އެމެރިކާއާއި އީރާނުގެ ހަނގުރާމައިގެ ސަބަބުން ކާބޯތަކެތީގެ ކާރިސާއަކަށް ހިނގައިދާނެކަމުގެ އިންޒާރު އދ. އިން ދީފި
އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް މިލިއަން ބަޔަކު ކާބޯތަކެތީގެ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އދ. އިން މިއަދު ދީފިއެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އދ. އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެދުއިރުމަތީގެ މަސްރަހު ގޯސްވުމުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރީގެ މަގުތަކަށް ބޮޑެތި ހުރަސްތަކެއް އެޅިފައިވާ ކަމަށެވެ. މީގެ ސަބަބުން ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނިޒާމަށް ބުރޫއަރައި، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުންދާ ކަމަށް އެ ޖަމާއަތުން ފާހަގަކުރިއެވެ. މި ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ތަރައްގީވަމުން އަންނަ ގައުމުތަކަށާއި، ކުރިންވެސް ކާބޯތަކެތީގެ ދަތިކަން ތަހައްމަލުކުރަމުންދާ ސަރަހައްދުތަކަށް ކަމަށް އދ. އިން ބުނެއެވެ. އެގޮތުން، ގޮވާމުގެ ބާވަތްތަކާއި ތެޔޮ ފަދަ އަސާސީ މުދާ އެކްސްޕޯޓުކުރުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހާލަތު އިތުރަށް ގޯސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ޖަމާއަތުން ވަނީ ލަފާކޮށްފައެވެ. މެދުއިރުމަތީގައި އުފެދިފައިވާ މި ނުތަނަވަސްކަން ހައްލުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތްކުރަމުން ދިޔަ ނަމަވެސް، ހަމަލާތައް މެދުކަނޑާލުމާ ގުޅޭގޮތުން އަދި ވަކި ގޮތެއް ނިންމިފައެއް ނުވެއެވެ. އދ. އިން ވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ