އެމެރިކާގެ ޤައުމީ ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތް ކުރާ އިދާރާގެ ޑިރެކްޓަރު ޖޯ ކެންޓު މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ. އޭނާ އެ މަޤާމުން އިސްތިޢުފާ ދެއްވާފައި ވަނީ ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެންނެވެ.
އެމެރިކާގެ ނޭޝަނަލް ކައުންޓަރޓެރަރިޒަމް ސެންޓަރަކީ ނިރުބަވެރިކަމާ ގުޅުންހުރި ހިރާސްތަކާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށާއި ޤައުމީ ޖާސޫސީ ޑިރެކްޓަރަށް ލަފާއަރުވާ ޤައުމީ އިދާރާއެވެ.
މަޤާމުން އިސްތިޢުފާ ދެއްވި ކަމުގެ ސިޓީ މީސްމީޑިޔާގައި ޙިއްޞާ ކުރައްވައި ކެންޓު ވިދާޅުވީ މިހާރު ހިނގަމުންދާ ހަނގުރާމައަށް ތާއީދު ކުރުމަށް އޭނާގެ ޟަމީރު ފުރުޞަތު ނުދޭ ކަމަށެވެ. އީރާނުގެ ފަރާތުން އެމެރިކާއަށް ނުރައްކަލެއް ކުރިމަތިވެފައި ނުވާ ކަމަށާއި، އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ޔަހޫދީންނާއި ޔަހޫދީންނަށް ތާއީދުކުރާ އެމެރިކާގެ ބާރުގަދަ ޝަހުސިއްޔަތުތަކުގެ ފިއްތުންތަކުގެ ސަބަބުން ކަމަށް ސާފުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކެންޓް އިތުރަށް ވިދާޅުވީ ބޭރު ޤައުމުތަކުގައި އެމެރިކާއިން އަސްކަރީ ގޮތުން ޙަރަކާތްތެރިވުން ހުއްޓައިލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވަޢުދުވެވަޑައިގެންފައިވާ ކަމަށާއި، މެެދުއިރުމަތީގައި އެމެރިކާއިން ކުރާ ހަނގުރާމަތަކަކީ ޤައުމު ދެކެ ލޯބިވާ އެމެރިކާ ރައްޔިތުންގެ ފުރާނަ ގެއްލޭ، އަދި އޭގެ ސަބަބުން ޤައުމުގެ ތަނަވަސްކަމާއި ހަމަޖެހުން ގެއްލޭ ކަމެއް ކަމަށް ޓްރަމްޕް ކުރިން ޤަބޫލުކުރެއްވި ކަމަށެވެ.
ކެންޓްގެ އިސްތިޢުފާއަކީ ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އެމެރިކާއިން އީރާނަށް ޙަމަލާ ދޭން ފެށި ފަހުން އެމެރިކާގެ ސަރުކާރުން އިސްތިޢުފާ ދެއްވާފައިވާ އެންމެ ވަރުގަދަ އެއް ސަޚުސިއްޔަތެވެ.
2019ވަނަ އަހަރު ކެންޓްގެ އަނބިކަނބަލުން އައިސިލްގެ ޙަމަލާއެއްގައި އަވަހާރަވުމާ ގުޅޭ ގޮތުން ވެސް އޭނާގެ އިސްތިޢުފާ ސިޓީގައި ވާހަކަ ދައްކަވާފައިވެއެވެ. އެ ގޮތުން އޭނާގެ އަނބިކަނބަލުން އަވަހާރަވީ ޔަހޫދީން އުފެއްދި ހަނގުރާމައެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމެރިކާގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާ ހަނގުރާމައެއް ކުރުމަށް ދެން އޮތް ޖީލު ފޮނޮވުމަށް އޭނާއަށް ތާއީދު ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އީރާނު ހަނގުރާމަ ފެށުނު ފަހުން އެމެރިކާގެ 13 ސިފައިން މިހާތަނަށް މަރުވެފައިވެއެވެ.
ނިރުބަވެރިކަމާއި ދެކޮޅަށް މަސައްކަތްކުރާ އެމެރިކާގެ އިދާރާގެ ޑިރެކްޓަރު އިސްތިޢުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ