ބައި-އިލެކްޝަންގެ ވޯޓާސް ލިސްޓުގައި ސޮއިކުރުން މާދަމާ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރުން މާދަމާ އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީން ބުނި ގޮތުގައި ރަޖިސްޓްރީގައި ސޮއިކުރުން އޮންނާނީ މާދަމާ ހެނދުނު 10:00 އިން މެންދުރުފަހު 01:30 އަށެވެ.
ކެންޑިޑޭޓުންގެ ބަދަލުގައި ސޮއިކުރަން ވަޑައިގަންނަވާނަމަ، ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމެނޭ ގޮތަށް ކެންޑިޑޭޓް ސޮއިކޮށްފައިވާ ސިޓީއަކާއެކު ކެންްޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެނައުމަށް އީސީން ވަނި އެދިފަ އެވެ.
މި ބައި-އިލެކްޝަންގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު އެވެ.
އީސީން ބުނި ގޮތުގައި މި ބައި-އިލެކްޝަންގައި 4،121 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. އަދި ބައި-އިލެކްޝަނަށް ބައި-އިލެކްޝަނަށް 4،154 ވޯޓު ކަރުދާސް ޕްރިންޓްކޮށްފައިވާ ކަމަށް އީސީން ވަނީ ބުނެފަ އެވެ.
މި ބައި-އިލެކްޝަންގައި ޖުމްލަ ހަތް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރެއިން ފަސް ފޮށި ބަހައްޓަނީ އައްޑޫ ސިޓީ ހިތަދޫގަ އެވެ. އަދި މާލޭގައި ދެ ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމާފަ އެވެ.
ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ އޮންނާނީ ޖޫން 6 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ ގޮނޑި ހުސްވީ އެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ