ބްލޮކް ގްރާންޓާއެކު ޝަރުއީ ދާއިރާގެ ހިންގުމުގެ ކޮންޓްރޯލް ސަރުކާރަށް އޮންނަ އޮތުން ނިމުމަކަށް އަންނާނެ: ރައީސް

ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމުން ޝަރުއީ ދާއިރާގެ ހިންގުމުގެ ކޮންޓްރޯލް ސަރުކާރުގެ މައްޗަށް އޮންނަ އޮތުން ނިމުމަކަށް އަންނާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާގެ ފުރިހަމަ މާލީ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ނިންމަވާފައިވާކަން ރައީސް ވަނީ ދާދި ފަހުން ހާމަ ކުރައްވާފައެވެ. އެކަމުގެ ތަފްސީލާ ގުޅޭގޮތުން ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެއީ ނުހަނު މުހިއްމު ބަދަލެއް ކަމަށެވެ.
ރައީސް ވިދާޅުވީ، ޖުޑީޝަރީ މިހާރު ހިނގާ ގޮތަށް ބަލާއިރު، ފިނޭންސް މިނިސްޓްރީއަށް ޚަރަދުތައް ކޮންޓްރޯލް ކުރުމުގެ ބާރު އޮންނަ ކަމަށާއި، ޚަރަދު ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ފޮނުވާ ސާކިއުލަރތައް ޖުޑީޝަރީގެ ގުޅުންހުރި އޮފީސްތަކަށްވެސް ފޮނުވަންޖެހޭކަމަށެވެ.
ވަކިން ޚާއްސަކޮށް އަހަރު ނިމެން ގާތްވުމުން އޮފީސްތަކުގެ ޚަރަދު ކުޑަކުރުމަށް ފޮނުވާ ސާކިއުލަރތައް ކޯޓުތަކަށްވެސް ފޮނުވާ ކަމަށާއި، އެކަމުގެ އަސަރު ޖުޑީޝަރީއަށް ކުރާ ކަމަށެވެ. އެގޮތުން ޖުޑީޝަރީއަށް މާލީ މިނިވަންކަން ނެތުމަކީ ކުރިމަތިވާ ބޮޑު ނިކަމެތި ކަމެއްގެ ގޮތުގައި ރައީސް ސިފަ ކުރެއްވިއެވެ.
ޖުޑީޝަރީ މިހާރު މި ހިނގާ ގޮތަކީ، މިހާރޭ މި ދެންނެވީ ފެށުނީއްސުރެ ހިނގާ ގޮތަކީ ފިނޭންސް މިނިސްޓްރީން އެހެން މިނިސްޓްރީތައް ކޮންޓްރޯލް ކުރާހެން ކޮންޓްރޯލް ކުރާ ތަނެއް އެއީ،
ރައީސް ވިދާޅުވީ، އެހިސާބުން ކޯޓުތަކުން ކުރަން ހުންނަ މުހިއްމު އެކިއެކި ޚަރަދުތައްވެސް ނުކުރެވި، ”ސަލާން ޖަހަން“ ޖެހޭ ކަމަށެވެ. ނަމަވެސް ޖުޑީޝަރީއަކީ ދައުލަތުގެ 3 ބާރުގެ ތެރެއިން އެއް ބާރަށްވާއިރު، އެއީ ކަން ހިނގަންޖެހޭ ގޮތެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
އުއްތަމަފަނޑިޔާރެއް ހުރެފަ، ސުޕްރީމް ކޯޓެއް އޮވެފަ، އެހެން ކޯޓުތައްވެސް އޮންނަ ވަކި ނިޒާމެއް ވަކި ބާރެއް މިއީ
މީގެ އިތުރުން، ބަޖެޓު އެކުލެވިފައި އޮތްގޮތުން މި ނިޒާމުގެ ހިންގުމުގެ ކޮންޓްރޯލް އޮންނަނީ ސަރުކާރުގެ މައްޗަށް ކަމަށާއި، އެހެންވުމުގެ ސަބަބުން ޖުޑީޝަރީއަށް ފުރިހަމަ މިނިވަންކަން ނޯންނަކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ސަރުކާރުން މިހާރު ނިންމާފައިވަނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ފެށިގެން މާލީ އަދި އިދާރީ މިނިވަންކަން ލިބޭނެ ގޮތަށް ބަދަލުތަކެއް ގެނައުމަށެވެ. އެގޮތުން ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅާ، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގަރާންޓުގެ ގޮތުގައި ދޫކޮށް، ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ޚަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށްވަނީ ނިންމާފައެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން އެއްވެސް ސިފައެއްގައި ޖުޑީޝަރީއަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި، މިދިޔަ ސަރުކާރުތަކުން ޖުޑީޝަރީއަށް ބޮޑެތި ވައުދުތަކެއްވީނަމަވެސް، އެ ވައުދުތައް ފުއްދާފައިނުވާކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ސުޕީރިއަރ ކޯޓުތަކުގެ ކޯޓު ކޮމްޕްލެކްސް ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ބަދަލާއެކު ހިންގުމުގެ ގޮތުން ސަރުކާރަށް ބަރޯސާވުން ހުއްޓިގެންދާނެ ކަމަށާއި، އިދާރީ މުވައްޒަފުން ނެގުމާއި، މަރާމާތުފަދަ ޚަރަދުތައްވެސް އަމިއްލައަށް ކުރެވޭނެ ނިޒާމެއް ޤާއިމުވެގެންދާނެކަމަށެވެ.
މި ބްލޮކް ގްރާންޓް ދޫކުރެވޭނީ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ކަމަށާއި، މީގެ ސަބަބުން ޝަރުއީ ދާއިރާއަށް ޚަރަދުކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ޝަރުއީ ދާއިރާއަށް ކަނޑައަޅުއްވާ އިންސައްތައަކީ މިހާތަނަށް އެ ދާއިރާއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންތަކަށްވުރެ ބޮޑު އަދަދެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ނިޒާމު ތަންފީޒުކުރުމަށްޓަކައި ގާނޫނީ، ފަންނީ އަދި ނިޒާމީ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ