"ޑިޖިޓަލައިޒޭޝަނާއެކު ނުފޫޒު ފޯރުވުން ނިމުމަކަށް އަންނާނެ"

ޑިޖިޓަލްކުރުމުގެ މަސައްކަތާއެކު، ސަރުކާރުގެ އިދާރާތަކުގައި ވަކި ފަރުދުންގެ ބާރާއި ނުފޫޒު ފޯރުވުމުގެ ފުރުޞަތު ހަނިވެ، އެކަން ނިމުމަކަށް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޚިދުމަތްތައް ޑިޖިޓަލްވުމުން އިންސާނުންގެ ބައިވެރިވުން ނުވަތަ 'ހިއުމަން އިންޓަވެންޝަން' ބޭނުންވާ މިންވަރު ކުޑަވެގެންދާނެ ކަމަށެވެ. މި ބަދަލުގެ އެންމެ ބޮޑު މަޤްޞަދަކީ، ކަންކަން ނިންމުމުގައި ވަކި މީހެއްގެ އިޚުތިޔާރީ ބާރު ކުޑަކުރުން ކަމަށާއި، އޭގެ ސަބަބުން ނުފޫޒު ބޭނުންކޮށްގެން ކަންކަން ކުރުމުގެ ސަޤާފަތް ނެތިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މުޅި ސަރުކާރުގެ ނިޒާމުގެ ތެރެއިން ވަކި މީހެއްގެ ނުފޫޒުން ކަންކަން ނިންމުން ނިމުމަކަށް ގެނެސް، އެފަދަ ކަންކަމަށް އޮތް ހުރިހާ ދޮރުތަކެއް ބަންދުކުރުން. ޑިޖިޓަލް ދާއިރާއަށް އަޅުގަނޑުމެން އިސްކަންދޭ އެއް ސަބަބަކީ އެއީ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މި ބަދަލާއެކު އާސަންދަ ނިޒާމާއި ސަރުކާރުގެ އެހެނިހެން ޚިދުމަތްތައް ދިނުމުގައި ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، ވަކި މީހަކަށް ގުޅައިގެން ނުވަތަ ނުފޫޒެއްގެ ތެރެއިން ޚިދުމަތްތައް އަވަސްކުރުމަށް ކުރާ މަސައްކަތްތައް ހުއްޓި، ހަމަހަމަކަމާއެކު ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންނަށް ލުއިފަސޭހަކޮށް ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސަރުކާރުން މިހާރުވަނީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާއިން ދިން މެޑިކަލް ވެލްފެއަރގެ ޚިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކޮށްފައެވެ. މިގޮތައް ބަދަލުކޮށްފައިވަނީ، މިހާރު ޞިއްޙީ ނިޒާމުގެ އެހީގެ ޚިދުމަތް ދެ ތަނަކުންދޭތީ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ޙައްލެއް ގެނައުމަށެވެ. މި ބަދަލާއެކު ރައްޔިތުންނަށް ފަސޭހަކަމާއެކު އެއްތަނަކުން ޚިދުމަތް ލިބިގަތުމަށް ފަސޭހަވެގެންދާނެއެވެ.
މީގެ އިތުރުން ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް "މޯލްޑިވްސް 2.0" މަޝްރޫޢުވެސް ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ތެރެއިން ޚިދުމަތްތައް ލިބުމުގައި ލަސްވާ ލަސްވުމަށް ފަރުވާ ހޯދައި، އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން އަދި ނަތީޖާ ނެރުމަށް އިސްކަންދެވޭނެއެވެ. އަދި ޚިދުމަތް ހޯދުމުގައި ކަންކަންވާންވީ ގޮތް ނޭނގޭގޮތަށް އޮންނަ އޮތުން ބަދަލުކޮށް، ދެފުށް ފެންނަ ހުޅުވާލެވިފައިވާ ޚިދުމަތް ދިނުމުގެ ނިޒާމެއް ބައްޓަން ކުރެވޭނެ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ