ޖަމާލުއްދީނާއި ރެހެންދި ކުޅޭ ތާރީޚީ ކްރިކެޓް ފައިނަލް، އެސްއެސްޓީވީން ވަގުތުން ދައްކާނެ
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް 2026"ގެ ފޯރިގަދަ ފައިނަލް މެޗު މާދަމާ ހަވީރު އެސްއެސްޓީވީ އަދި ސަން ޕްލޭއިން ވަގުތުން ގެނެސްދޭން ނިންމައިފިއެވެ. މި އަހަރު 16 އަހަރުން ދަށުގެ އުމުރުފުރާއަށް ޚާއްސަކޮށްގެން ބޭއްވި މި މުބާރާތުގެ ފައިނަލްގައި ބައްދަލުކުރާނީ ޖަމާލުއްދީން ސްކޫލާއި ރެހެންދި ސްކޫލެވެ. ޖަމާލުއްދީން ފައިނަލަށް ދަތުރުކުރީ ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށްގެންނެވެ. ރެހެންދި ސްކޫލް ފައިނަލަށް ހޮވުނީ ކުޅުނު ހަ މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްގެންނެވެ. ހޯމަ ދުވަހުގެ ހަވީރު 4:00ގައި ފަށާ މި މެޗު އެސްއެސްޓީވީ އާއި ސަން ޕްލޭ މެދުވެރިކޮށް ވަގުތުން ދައްކާއިރު، މިއީ ރާއްޖޭގައި މި އުމުރުފުރާގެ ކްރިކެޓް މެޗެއް ލައިވްކޮށް، ބްރޯޑްކާސްޓްކުރާ ފުރަތަމަ ފަހަރެވެ. މި މުބާރާތަކީ ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ 10 އޯވަރުގެ "ހާޑް ބޯލް" ކްރިކެޓް މުބާރާތެކެވެ. މި އަހަރުގެ މުބާރާތުގައި ވާދަކުރަނީ ކްރިކެޓް ބޯޑުން 2024 ވަނަ އަހަރު ފެށި "ޓުވާޑްސް 2030" ޕްރޮގްރާމްގެ ދަށުން ތަމްރީންވަމުންދާ ކުދިންނެވެ. މިއީ ކްރިކެޓްގެ އާ ޖީލެއް ބިނާކުރުމުގެ މަގްސަދުގައި ހިންގާ ގްރާސްރޫޓް އަދި ޖޫނިއާ ޑިވެލޮޕްމަންޓް ޕްރޮގްރާމެކެވެ. ކްރިކެޓް ބޯޑުގެ ރައީސް މުޙައްމަދު ފައިޞަލް ވިދާޅުވި ގޮތުގައި ފައިނަލް މެޗު ލައިވްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކުދިންނާއި ބެލެނިވެރިންގެ މެދުގައި ކްރިކެޓް މަގުބޫލުކޮށް، މި ކުޅިވަރުން ލިބެން ހުރި ފުރުސަތުތައް އަންގައިދިނުމެވެ. މީގެ އިތުރުން، ކްރިކެޓް އެކެޑަމީއެއް އުފައްދައި، 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ގައުމީ ސްކޮޑްތަކަށް ޚާއްސަ ޕްރޮގްރާމްތަކެއް ހިންގަމުންދާ ކަމަށް ފައިޞަލް ވިދާޅުވިއެވެ. އަދި އަންނަ މެއި މަހު 16 އަހަރުން ދަށުގެ ގައުމީ މުބާރާތް ބޭއްވުމުގެ އިތުރުން އެ ކުދިން ތަމްރީން ދަތުރެއްގައި ސްރީލަންކާއަށް ފޮނުވުމަށް ހަމަޖެހިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ