްވިކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރިކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފަ އެވެ.
އަދި އެ ސިޓީގައި ތަސްމީން ކަންތައްތައް ލިޔުއްވައިފައި ވަނީ ހަގީގަތާ އެއްގޮތަށް ނޫން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ؛ "އެއީ ބައެއް ކަންތައްތައް އޮޅިވަޑައިގަތުމުގެ ސަބަބުން ކަމަށް، ނުވަތަ އެކަންތައްތައް ހިނގާދިޔަގޮތް ހަނދުމަފުޅުން ކައްސާލާފައި އޮތުމުގެ ސަބަބުން ކަމަށް ވެދާނެ އެވެ،"
ކުރީގެ ރައީސް މައުމޫން ވިދާޅުވާ ގޮތުގައި، ދުވަހުން ދުވަހަށް ޕާޓީގެ ކަންކަން ހިންގަވާ ބޭފުޅަކަށް 17 ނޮވެމްބަރު، 2008 ގައި ތަސްމީނު ހަމަޖެއްސެވުމާ ގުޅޭ ގޮތުން ތަސްމީނުގެ ސިޓީގައި ވިދާޅުވެފައި ވަނީ އެކަން ހިނގައިދިޔަ ގޮތަކަށް ނޫނޭވެ. އެގޮތުން ތަސްމީން އެމަގާމަށް އިސްކުރެއްވީ ޑީއާރްޕީގެ ކައުންސިލުން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ؛
"އެއީ އަޅުގަނޑުގެ އަމިއްލަ ނިންމުމެކެވެ. އެފަދަ ކަމެއް ނިންމުމުގެ އިޚްތިޔާރު އަސާސީ ގަވައިދުން ކައުންސިލަކަށް ލިބިދީފައެއް ނުވެ އެވެ،"
މީގެ އިތުރުން، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕާޓީއަކާއެކު ކޯލިޝަން ނުހެދުމަށް ނިންމި މައްސަލައާ ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވަނީ، އެ "ސިޔާސަތު ގެންގުޅުނީ، އަމިއްލަ ނިންމުމެއްގެ މައްޗަށް ކަމަށް ލީޑަރުގެ ސިޓީގައި އެވަނީ ހަގީގަތާ ޚިލާފަށް" ކަމަށެވެ.
އެގޮތުން އެކަމުގައި ކަން ހިނގައިދިޔަ ގޮތް ކައުންސިލްގައި ވަރަށް ރަނގަޅަށް ދެންނެވި ކަމަށާއި ޑީއާރްޕީން އިތުރު މަސައްކަތްކޮށްގެން 10 ޕަސަންޓު ވޯޓު އިތުރަށް ހޯދުމަށް ފަސޭހަވާނެތީ ކޯލިޝަން ކައުންސިލުގެ ޚިޔާލު ވެސް ހުރީ ކޯލިޝަން ހެދުމުގެ މާބޮޑު ބޭނުމެއް ނެތް ގޮތަކަށް ކަމަށެވެ.
އަދި އެ ރިޔާސީ އިންތިހާބުގައި ތަސްމީނު ޚަރަދުކުރެއްވި ފައިސާއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތާ ގުޅޭ ގޮތުން ޒައީމް މައުމޫން ވިދާޅުވެފައި ވަނީ، ދަރިކަނބަލުން ޔުމްނާ މައުމޫނަށާއި އެކަމަނާގެ ފިރިކަލުންނަށް ގިނަ އަދަދެއްގެ ފައިސާ ދެއްވި ކަމަށް ތަސްމީން ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެކަމުގެ ހަގީގަތް އޮޅި، އެދެކަނބަލުން ވަރަށް ބޮޑަށް ބަދުނާމުވާ ފަދަ ގޮތަކަށާއި އެކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ.
"..ގިނަ އަދަދެއްގެ ފައިސާ ދެއްވި ކަމަށް ވިދާޅުވެފައިވާ އިރު، ދެއްވި ފައިސާގެ އަދަދެއް އަދި ތާރީޚެއް ވިދާޅުވެފައި ނެތީ ކީއްވެ ބާވައޭ އަޅުގަނޑުގެ ހިތަށް އަރަ އެވެ." މައުމޫން ވިދާޅުވެފައިވެ އެވެ.
އަދި ޕީއޭ އާއި ޑީއާރްޕީއާ ދެމެދު ވެވުނު ކޯލިޝަން އެގްރިމެންޓުގެ ވާހަކަ ވެސް ތަސްމީން ލިޔުއްވައިފައި ވަނީ އެކަން ހިނގި ގޮތަށް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެ އެވެ. އެގޮތުން އެކަމާ ގުޅޭ ގޮތުން ޕީއޭގެ ލީޑާ އަބްދުﷲ ޔާމީނާ އެކު ވާހަކަ ދެއްކެވީ ކައުންސިލުން ދެއްވި މެންޑޭޓެއްގެ ދަށުން ކަމަށާއި އެޕާޓީއާ އެކު ވެވުނު އެއްބަސްވުން ކައުންސިލުގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
"ކޯލިޝަން ކޮމިޓީގައި ހިމެނިވަޑައިގަންވައި ހުރިހާ ބޭފުޅުންނަށް އެ އެގްރިމެންޓްވާނީ ފެނިވަޑައިގެންފަ އެވެ. މީގެ އިތުރުން ކައުންސިލްގެ އެއްވެސް މެމްބަރަކު އެގްރިމެންޓް ބައްލަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެއް ނުވެ އެވެ."
ތަސްމީނަށް އިތުރު ސިޓީއެއް ނުފޮނުއްވާނެ ކަމަށް ވިދާޅުވުމަށް ފަހު، މިއަދު ޒައީމް ޒައީމް މައުމޫން ނެރުއްވި ބަޔާނުގައި ވެސް ވަނީ އެ ދެބޭފުޅުންގެ މެދުގައި ފޮނުއްވާފައިވާ ސިޓީތަކުގައިވާ ގިނަ މައްސަލަތަކަށް ޖަވާބުދެއްވައިފަ އެވެ. އަދި އެބަޔާނުގައި ފާހަގަކުރައްވައިފައިވާ ކަންތައްތަކާ ބެހޭ ގޮތުން އިތުރު ބަހުސަކަށް ވަޑައިގަތުމުގެ ބޭނުމެއް ނެތް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ދާދިފަހުން ތަސްމީން ވިދާޅުވެފައި ވަނީ، ޒައީމް މައުމޫން އޭނާއަށް ކުރައްވާ ތާއީދު އަނބުރާ ގެންދެވިޔަސް އިތުރަށް ކުރާނެ އަސަރެއް ނޯންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ