ދެ އިންތިހާބު އެކުގައި ބޭއްވުމަކީ، ރާއްޖޭގެ ދުސްތޫރީ ނިޒާމުގެ ބެކަޕް ސިސްޓަމް އެއްކޮށް ފުނޑާލުން: އަލީ ހުސެއިން

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމުގެ ”ބެކަޕް ސިސްޓަމް“ އެއްކޮށް ފުނޑާލައި، ރައްޔިތުންގެ ސަލާމަތަށް އޮތް ފަހު ދިފާއީ ރޮނގު ފޫއަޅުވާލުންކަމަށް ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ވިދާޅުވި ގޮތުގައި، ދުސްތޫރީ އުސޫލުތަކަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާއަކީ ގައުމު ހިންގުމުގެ އެންމެ މަތީ މަސްއޫލިއްޔަތު އުފުއްލަވާ ފަރާތެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އެ މަސައްކަތް ކުރައްވަނީ ރަނގަޅަށްތޯ ބަލައި، ޒިންމާދާރުކުރުވުމަށް ރައްޔިތުން އިންތިޚާބު ކުރާ ބައެއްކަން ފާހަގަކުރި އެވެ.
އެހެންކަމުން މިއީ ދެ މަސައްކަތެއް ކުރަން ހޮވާ ދެ ބަޔަކަށްވާއިރު، ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތަކީ ރައްޔިތުންގެ އެންމެ އިސް ވަޒީފާކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އަލީ ވިދާޅުވީ މަޖިލިސް މެންބަރުން ސަރުކާރަށް ފާރަވެރިވެ، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މައްޗަށް ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށެވެ.
އަލީ ވިދާޅުވީ ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ހުރިހާ ރައީސުންނާއި، ހުރިހާ ބަންޑާރަނައިބުންނާއި، ކިޔަވައިގެން ތިބި ހުރިހާ އެންމެން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ރަނގަޅުކަމަށް ދެކުނު ނަމަވެސް، އޭނާގެ އަމިއްލަ ހިޔާލުގައި މި ދެ އިންތިހާބު އެކުގައި ބޭއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެއީ ރާއްޖޭގެ ޑިމޮކްރަސީގައި އޮތް އެންމެ ފަހު ދިފާއީ ރޮނގުކަމަށް އޭނާ ސިފަކުރެއްވިއެވެ
އަޅުގަނޑުގެ ހިޔާލުގަ، އަޅުގަނޑު ދެކޭ ގޮތުގަ މި ދެ އިންތިހާބު އެއްކުރުމަކީ އަޅުގަނޑުމެންގެ ލާސްޓް ލައިން އޮފް ޑިފެންސް ފޫދުއްވާލުން، ފޫއަޅުވާލުން، އަޅުގަނޑުމެންގެ ބެކްއަޕް ސިސްޓަމް އެއްކޮށް ފުނޑާލުން އެއީ… އެ ބެކްއަޕް ސިސްޓަމް އަޅުގަނޑުމެން ކުޅެގެން ނުވާނެ… އަޅުގަނޑުމެންނަށް މި އެނގެނީ މިހާތަނަށް ދިވެހިރާއްޖޭގަ މިއައި މި ހުރިހާ ވެރިކަންތައް ކޮންމެ ފަސް އަހަރަކުން ފަސް އަހަރަކުން ބަދަލުވަނީ އެ ފުރުސަތު ރައްޔިތުންނަށް އޮތީމަ.. އެ ފުރުސަތު ރައްޔިތުންނަށް ނޯންނަ ގޮތަކަށް، އެ ފުރުސަތު ރައްޔިތުންގެ ވިސްނުމުން އެހެން އެއްޗެއް ލާދީގެން ރައްޔިތުންގެ ފުން ވިސްނުން ތިލަ ވިސްނުމަކަށް ބަދަލުވާނެ..
މި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ނިކުމެދާނެ ނަތީޖާއާ ބެހޭގޮތުން އަލީ ވިދާޅުވީ، ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް އިންތިހާބުތަކުގައި 10 އިން 15 އިންސައްތައިގެ ކުރިއެރުމެއް ނުވަތަ އެޑްވާންޓޭޖެއް އަބަދުވެސް އޮންނަ ކަމަށެވެ. އެހެންކަމުން، ދެ އިންތިހާބު އެއްކޮށް ބޭއްވުމުން، މަޖިލީހަށް ހޮވޭނީ ސަރުކާރު ޒިންމާދާރުކުރެވޭނެ ފަދަ މަޖިލީހެއް ނޫންކަމަށް އަލީ ތަކުރާރު ކުރެއްވި އެވެ.
ދެ އިންތިހާބު އެކުގައި ބޭއްވުމުން އޭގެ ނަތީޖާއެއްގެ ގޮތުން ވޯޓުލާން ދާ ރައްޔިތުމީހާއަށް، އޭނާ އެ ޒިންމާދާރު ކުރުވަނީ ކާކުކަން ނޭނގޭކަމަށް އަލީ ވިދާޅުވި އެވެ. އެހެންކަމުން އެއީ އަނދިރީގައި ތިބެ ވޯޓުލުން ނޫންކަމަކަށް ނުވާނެކަމަށް އަލީ ވިދާޅުވި އެވެ.
މީގެއިތުރުން އަލީ ވިދާޅުވީ ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލުވުމުގެ ފުރުސަތު ރައްޔިތުންނަށް ލިބެނީ މިހާރު އޮތް ނިޒާމުގެ ތެރެއިން ކަމަށާއި، މި ”ބެކަޕް ސިސްޓަމާ“ ކުޅުމަކީ ރައްޔިތުންގެ ފުން ވިސްނުން ތިލަ ވިސްނުމަކަށް ބަދަލުކޮށްލުން ފަދަ ނުރައްކާތެރިކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ