މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ސަރަޙައްދީ ވިޔަފާރި މަގުތަކަށް ބުރޫއަރައި، ވައިގެ މަގުން ތަކެތި އުފުލުމަށް ކުރަންޖެހޭ ޚަރަދު ވަނީ އިތުރުވެފައެވެ. އޭގެ ސަބަބުން ދުބާއީގެ ރެސްަޓޯރަންޓު ދާއިރާގައި މަސައްކަތްކުރަމުންދާ ޝެފުންނަށް ކެއްކުމުގައި ބޭނުންކުރާ ބައެއް ބާވަތްތައް ލިބުމުގައި ދަތިތައް ކުރިމަތިވެ، ތަކެތީގެ އަގު އުފުުލުމުގެ ސަބަބުން ދަނީ ދަތިތަކަކާ ކުރިމަތިލަމުންނެވެ.
ދުބާއީގެ މެކްސިކަން ރެސްޓޯރަންޓެއް ކަމަށްވާ ލިލާ މޮލިނާގެ ޝެފެއް ކަމަށްވާ ޝޯ ލޭޝް ބުނީ އޭނާގެ ރެސްޓޯރަންޓުގައި ތައްޔާރުކުރާ ރެސިޕީތަކުގައި އާންމުކޮށް ބޭނުންކުރާ އެވަކާޑޯއާއި ޓޮމާޓިލޯ ފަދަ ބާވަަތްތައް ހޯދުމަށް މިހާރު ދަތިވެފައިވާ ކަމަށެވެ. އެ ތަކެއްޗަކީ ރެސްޓޯރަންޓުގެ ބޭނުންތަކަށް ބޭރު ޤައުމުތަކުން އެއާ ފްރައިޓުކޮށްގެން ގެންނަ ބާވަތްތަކެކެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މިހާރު އެ ތަކެތީގެ އަގު ވަނީ އުފުލިފައެވެ. އީރާނުން ހުރްމުޒް ކަނޑުއޮޅި ބޭނުންކުުރުމަށް ހުރަސް އެޅުމުގެ ސަބަބުން ޖެޓް ފިއުލްގެ އަގު އެތައް ގުނައެއް އުފުލި، އެއާ ފްރައިޓު ކުރުމަށް ޚަރަދުކުރަންޖެހޭ ޢަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ބައެއް މަގުތަކުން ތަކެތި ގެނައުމަށް ނަގާ އަގު 70 އިންސައްތައިން އިތުރުވެފައިވެއެވެ.
ލޭޝް ބުނީ އޭނާގެ ރެސްޓޯރަންޓުގެ މަސައްކަތްތައް މި ދުވަސްވަރު ކޮންމެވެސް ވަރަކަށް މަޑުޖައްސާލާފައިވާ ކަމަށެވެ. ރެސްޓޯރަންޓުގައި ވަޒީފާ ޢަދާކުރާ މުވައްޒަފުންގެ ޢަދަދު ވެސް މަދުކޮށްފައިވާ ކަމަށާއި، ކެއްކުމުގައި ބޭނުންކުރާ ސާމާނު ގަނޑުކޮށް ގަންނަ މިންވަރު ވެސް މަދުކޮށްފައިިވާ ކަމަށެވެ. ތެލާއި ގޭހުގެ އަގު ބޮޑުވެފައިވާެއިރު، ވިޔަފާރި ދެމެހެއްޓުމުގެ ގޮތުން ރެސްޓޯރަންޓުގެ މެނޫގައި ހުންނަ ޑިޝްތައް ވިއްކައިގެން އާމްދަނީ
ހޯދުމަށް މަސައްކަތް ކުރުމުގެ އިތުރުން އެހެން ސާމާނު ވެސް ރެސްޓޯރަންޓު މެދުވެރިކޮށް މިހާރު ވިއްކާ ކަމަށް ލޭޝް ބުންޏެވެ.
ދުބާއީގެ އެހެން ރެސްޓޯރަންޓުތަކުގައި ވެސް ޝެފުން ދަނީ މެނޫއަށް ބަދަލު ގެނެސް ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދަމުންނެވެ. އެ ގޮތުން ބޭރުން ގެންނަ ސާމާނުގެ ބަދަލުގައި ދުބާއީއިން ފަސޭހައިން ލިބޭ ސާމާނު ރެސިޕިތައް ތައްޔާރުކުރުމުގައި ބޭނުންކުރުމާއި، މެނޫގައި ހިމެނޭ ޑިޝްތަކުގައި ހިމެނޭ ބައިތައް މަދުކޮށްލުން ނުވަތަ މެނޫ ކުޑަކޮށްލުމަކީ ރެސްޓޯރަންޓުރަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ދުބާއީގެ 9.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ރެސްޓޯރަންޓު ދާއިރާއަށް މި އަހަރުގެ ތެރޭގައި 20 އިންސައްތައިން ކުރިއެރުން ލިބޭމެ ކަމަށް ހަނގުރާމައިގެ ކުރިން އޮތީ ބެލެވިފައެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން އެ ދާއިރާއަށް ފިއްތުންތައް ކުރިމަތިވެ، ޑިމާންޑު ވަނީ 27 އިންސައްތައިން ދަށަށް ގޮސްފައެވެ. އަދި ސަޕްލައިއަށް ކުރަންޖެހޭ ޚަރަދު ވަނީ 13 އިންސައްތައިން އިތުރުވެފައެވެ.
ފަތުރުވެރިކަން ދަށަށް ދިޔުމުގެ ސަބަބުންނާއި ތަންތަނަށް ގޮސް ޚިދުމަތް ހޯދާ މީހުންގެ ޢަދަދު މަދުވުމުގެ ސަބަބުން މޯލްތަކާއި ވިޔަފާރި ކުރާ ސަރަޙައްދުތަކުގައި ހުންނަ ރެސްޓޯރަންޓުތަކަށް ވިޔަފާރިވާ މިންވަރު ވެސް ވަނީ ދަށަށް ގޮސްފައެވެ. ނަމަވެސް އާންމުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުންނަ ރެސްޓޯރަންޓުތަކަށް މާ ބޮޑު އަސަރެއް ކޮށްފައެއް ނުވެއެވެ. ދުބާއީގެ ރެސްޓޯރަންޓުތަކުން ދަނީ ކަސްޓަމަރުން އިތުރު ކުރުމަށް ތަފާތު ގޮތްގޮތަށް މަސައްކަތް ކުރަމުންނެވެ.
ޝެފް ލޭޝް ފަދަ ރެސްޓޯރަންޓު ހިންގާ ވިޔަފާރިވެރިން ބުނީ ވިޔަފާރި މިހާރު މަޑުމަޑުން ރަނގަޅުވަމުންދާ ކަމަށެވެ. އޭގެ މައިގަނޑު ސަބަބަކީ އެމެރިކާއާއި އީރާނުން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމާ ގުޅޭ އެއްބަސްވުމެއް ޤާއިމްކުރުމާއި، ދުބާއީގެ މަދަރުސާތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވުމެވެ.
ހަނގުރާމައިގެ ސަބަބުން ދުބާއީ ރެސްޓޯރަންޓުގެ ދާއިރާއަށް ގެއްލުންތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ